ނުހަނު ލޯބިން ދިރިއުޅެމުން އަންނަ ދެމަފިރިން ދެ ހަތުރުންނަށް ބަދަލުވަނީއެވެ. ގިނަ ބައެއްގެ ދިރިއުޅުން ހަލާކުވެގެންދަނީއެވެ. ދަރިންގެ ކިޔެވުން ހުއްޓެނީއެވެ. ކުރާ މަސައްކަތަށް ކުރިއެރުން ނުލިބި ބަނގުރޫޓުވަނީއެވެ. މިހެން ގޮސް ކުރިމަތިނުވަނީ ކޮންކަމެއްކަން ބުނެވޭކަށް ނެތެވެ.
އެސްފީނާ އާއިމެދު ސަމާލުވެ ރައްކައުތެރިވެތިބެން މަސައްކަތްކުރަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އިސްފީނާ ޖެހުމުން ލިބޭނީ ކޮން ގެއްލުމެއްކަން ނުއެނގޭތީއެވެ. ބަދަލުވެގެން ނުދާނީ ކޮން ގެއްލުމަކަށްކަން ނުއެނގޭތީއެވެ.
ސިޙުރެއް ނުހެދިނަމަވެސް ހަމައެކަނި އެސްފީނާއިންވެސް ނުހަނު ލޯބިން ދިރިއުޅެމުން އަންނަ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހި އެކުގައި ދިރިނުޅުވޭ ޙާލަތަށް ކަންކަން އެބަދެއެވެ.
ސޯޝަލް މީޑިއާގައި ތިމާ އާއި ކުޑަދަރިންގެ ރީފޮޓޯތަކާއި ވީޑިއޯތަކާއި އެނޫންވެސް އެބާވަތުގެ ތަކެތި ހާމަނުކުރަންވީ އެންމެ ބޮޑު އެއްސަބަބަކީވެސް އެސްފީނާއިން ސަލާމަތްވެތިބުމެވެ. ޚާއްޞަކޮށް ދަރިންގެ ކިބައިގައި ހުންނަ މޮލު ހުނަރުތައް ހާމަކުރަން ހެޔޮނުވާނެއެވެ.
އޮތް އެންމެ ބޮޑު އެއް ބިރަކީ އެސްފީނާ ޖައްސުވަން ނިޔަތް ނެތި ހިތުގައި ލެވޭ ޙަސަދަވެރިކަމުންވެސް އެސްފީނާޖެހޭ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އެސްފީނާގެ ބާރުގަދަކަން ބަޔާންކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވެއެވެ. "އެސްފީނާގެ ބާރުގަދަ ކަމަކީ އެއީ ހަމަ ކޮންމެ ކަމެއްވެސް އޭގެ ސަބަބުން ވެދާނެ. މިސާލަކަށް ވަރަށް ބަސްއަހާ ކުއްޖެއް އޭނައަށް އެސްފީނާ ޖެހިގެން ބަސްނާހާ ކުއްޖަކަށްވެސް އެކުއްޖާ ބަދަލުވެގެން ހިނގައިދާނެ. ބައެއްފަހަރަށް ވަރަށް ރީތިކޮށް ހެދި ބޮޑުވަމުން އަންނަ ގަހެއް އެ ގަހަށް އެސްފީނާ ޖެހުމުގެ ސަބަބުން ހަމަ އެއްކޮށް ފަތްތައް ފައިބާ ވީރާނާ ވެގެންވެސް ހިނގައިދާނެ އެފަދަ ވަރުގަދަ އެއްޗެއް އެއީ ."