ތައުބާވާން ވިސްނިއްޖެނަމަ އެކަމަށް އަވަސްވެގަންނާށެވެ! ނޫންނަމަ އެނަގައިލެވެނީ ﷲ ތަޢާލާ ދެއްވަވާ އެންމެ އަގުހުރި ފުރުޞަތެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތައުބާވާން ވިސްނިއްޖެނަމަ އެކަމަށް އަވަސްވެގަންނާށެވެ! ނޫންނަމަ އެނަގައިލެވެނީ ﷲ ތަޢާލާ ދެއްވަވާ އެންމެ އަގުހުރި ފުރުޞަތެކެވެ!

މީސްތަކުންނޭވެ! ތައުބާވުމަށް ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވާ ވަރާއިމެދުގައި ނިކަން ވިސްނައިލަބަލާށެވެ!

އެންމެހައި އިންސާނުންގެ ބައްޕަ ކަމުގައިވި އާދަމްގެފާނަށް އެބޮޑު ފާފަކުރެއްވެވުމުން މިކުރެއްވެވުނީ ބޮޑުވެގެންވާ ފާފައެއްކަމާއި ﷲ ތަޢާލާ ފާފަ ފުއްސަވައިދެއްވެވުމުން ނޫނީ އެއްވެސް ސަލާމަތްކަމެއް ނެތްކަން އާދަމްގެފާނަށް ޤަބޫލުފުޅު ކުރެއްވެވުނު ހިނދު ﷲ ތަޢާލާ މިންވަރުކުރެއްވެވިގޮތް ނިކަން ދެކިބަލާށެވެ!  

އިޚްލާޞްތެރިކަމާއިއެކު ޢާދަމްގެފާނު ތައުބާވެވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިގަތުމުން ތައުބާވެވަޑައިގަތުމަށް ވިދާޅުވީ ކަލިމަތައް ނުވަތަ ޢިބާރާތްވެސް އާދަމްގެފާނަށް އުނގަންނަވައި ދެއްވެވީ ﷲ ތަޢާލާއެވެ. އެކަމުންވެސް އެނގެންދަނީ ކޮންމެ މީހަކަށްވެސް ފާފަކުރެވޭނެ ކަމާއި ފާފަކުރެވުމުން އިޚްލާޞްތެރިކަމާއިއެކު ތައުބާވާން އެދޭމީހާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ މިންވަރެވެ.  

މީސްތަކުންނޭވ! ތައުބާވުމަކީ ބޮޑުކަމެއްކަމަސް އެއްގޮތަކަށްވެސް ހީނުކުރާށެވެ! ކޮށްލަންޖެހޭ ހަމައެކަނި ކަމަކީ މީހާ އިޚްލާޞްތެރިކަމާއިއެކު ތައުބާވާން ބޭނުންވުމެވެ. އެއިރުން ﷲ ތަޢާލާ އެމީހަކަށް އެކަމަށް މަގުފަހިކުރައްވަވައިދެއްވަވާނެތެވެ. އެފަދައިން މީހާ ތައުބާވެއްޖެނަމަ ވަގުތުން ތައުބާ ޤަބޫލުފުޅުކުރައްވަވާނެތެވެ. އިން ޝާ ﷲ  

ގިނަގިނައިން ތައުބާވާ މީހާދެކެ ﷲ ތަޢާލާ ލޯބިފުޅުވެ ވޮޑިގެންވެއެވެ. ވީމާ ރަމަޟާންމަހަށްފަހުގައިވެސް ގިނަގިނައިން ތައުބާވާ މީހަކަށްވާށެވެ! ކޮންމެ ދުވަހަކީވެސް އެނގިގެންނާއި ނުއެނގި އެތައް ފާފަތަކެއް ކުރެވޭނެ ދުވަހަކަށްވާތީއެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން