މިހާރަކަށްއައިސް މާފުކުރުން ވެފައި މިއޮންނަނީ މީސްތަކުންނަށް ކުރަން އެންމެ އުނދަގޫކަންތަކަށެވެ.
މާފުކުރުމަކީ ވަރަށް ހިތްވަރުގަދަ މީހުންނަށް ކުރެވޭނެ ކަމެކެވެ. ޒަވާޖީ ހަޔާތުގައި އެކަކަށް ކުރެވޭ ކުށެއްގެ ސަބަބުން އެކުގައި ދިރިއުޅެވެން ނެތް ޙާލަތަކަށް ކަންކަން ދިއުމުން ކައިވެނި ރޫޅައިލަން ޖެހުނަސް ފުރތަމަ ކަމަކަށް މާފުކުރާށެވެ! އެއަށްފަހު އަޅާ ފިޔަވަޅެއް އަޅާށެވެ! މާފުކުރަން ފަސްޖެހޭނަމަ ކުރިމަތިލާން ޖެހިދާނެ މިބަޔާންކުރާ ޙާލަތަށް ބިރުވެތިވާށެވެ!
"ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، ﷲ ގެ މަގުގައި ހިޖުރަ ކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން ޢަފޫ ކޮށް މާފުކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ". (އަންނޫނު: 22)
މިއާޔަތުން އަހުރެން މިބުނަނީ ދެވަނަ ބައެވެ. "--- އަދި އެއުރެން ޢަފޫ ކޮށް މާފުކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ".
މިވަޙީ ބަސްފުޅުން އެނގެނީ ޤިޔާމަތް ދުވަހުން އެމީހާގެ ޙިސާބު ބައްލަވާއިރު ﷲ ތަޢާލާ ބައްލަވައި ވޮޑިގަންނަވާނީ މާފުކުރުމުގައި އެމީހަކު މީސްތަކުންނާއިމެދު ޢަމަލުކުރި ގޮތުގެ މައްޗަށްކަމެވެ. ވަރަށް ސާފު ޢިބާރާތުން އެވަޙީ ކުރައްވަވަނީ މީސްތަކުންނަށް މާފުކުރުމަށެވެ. ތިމަން ﷲ ގެ ޙަޟްރަތުން ފާފަތައް ފުއްސެވުމަށް އެދޭމީހާ، އެހެން މީހުންނަށް މާފުކުރާ މީހަކަށްވުމަށެވެ.
ހަމައެއާއިއެކު ތިމަން ﷲ އީ ގިނަގިނައިން ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. ކަމެވެ. .
މީސްތަކުންނޭވެ! އަހަރެމެންނަކީ މީސްތަކުންނަށް ހިތްހަރު، ރަޙުމްކޮށް މާފުނުކުރާ ބައަކު ކަމުގައިވެއްޖެނަމަ ޤިޔާމަތް ދުވަހު ތިމާއާއިމެދު ﷲ ތަޢާލާ އެފަދައިން ކަންކަން ނިންމަވައިފިނަމަ އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟
ހަމައެއާއިއެކު މީސްތަކުންގެ ކުށް ހޯދަން މަސައްކަތްކުރުން ހުއްޓައިލާށެވެ! ތިމާގެވެސް ކުށްތަކެއް ހުންނާނެއެވެ! ޤިޔާމަތް ދުވަހު ﷲ ތަޢާލާ އަހަރެމެންނަށް ކުރެވިފައިވާ ކުށްތައް، ފާފަތައް އެއްކުރައްވަވައި ޢަފޫ ނުކުރައްވަވައިފިނަމަ ސުވަރުގޭގެ ވަސްވެސް އަހަރެމެންނަށް ފެންނާނީ ކިހިނަކުން ހެއްޔެވެ؟ ވީމާ މިއަދު އުލެންވީ އެހެން މީހުންގެ ކުށްތައް ހޯދާކަށް ނޫނެވެ. މަސައްކަތްކުރަންވީ ތިމާއަކީ ކުށް ނުކުރާ މީހަކަށްވުމަށެވެ. އަދި އެހެން މީހުންނަށް ވީހައި ގިނައިން މާފުކުރާ މީހަކަށްވުމަށެވެ.
ކޮންމެ ދެމަފިރިއަކުވެސް މިކަމަށް ސަމާލުކަންދޭށެވެ! އަނެކާގެ ކިބައިން އުނިކަމެއް ފެނިއްޖެނަމަ އަވަހަށް މާފުކުރާށެވެ! އެކަން މައްސަލައަކަށް ހަދަންވާނީ ކުށްތަކުރާރުކުރާނަމައެވެ. އިޞްލާޙްކުރަން މަސައްކަތްނުކުރާނަމައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން