ތައުބާވުމާއި ހެޔޮޢަމަލުކުރުމާއި މިއީ ތަފާތު ދެކަމެކެވެ. ވިސްނަންވީ އެއްވެސް ފާފައެއް ނުކުރައްވަވާ ހުންނަވައިގެންވެސް ކޮންމެ ދުވަހަކު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ 70، 100 ފަހަރު އަސްތަޣްފާރު ކުރެއްވެވިކަމެވެ. ތިމާއަށް އެއްވެސް ފާފައެއް ކުރެވިއްޖެނަމަ ތައުބާނުވެ ލަސްކުރަން ހެޔޮނުވާނެ ކަމެވެ. އަޅުގަނޑުމެންނަށް އޮތީ ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަތުމާއި އަދި ވިއްދައިގެން ހެޔޮ ޢަމަލެއް ކުރުމެވެ.
ތައުބާނުވެ ހުރެ ކުރާ ހެއުޢަމަލު ﷲ ޤަބޫލުފުޅު ކުރައްވާނެތޯ؟
ސުވާލުގެ ޖަވާބަކީ:
އާދެ! ޤަބޫލު ކުރައްވާނެ އިނގޭތޯ ތައުބާ އަދި ނުވިކަމުގައިވިނަމަވެސް އޭނާ ކުރާ ހެއު ޢަމަލެއް ކަމަށްވަނީނަމަ އެކަން ﷲ ޤަބޫލުފުޅު ކުރައްވާނެ. ދެން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ކުށެއް ކުރެވުނީމައި ލަސްނުކޮށް ވީ އެންމެ އަވަހަކަށް ތައުބާވުން، ތައުބާ ލަސްނުކުރުން.
އެ ސަބަބަކީ މަރު އައިސް ބައްދަލުކުރާނީ ކޮން އިރަކުން ކަމެއް އަޅުގަނޑުމެންކުރެ އެއްވެސް މީހަކަށް ނުވެއް އެނގޭނެ! އެހެންވީމާ އެކަން ނޭންގޭ އިރުގައި އަޅުގަނޑުމެން ތައުބާ ވުން ލަސްކޮށްލާފަ ބޭއްވުމަކީ އެއްގޮތަކަށްވެސް ކުރުން ބުއްދިވެރި ކަމެއް ނޫން. އެކަން ހަމަ ލަސްނުކޮށް ވީ އެންމެ އަވަހަކަށް ކުރައްވަންވާނެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް