ޢާއިޝަތު ރަފާޙް ޢަލީ
ގިނަ މީހުން ދަތްއުނގުޅާނީ ދަތްތައް ރީތިކޮށްބެހެއްޓުމުގެ ބޭނުމުގައެވެ. އެއީވެސް ހަމަ ރަނގަޅު ބޭނުމެކެވެ. އެހެންކަމާއިއެކުވެސް ދަތް އުނގުޅުމުން ލިބޭ މާމަތިވެރި ކަމެއް އެބައޮތެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ.
ދަތްއުނގުޅުމުގެ ބައެއް ފައިދާ- ޙަދީޘުން
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ ”
މާނައީ: ދަތްއުނގުޅުމަކީ އަނގައަށް ލިބޭ ތާހިރުކަމެކެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭކަމެކެވެ. “
أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- كَانَ إِذَا قَامَ مِنَ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ.
މާނައީ: ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައަލަމަ ރޭގަނޑު (ނިދިން) ތެދުވެއްޖެކަމުގައިވާނަމަ އެކަލޭގެފާނުގެ ދަތްތައް އުނގުޅައި ސާފުކުރައްވައެވެ.
كَانَ يَبْدَأُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ بَيْتَهُ قَالَتْ بِالسِّوَاكِ.
“ގެއަށް ވެދެވަޑައިގެން އެންމެ ފުރަތަމަ ނަބިއްޔާ ޞައްލﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ކަމަކީ ކޮބައިތޯ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ތިމަންކަލޭގެފާނު ސުވާލު ދެންނެވީމެވެ. ވިދާޅުވިއެވެ. ދަތްޕުޅު އުނގުޅުއްވެވުމެވެ."