ގޭގެ މަސައްކަތްތައް ތިމާ ނުކުރާނަމަ އަނބިމިީހާ ކުރަން ބޭނުންވާ ތަރުތީބަކުން ކުރަން ފުރުޞަތުދޭށެވެ! ކުށްވެރިކޮށް ބަސްބުނާނަމަ އެގެއަކު ހަމަޖެހުމެއް ނުއޮންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ގޭގެ މަސައްކަތްތައް ތިމާ ނުކުރާނަމަ އަނބިމިީހާ ކުރަން ބޭނުންވާ ތަރުތީބަކުން ކުރަން ފުރުޞަތުދޭށެވެ! ކުށްވެރިކޮށް ބަސްބުނާނަމަ އެގެއަކު ހަމަޖެހުމެއް ނުއޮންނާނެ!

ސިންކުގައި ތަށިތައް ހުއްޓައި ފެނިއްޖެނަމަ ފިރިމީހާ ރުޅި އައުދެއެވެ. އެކަމަކު އެކަން ތަކުރާރުވެސް ކުރެވެއެވެ.

ތަކުރާރުކުރަންޖެހޭ ސަބަބަކީ ރޭގަނޑު ކައިނިމިގެން ފުރަތަމަ ކަމަކަށް ދަރިންގެ ފިލާވަޅުތައް ހައްދުވަން ކުދިންނާއިއެކު އިށީންނާތީއެވެ. ތަށިތައް ދޮވުމަކީ ދަރިން ނިންދަވާފައިވެސް ކުރެވިދާނެ ކަމަކަށްވާތީއެވެ.  

ފިރިމިހާއަށް އެކަން ވިސްނައިދޭން މަސައްކަތްކުރިނަމަވެސް ޤަބޫލެއް ނުކުރެއެވެ. ތަށިދޮންނަން މަޑުކުރީމާ ކުދިން ކިޔެވުން ނޫންކަމެއް ކުރަންފަށާކަމާ އެއިރުން ފިލާވަޅުތައް ހައްދުވަން އުނދަގޫވާކަމަށް ބުނުމުންވެސް ޤަބޫލެއް ނުކުރެއެވެ.  

ފިރިމީހާ މަސައްކަތްކުރަނީ އަޅުގަނޑުގެ ކުށްދައްކާށެވެ. ބޭނުންވަނީ ޒުވާބުކުރާށެވެ. އެކަމަކު އަޅުގަނޑު ރައްދުނުދޭތީ ޒުވާބެއް ނުކުރެވެއެވެ. އެކަމަކު މިއީ ކެތްތެރިވެވޭވަރުގެ ކަމެއް ނޫނެވެ. ކެތްތެރިކަން ކޮޅުން ލައިފިއެވެ.  

މިއީ އަންތބަކު ހިއްސާކުރި ވާހަކަކޮޅެކެވެ. އަހުރެން ބުނާނީ ގޭގެ ކަންކަން ތަރުތީބުކުރަން އަނބިންނަށް ފުރުޞަތުދޭށެވެ. އެކަނބަލުންނަށް ފަސޭހަވާނެ ގޮތަކަށް ެކަންކުރަން ދޫކޮށްލާށެވެ. މިޙާދިސާއަށްބަލާއިރު މިޖެހެނީ ސިންކުގައި ތަށިތައް ހުންނަ މައްސަލައެކެވެ. އެކަމުން ލިބޭނެ ދެރައެއް ގެއްލުމެއް ނެތެވެ. ލަހުން ނަމަވެސް އަނބިމީހާ ތަށިތައް ދޮންނާނެއެވެ.  

ތިބާއަކީ ޒިންމާދާރު ފިރިއެއް ނަމަ އަނބިމީހާ އެބުނާ ޙާލަތުގައި ތިބާ ޢަމަލުކުރަން ދެގޮތެއް އެބައޮތެވެ. ދަރިންނަށް ކިޔަވައިދޭން ތިބާ އިށީނދެފައި ތަށިދޮންނަން އަނބިމީހާއަށް ފުރުޞަތުދޭށެވެ. ދެވަނަ ގޮތަކީ ތިބާ ގޮސް ތަށިތައް ދޮވެލުމެވެ. މިތަނުން ބޭނުން ގޮތެއް އިޚްތިޔާރުކުރެވިދާނެއެވެ.  

ގޭތެރޭގެ މަސައްކަތާއި އަދި ދަރިންގެ ކަންކަމަކީ ވަކިމީހަކު ކުރަންޖެހޭނެ ކަންކަމެއް ނޫނެވެ. ދެމީހުންވެސް ކުރަންޖެހޭނެ ކަންކަމެވެ. ވީމާ އުފާވެރި ދިރިއުޅުމެއް އުޅެވޭނީ ދެމަފިރިންވެސް އެކަކު އަނެކަކަށް އެއްބާރުލުން ދީގެންނެވެ. މިބާވަތުގެ ކަންކަމުގައި ރުޅި އިސްކޮށް ބަސްބުނާނަމަ އެގެއެއްގައި ހަމަޖެހުމެއް ނުއޮންނާނެއެވެ. އަބަދުވެސް އޮންނާނީ ޒުވާބުކުރަންޖެހިފައެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން