ފައުޅުގައި ފާފަކުރަނިކޮށް މަރުނުވާނަމަ އެއްވެސް މީހަކު މަރުވީ ތައުބާވެ ހެޔޮ ރަޙުމަތުގައި ނޫންކަމެއް ނުއެނގޭނެ! މަރުވުމުން އެމީހަކަށް ނުބައި ބަސްބުނަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ފައުޅުގައި ފާފަކުރަނިކޮށް މަރުނުވާނަމަ އެއްވެސް މީހަކު މަރުވީ ތައުބާވެ ހެޔޮ ރަޙުމަތުގައި ނޫންކަމެއް ނުއެނގޭނެ! މަރުވުމުން އެމީހަކަށް ނުބައި ބަސްބުނަން ހެޔޮނުވާނެ!

މީހުން މަރުވުމުން، އެމީހާ މަރުވިގޮތަށް ފާޑުކިޔައި ބައެއްފަހަރު އެއްޗެތި ގޮވައި އަދި އެމީހަކަށް ކުރެވިފައިވާ ފާފަތަކުގެ ވާހަކަ ދެއްކުމަކީ ކޮންކަހަލަ ކަމެއްތޯ؟ ކިޔުންތެރިން ކުރައްވާ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

އެއްވެސް މީހަކު މަރުވުމުން އެމީހަކަށް އެއްޗެތި ނުގޮވާށެވެ! އެހެނީ އެމީހާ މަރުވި ޙާލަތު މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެމީހާއަކީ ދުނިޔޭގައި އެމީހާ އުޅުނުއިރު ކިތަންމެ ނުބައިކޮށް އުޅުނު މީހެއް ނަމަވެސް މަރުވުމުގެ ކުރިން ތައުބާވުމުން ފާފަ ފުއްސަވައިދެއްވަވާފައިވާ މީހަކަށް ވެދާނެތީއެވެ.  

ދުނިޔޭގައި ނުބައިކޮށް އުޅުނު މީހުންގެ ވާހަކަ ދައްކަންވާނީ އެހެން މީހުންނަށް އެކަމުން ޢިބްރަތެއް ޙާޞިލުކުރެވެން އޮތް ނަމައެވެ. އެހެން މީހުންނަށް ފިލާވަޅަކަށްވެ ފައިދާ ކުރާނެ ކަންތައްތަކެއް އެވާހަކަތަކުގައި ހިމެނޭނަމަ ހަމައެކަނި އެކަމުގެ ބޭނުމުގައެވެ. އެގޮތުންވެސް ދެއްކުން ރަނގަޅީ މީހަކީ ކާކުކަން ނުއެނގޭނެ ގޮތަށެވެ. ހަމައެކަނި އެމީހަކު ކުރިކަމަކާއި އެކަމުން ދެން މެދުވެރިވި ކަންކަމުގެ ވާހަކައެވެ.  

ނުބައި ނުލަފާ މީހުން ދުނިޔޭގައި އުޅޭއިރު އެމީހުންނަށް ބިރުގަންނަން ޖެހެއެވެ. ސަމާލުކަންވެސް ދޭން ޖެހޭނެއެވެ. އެއީ އެމީހެއްގެ ކިބައިން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށާއި އަދި އެހެން މީހުން ސަލާމަތްކުރުމަށެވެ. މަރުވުމުން އެމީހަކަށް އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. މީހަކަށް ދެވޭނެ އެއްވެސް ގެއްލުމެއްވެސް ނުއޮންނާނެއެވެ. އެހިސާބުން ދުނިޔޭގައި ތިބި މީހުންނަށް އޭނާގެ ކަންތައް އެވަނީ ނިމިފައެވެ.  

ކޮންމެ މީހަކީ ވެސް މަރުވާނެ މީހެކެވެ. އަދި މަރުވާ ވަގުތުން ފެށިގެން ދުނިޔޭގައި އެމީހަކު ކުރި ކަންކަމުގެ ރަހަ އެމީހަކަށް ލިބެންފަށާނެއެވެ. ރަނގަޅުގޮތުގައި ދުނިޔޭގައި އުޅެފައިވާނަމަ އެކަމުގެ އުފާވެރިކަން ލިބޭނެއެވެ. ނުބައި ގޮތުގައި ދުނިޔޭގައި އުޅެފައިވާނަމަ އެކަމުގެ ނުބައިކަންވެސް އެމީހަކާއި ބައްދަލުކުރާނެއެވެ.

އެއްވެސް މީހަކާއިމެދު ﷲ ތަޢާލާ ކަންކަން ނިންމަވާނެ ގޮތެއް ނުއެނގޭނެއެވެ. ވީމާ މީހަކު މަރުވެއްޖެ ނަމަ އެހިސާބުން އެމީހަކަށް އެއްޗެތި ގޮވުން ހުއްޓައިލާށެވެ! އެގޮތް މާފައިދާ ބޮޑެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން