މިޒަމާނުގައި ލިބިފައިވާ ފަސޭހަކަމާއިއެކު ކޮންމެ މީހަކުވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގާ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުވައެވެ. ގިނައިން އޮޅުންފިލުވަނީވެސް ތިމާއާއި އެއްވެސް ގުޅުމެއް ނެތް ކަންކަމުގެ މަޢުލޫމާތެވެ. ތިމާއަށް އެކަމަކުން ފައިދާކުރާނެ ކަންކަން އޮޅުންފިލުވަނީ މަދުބައެކެވެ.
މިކަން ބަދަލުކުރާށެވެ! އާޚިރަތް ދުވަހާއި ނަރަކައާއި ސުވަރުގެ ބެހޭ މަޢުލޫމާތު އޮޅުންފިލުވާށެވެ! ނަރަކައަށް ވަންނަންޖެހޭ ސަބަބުތަކާއި ސުވަރުގެ ވައްދަވާނެ ޢަމަލުތައް އޮޅުންފިލުވާށެވެ. އެގޮތުން ތިރީގައިވާ ލިޔުމަކީވެސް ކޮންމެ މުސްލިމަކަށްވެސް އެނގުން މުހިންމު މަޢުލޫމާތު ހިމެނޭ ލިޔުމެކެވެ.
މާނައީ: މުޢާޛު ބުން ޖަބަލު رضي اللّه عنه ރިވާކުރެއްވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. "އޭ ﷲގެ ރަސޫލާއެވެ! ތިމަން ނަރަކައިން ދިންނަވައި، ސުވަރުގެ ވައްދަވާނެ ޢަމަލެއް ދަންނަވައިދެއްވާށެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިޔަ ސުވާލުކުރެއްވީ ވަރަށް ބޮޑު ކަމަކާ ބެހޭގޮތުންނެވެ. ހަމަކަށަވަރުން، ﷲ ފަސޭހަ ކޮށްދެއްވައިފި މީހަކަށް އެކަން ފަސޭހަވާނެއެވެ. ﷲ އާ އެހެންފަރާތެއް ބައިވެރިނުކޮށް އެއިލާހަށް އަޅުކަންކުރާށެވެ. އަދި ނަމާދު ޤާއިމުކޮށް، (މުދަލު) ޒަކާތް ދީ، ރަމަޟާން މަހު ރޯދަ ހިފައި އަދި ގެފުޅަށް ގޮސް ޙައްޖުވާށެވެ."
ދެން ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ހެޔޮކަންކަމުގެ ދޮރާށިތައް ކަލޭގެފާނަށް ބުނެދެއްވަން ހެއްޔެވެ؟ ރޯދަހިފުމަކީ އައްޑަނައެކެވެ. (އެބަހީ: ރައްކާތެރިކަމެކެވެ.) އަދި ފެން ޖެހުމުން އަލިފާން ނިވޭ ފަދައިން، ޞަދަޤާތުގެ ސަބަބުން ކުށް ފާފަތައް ފުހެވިގެންދެއެވެ. އަދި ރޭގަނޑުގެ ތިންބައިން ފަހުބައިގައި ކުރާ ނަމާދުވެސް އެފަދައެވެ."
(رَوَاهُ التِّرْمِذِيُّ، وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ)
ދެން ފަހެ، އެކަލޭގެފާނު ކިޔަވައި ވިދާޅުވިއެވެ.
﴿تَتَجَافَى جُنُوبُهُمْ عَنْ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفاً وَطَمَعاً وَمِمَّا رَزَقْنَاهُمْ يُنفِقُونَ (16) فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (17) ﴾ [سورة السجدة]
"އެބައިމީހުންގެ ރައްބުގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލު، އެބައިމީހުންގެ އަރިކަށިތައް (ރޭއަޅުކަން ކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންއިލާހު، އެބައިމީހުންނަށް ދެއްވި ތަކެތީން ހޭދަ ކުރެއެވެ. [16] ފަހެ، އެބައިމީހުންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެއީ އެބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއްކަމުގައެވެ. [17]) (ސަޖިދަ ސޫރަތުގެ 16، 17)
ދެން ފަހެ، ޙަދީޘްކުރެއްވިއެވެ. "ދީނުގެ އެންމެ އިސްކަމަކީ (އެންމެ މުހިންމުކަމަކީ) ކޮބައިކަމާ އަދި އޭގެ ތަނބާއި އޭގެ ކުރިބޯއްޓާ ބެހޭގޮތުން ކަލޭގެފާނަށް ޚަބަރުދެއްވަން ހެއްޔެވެ؟"
ދެން ތިމަން ކަލޭގެފާނު ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އާދޭހެވެ. (ބުނެދެއްވާށެވެ.)” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ދީނުގެ އެންމެ އިސްކަމަކީ (އެންމެ މުހިންމުކަމަކީ) އިސްލާމުކަމެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ޖިހާދެވެ."
ދެން ފަހެ، ޙަދީޘްކުރެއްވިއެވެ. "އެހުރިހާ ކަމަކަށް ބާރުދޭ ކަންތައް ބުނެދެއްވަން ހެއްޔެވެ؟" ތިމަންކަލޭގެފާނު ދެންނެވީމެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އާދޭހެވެ. (ބުނެދެއްވާށެވެ." އެހިނދު (ރަސޫލާ صلى الله عليه وسلم) އެކަލޭގެފާނުގެ ދޫފުޅުގައި ހިއްޕެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. |"މި (އެބަހީ: ދޫ) ހިފަހައްޓާށެވެ."
އެހިނދު އެކަލޭގެފާނު (މުޢާޛް رضي اللّه عنه) ދެންނެވިއެވެ. "އޭ ﷲގެ ނަބިއްޔާއެވެ! ދައްކައި އުޅޭ ވާހަކައިގެ ސަބަބުން ތިމަންމެންނަށް ޢުޤޫބާތްދެއްވޭނެ ހެއްޔެވެ؟!" ދެން ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިބާގެ މަންމައަށް ތިބާ ގެއްލިއްޖެއެވެ. "މިއީ ބަދުދުޢާއެއް ނޫނެވެ. އެހެނަސް މީހަކުކުރާކަމަކާމެދު ހައިރާންވުމުން ނުވަތަ ބޮޑުކަމަކަމަށްވުމުން ޢަރަބިން ބުނެ އުޅޭ ޢިބާރާތެކެވެ." މީސްތަކުން މޫނުވަތަށް – ނުވަތަ ނޭފަތް ވަތަށް – ނަރަކައަށް ވައްޓައިލެވެނީ އެމީހުންގެ ދުލުން ބޭރުކުރި ބަސްތަކެއްގެ ސަބަބުން ނޫން އެހެން ކޮންކަމަކުން ހެއްޔެވެ؟!"
"ތިޔަ ސުވާލުކުރެއްވީ ވަރަށް ބޮޑު ކަމަކާ ބެހޭގޮތުންނެވެ.” މި ބަސްފުޅުގެ މުރާދަކީ ސުވަރުގެ ވެއްދެވުމާއި ނަރަކައިން ދިންނެވުމަކީ ވަރަށް ބޮޑުކަމެކެވެ. އެހެނީ ރަސޫލުންނާއި ނަބީން ފޮނުއްވެވި، ފޮތްތައް ބާއްވައިލެއްވުނީ އިންސާނުންނަށް ދިންނެވުމުގެ މަގު ބަޔާންކޮށްދެއްވުމަށެވެ."
- މަސްދަރު: ދިސަލަފިއްޔާ