މާބަނޑު އިރުގަ ތިމާއަށް ބުރަކޮށް މަސައްކަތްކުރަކޮށް ޖެހުމަކީ ޅީދަރިންނަށް އެޙާލު ޖައްސުވަންޖެހެންވީ ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
މާބަނޑު އިރުގަ ތިމާއަށް ބުރަކޮށް މަސައްކަތްކުރަކޮށް ޖެހުމަކީ ޅީދަރިންނަށް އެޙާލު ޖައްސުވަންޖެހެންވީ ސަބަބެއް ނޫން!

އެއީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. އަނބިމީހާ ބަލިވެއިނުމުން ފިރިމީހާ އޭނާއަށް ަމސައްކަތްތައް ލުއިކޮށްދިނެވެ. ކުރިއަށްވުރެ ބޮޑަށް ގޭތެރޭގެ މަސައްކަތްތަކުގައި އުޅެން ފެށިއެވެ. އޮފީހުން އަވަހަށް އައިސް ކެއްކުމަށްވެސް އެހީތެރިވެދެއެވެ.  

މިކަންކަން ފިރިމީހާގެ މަންމައަށް ބަލައެއް ނުގަނެވުނެވެ. ޅީދަރިފުޅަށް އެއްޗެތި ގޮވަމުންގޮސް ދަރިފުޅަށްވެސް އެއްޗެތި ގޮވަން ފެށިއެވެ. ދަރިފުޅުގެ ޖަވާބަކީ މަންމަ ދެކެ ލޯބިވަމެވެ. އެކަމަކު އަހުރެމެން ދެމަފިރިންގެ ދިރިއުޅުމުގެ ކަންކަމަށް ނުބެހޭށެވެ. އަނބިމީހާ އަހުރެން ދެކެ ލޯބިވާފަދައިން އަހުރެންވެސް އަހުރެންގެ އަނބިމީހާ ދެކެ ލޯބިވަމެވެ. އަހުރެންގެ އަނބިމީހާއަށް އެހީތެރިވެދިނުމަށް ހުރަސް ނުއަޅާށެވެ. އޭނާގެ ބަނޑުގައި އެއޮތީ އަހުރެންގެ ދަރިފުޅެވެ.  

މަންމަ ބުނީ ބަލިވެއިނުމަކީ ބައްޔެއް ނޫންކަމަށާއި ދަރިންނަށް ބަލިވެއިނދެ އޭނާއަށްވެސް ގޭގެ ހުރިހާ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ. ދަރިފުޅު ބުނީ އެއީ އެއިރު އެކަން އޮތްގޮތްކަމަށްވެދާނެ ކަމަށެވެ. ބައްޕަ މަންމަދެކެ ލޯބިވިވަރާއި ބައްޕަގެ ހޭލުންތެރިކަން ހުރިވަރުކަމަށްވެސް ވެދާނެ ކަމަށެވެ. މިއީ އެޒަމާން ނޫން ކަމަށެވެ.  

އެވަރުންވެސް މަންމައަށް އެކަންކަން ޤަބޫލުނުކޮށް އެކިކަންކަން ކުރަމުންގޮސް އަނބިމީހާގެ ގައިގައި ޖެހިދުވަހަކީ މަންމަ ގެއިން ނެރެލައި މަންމަގެ ގެއަށް ފޮނުވައިލި ދުވަހެވެ. ބުނީ މަންމަގެ ގޭގައި އިނުމަށެވެ. ބޭނުންވާ ކަންކަން ކޮށްދޭނެ ކަމަށެވެ. އެގޮތަށް ކަންތައްކުރަންޖެހުނީ އޭނާގެ ބަސް ޤަބޫލުނުކޮށް ކަންކަން ހައްދުފަހަނައަޅައިދިއުމުން ކަމަށެވެ.  

މިއީ އަޅުގަނޑުގެ އެކުވެރި އަންހެނަކަށް ކަންކަން ދިމާވި ގޮތެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ އެކުވެރިޔާ ދަނބިދަރިފުޅާއިމެދު ކަންކަން އެކުރިގޮތަށް ކަންކަން ނުކުރާށެވެ. ދަރިންގެ ދިރިއުޅުމުގެ ތެރެއަށް އެގޮތަށް އަތްބާނައި ގަދަވެގަންނަން މަސައްކަތްނުކުރާށެވެ. ކައިވެނިކުރުމުން ދަރިން ބޭނުންވާ ގޮތަށް ދިރިއުޅެން ފުރުޞަތުދޭށެވެ. ދަރިފުޅު އަނބިމީހާއާއިމެދު މިހައި ރަނގަޅަށް ކަންކަން ކުރާނަމަ އުފާކޮށް ހިތްވަރުދޭށެވެ. ނޫންނަމަ ކިތަންމެ ލޯބިވިޔަސް ދަރިފުލަށް ޖެހޭނީ މަންމައާއިމެދު މިގޮތަށް ފިޔަވަޅު އަޅާށެވެ.  

މިމައްސަލަ މިގޮތަށް ދިމާވަނީ އެންމެންނަށްވެސް އުލެންޖެހޭނީ ތިމާއަށް އުޅެންޖެހުނު ޙާލުގައި ކަމަށް ވިސްނޭތީއެވެ. އެއިގެ ބަދަލުގައި ތިމާއަށް ނުލިބުނު ނިޢުމަތެއް ދަރިންނަށް ނުވަތަ ޅީދަރިފުޅަށް ލިބިއްޖެނަމަ އެކަމަސްޓަކައި އުފާކުރާށެވެ. ފައިދާކުރާނީ އެއިރުންނެވެ.  

އަދި އެއްވާހަކަ ބުނެލަން ސުވާލެއްކުރާނަމެވެ. ތިމާގެ އަންހެން ދަރިފުޅު ބަލިވެއިނުމުން އޭނާގެ ފިރިމީހާ ތިބާގެ ދަރިފުޅަށް އެހީތެރިވެދޭނަމަވެސް ޢަމަލުކުރާނީ ހަމަ މިހެން ހެއްޔެވެ؟ އަހުރެން ބުނާނީ ޢަމަލުކުރާނީ ދިމާ އަނެއްކޮޅަށް ކަމަށެވެ. ގިނަ ބައަކަށް ވިސްނައިނުލެވެނީ އެކަމަށެވެ.

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން