ކީރިތި ޤުރްއާން ކިޔަވަން ފަށާނަމަ މިކިޔައިދޭ ކަންކަމަށް ވަރަށް ރަނގަޅަށް ސަމާލުކަންދޭށެވެ!
މުޞްޙަފް ބަލައިގެން ޤުރްއާން ކިޔަވަން ޤަޞްދުކުރާ މީހާ މުޞްޙަފް އުފުލުމުގެކުރިން ވުޟޫކުރަންޖެހޭނެއެވެ. އެއީ ވާޖިބެކެވެ. އެންމެ ރަނގަޅު ގޮތަކީ ވުޟޫކުރުމުގެ ކުރިން ރަނގަޅަށް ދަތްތައް އުނގުޅައި އަނގަ ސާފުކުރުމެވެ. ﷲ ތަޢާލާގެ އެންމެ މަތިވެރިވެގެންވާ ކަލިމަފުޅުތައް ކިޔަންފެށުމުގެކުރިން އެކަމަށް އަނގަ ތައްޔާރުކުރުމުގެ ގޮތުންނެވެ.
އަނގައިގަ އެއްވެސް ވަހެއް ހުންނަނަމަ އަދި ކާއެއްޗެތީގެ އަސަރުހުރިނަމަ އަތުގައި ހުރިނަމަ މައުތްވޯޝް ބޭނުންކޮށްގެން އަނގައިން މީރުވެސް ދުއްވުމަކީވެސް ކުރަން ވަރަށް ރަނގަޅު ކަމެކެވެ. ތިބާ ކިޔަވާ އަޑު އަހަން މަލާއިކަތުންގެ ފައުޖުތައް ޙާޟިރުވެވަޑައިގަންނަވާނެތީއެވެ. އެހެންކަމުން ލައިގެން އިންނަ ފޭރާމަކީ ސާފުތާހިރު ނުބައިވަހެއް ނެތް ފޭރާމެއް ކަމަށްވެސް ހަދަންވާނެއެވެ.
އިބްން ޢައްބާސް ޛިކުރުކުރައްވަވަން ފަށްޓަވާނަމަ އަނގަފުޅު ރަނގަޅަށް ދޮންނަވައި ސާފުކުރައްވަވައެވެ.
ހަމަ އެއާއިއެކު ކިޔަވަން އިންދައި އާފުރޭނަމަ ކިޔެވުން ހުއްޓާލައި މޫނު ދޮވެލައި ތާޒާވެލުމަކީވެސް ކުރަން ރަނގަޅުކަމެކެވެ. އެހެނީ ޛިކުރުކުރަންވާނީ (ޤުރްއާން ކިޔެވުމަކީ އެންމެ މަތިވެރި ޛިކުރުކުރުމެވެ) އެއްވެސް ފޫހިކަމެއް ނެތި އިނދެގެންނެވެ.
ކީރިތި ޤުރްއާން ކިޔަވަން ފަށާނަމަ ފުރަތަމަ ކަމެއްގެ ގޮތުން އަޢޫޛް ކިޔައި ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބިގަންނަންވާނެއެވެ. އަދި ފަށަންވާނީ ބިސްމިﷲ ކިޔައި ﷲ ތަޢާލާގެ އިސްމްފުޅު މަތިވެރިކުރަމުންނެވެ.
ކީރިތި ޤުރްއާން ކިޔެވުމަކީ ކުޑަ ކަމެއްގެ ގޮތުގައި ނުދެކޭށެވެ! ތިބާ ތިއަ ކިޔަވަނީ ﷲ ތަޢާލާ ވަޙީ ކުރެއްވެވި ބަސްފުޅުތަކެވެ. އެހެންކަމުން އެއީ އިންސާނެއްގެ ދުލުން ކިޔޭނެ އެންމެ މުހިންމު ތަކެއްޗެވެ. އެންމެ މަތިވެރި އަދި އަގުހުރިވެސް ތަކެއްޗެވެ.
ވީމާ ކީރިތި ޤުރްއާން ކިޔަވަން ފަށަމުން މިފަދަ ނުވަތަ މިފަދަ މޭރުމަކުން ދުޢާކުރާށެވެ.
"ޔާ ﷲ! މިއަލާގެ ދުލުން ކިޔަވާ ކީރިތި ޤުރްއާނުގެ ކޮންމެ އަކުރެއްވެސް އިނބަ ﷲ ރުހިވޮޑިގަންނަވާމަގުން ތަޖްވީދާއި އެއްގޮތަށް ކިޔުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާނދޭވެ! ކިޔަވަން އިންނައިރު ޝައިޠާނާގެ ވަސްވާސްތަކުން މިއަޅާ ސަލާމަތްކޮށްދެއްވަވާނދޭވެ! މިއަޅާ ކިޔަވާ ތަކެތި މިއަޅާއަށް ފަހުމްކޮށްދެއްވަވައި އެއިގައިވާ ޢަޖާއިބުކުރުވަނި ކަންކަން މިއަޅާއަށް ފަހުމްކޮށްދެއްވަވާނދޭވެ! ކީރިތި ޤުރްއާނަށް އަމަލުކުރުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވައި ކީރިތި ޤުރްއާނަށް އަމަލުކުރާ އަޅުންގެތެރެއިން މިއަޅާ ހިމަނުއްވަވައި ދެއްވަވާނދޭވެ!" އާމީން
ކީރިތި ޤުރްއާން ކިޔެވުމުގައި ދެގޮތަކަށް ކުރިއަށް ކުރިއަށް ގެންދެވިދާނެއެވެ. ފުރަތަމަ ގޮތަކީ ޚަތިމް ކުރުމަށް ކިޔަވާ ކިޔެވުމުވެ. އެގޮތަށް ކިޔެވިނަމަވެސް ކޮންމެ ދުވަހަކު ވެސް މާނައާއިއެކު ކޮންމެ ވެސް މިންވަރަކަށް ކިޔެވުމަކީ 2 ވަނަ ގޮތެވެ. އެންމެ މުހިންމީ މާނައަށް ވިސްނައިގެން ކިޔަވާ ކިޔެވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން