ޒުވާނަކު ބުންޏެވެ. ޝައިޚް އެވެ. ވަރަށް ބަލައިފީމެވެ. އަހުރެން ބޭނުން ސިފަތައް ހަމައަށް ހުރި ހަމައެކަކާއިވެސް ބައްދަލެއް ނުވިއެވެ. އެހެންވެ މިހުންނަނީ ކައިވެނި ނުކުރެވިފައެވެ.
އަހުރެން ބުނީމެވެ. ތިއައީ ދުނިޔެއިން ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. ހުރިހާ ކަމެއް އެންމެ ފުރިހަމަ ހަމައެންމެ އިންސާނަކު ދުނިޔޭގައި ނުވާއިރު ހުރިހާ ކަމެއް ފުރިހަމަ ބައިވެރިއަކު ހޯދަން ދާންޖެހޭނީ ދުނިޔެއިން ބޭރަށް ނޫން ހެއްޔެވެ؟ އެކަން ދުނިޔޭގައި ހުރެގެން ނުކުރެވޭނެނަމަ ﷲ ގެ މަގުގައި ޘާބިތުވެ ކެތްތެރިވެލާށެވެ. ސުވަރުގެ ވައްދަވާނެ އަޅަކަށް ވެވިއްޖެނަމަ ތިއަބުނާ ހުރިހާ ކަންކަން އެންމެ ފުރިހަމަ ބައިވެރިއަކު ދެއްވަވާނެތެވެ.
އެކުވެރިންގެ މެދުގައި ދެކެވޭ ވާހަކަތަކުގައިވެސް ގިނަ ބައަކު އަބަދުވެސް ކަންބޮޑުވުން ފައުޅުކުރާނީ ޙަޔާތަށް އެންމެ ފުރިހަމަ ބައިވެރިއަކު ނުލިބިގެންނެވެ. ނުވަތަ ލިބިފައިވާ ބައިވެރިޔާގެ ކިބައިގައި އުނި ކަންތައްތަކެއް ހުންނާތީއެވެ. ޙަޔާތަށް ބައިވެރިއަކު ލިބިފައިވީނަމަވެސް ލިބިފައިވާ ބައިވެރިޔާއާއިމެދު އިހްމާލްވެ އަޅައިނުލެވޭ، ލޯބިނުދެވޭ ވާހަކައެއް ނުދައްކާނެއެވެ.
ބުނަންހެއްޔެވެ؟ މިދެއްކެނީ ޒަވާޖީ ޙަޔާތުގެ ބައިވެރިޔާގެ ވާހަކައެވެ. އެއީ މުޅިން ތަފާތު ކަމެކެވެ. ޒަވާޖީ ޙަޔާތުގެ ބައިވެރިޔާ މިކިޔަނީ އިންސާނަކަށެވެ. ކޮންމެ އިންސާނެއްގެ ކިބައިގައިވެސް އުނި ކަންތައްތަކެއް ހުންނާނެއެވެ. އެއީ ޤަބޫލުކުރަން ޖެހޭނެ ކަމެކެވެ.
މިއަށްވުރެވެސް ތިލަކޮށްލާނަމެވެ. އަހުރެމެން ކޮންމެ މީހެއްގެ ޙަޔާތަށްވެސް ވަނީ އެއްވެސް އުނިކަމެއް ނެތް ހުރިހާކަމަކުން އެންމެ ފުރިހަމަކަން ލިބިވޮޑިގެންވާ ފަރާތް ލިބިފައެވެ. އެއީ ﷲ ތަޢާލާއެވެ. އިޚްލާޞްތެރިކަމާއިއެކު ތިބާ ﷲ ތަޢާލާ އާއިއެކުގައި ވާނަމަ ﷲ ތަޢާލާ ވޮޑިގެންވާނީ ތިބާ އާއިއެކުގައެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ހުރިހާވެސް މައްސަލައެއް އުފެދެނީ މިހިސާބުންނެވެ. ތިމާގެ ދިރިއުޅުމާއި ﷲ ތަޢާލާގެ ޙަޟްރަތާއި ހުރިގުޅުމާއިމެދު ވިސްނައިވެސް ނުލެވެނީއެވެ. ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިގެންވާ އަޅަކަށްވެވި ތިމާ އާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާނަމަ ހަޔާތުގެ ބައިވެރިޔާ އާއިމެދު ވެސް ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އެއްވެސް ޝަކުވާއެއް ކުރާކަށް ނުޖެހޭނެއެވެ. ތިބާއަށް ބޭނުންވާނެ ހުރިހާ ކަންކަމެއް ﷲ ތަޢާލާ ގެންދަވާނީ ފުރިހަމަކޮށްދެއްވަވަމުންނެވެ. ބައިވެރިޔާ ނުބައިވެގެން ބަދަލުކުރަން ޖެހުނަސް ދެއްވަވާނީ މާފުރިހަަމ ބައިވެރިއެކެވެ. އިން ޝާ ﷲ
ވީމާ ގަދަ އަޅައި މަސައްކަތް ކުރަންވީ ތިމާގެ އަމަލުތައް ސީދާ ކުރުމަށެވެ. އެކަން ކުރެވޭނީ ހިތް ސީދާ ކުރެވިގެންނެވެ. ހިތް ސާފުކުރެވިގެންނެވެ. މިކަންކަމުގެ ތަޅުދަނޑިއަކީ ހަމަ ޢަޤީދާ ވަރުގަދަކުރުމަށެވެ. ހަރުދަނާ ޢަޤީދާއެއްގެ މަތީގައި ސާބިތުވެވިއްޖެ ނަމަ ދެން ހުރި ހުރިހާ ކަމެއް ކުރިއަށް ދާނީ ސީދާ ގޮތުގައެވެ.
ދުނިޔޭގައި ހުރިހާ ކަންކަން އެންމެ ފުރިހަމަވުމަށް ނުއެދޭށެވެ! ދަތި އުނދަގުލާއި ހިތްހަމަ ނުޖެހުމުގައި ދިރިއުޅެން ޖެހުމަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއް ކަމަށް އަބަދުވެސް ބުނަނީ އެކަމުން ލިބެން އޮތް ފައިދާ ހަމަ ބޮޑުކަމުންނެވެ.
ޙަޔާތުގެ ހުރިހާ ކަންކަން އެންމެ ފުރިހަމަވެއްޖެނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަ ކުރެވުން މަދުވާނެއެވެ. ﷲ ތަޢާލާ އާއި ބާއްވަން ޖެހޭ ގުޅުންވެސް ކުޑަކުރެވޭނެއެވެ. ވީމާ ހިތްހަމަ ނުޖެހޭ ކަންކަން މެދުވެރި ކުރައްވަވަނީ ތިބާ ދެކެ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވާތީކަން ޔަޤީންކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން