މުސްލިމް އަޚުންނޭވެ! ﷲ تَعَالَى ވަނީ ބާއްޖަވެރިކަމުގެ އަސާސެއްކަމުގައި މައިންބަފައިން ލައްވަވައިފައެވެ. އެ ދެ މީހުންގެ ޙައްޤު ނުހަނު މަތިވެރިއެވެ. ދަރީންގެ ބާއްޖަވެރިކަމަށްޓަކައި، އެ ދެ މީހުންވާ ޤުރުބާނީގެ އަގު ވަރަށް ބޮޑެވެ.
އެއީ އިންސާނާ ދުނިޔެއަށް އައުމުގެ ސަބަބެއްކަމުގައި މެދުވެރިވި ފަރާތެވެ. އިޙުސާންތެރިކަމާއި މާތްކަމުގައި މައިންބަފައިންނާ އަޅައިކިޔޭ ވަރުގެ ބަޔަކު ނުވެއެވެ. އެ ދެ މީހުންގެ ހެޔޮކަމަށް ބަދަލެއް ނުދެވޭނެއެވެ. މައިންބަފައިން ދަރީންނަށް ހެޔޮ އެދޭލެއް ބޮޑުކަމުން، އެބައިމީހުންނަށް ނުލިބޭ ނިޢުމަތްތައް ވެސް ދަރީންނަށް ލިބުމަށް އެދެއެވެ. ދަރީން ހެޔޮ ގޮތުގައި ބޮޑުކުރުމަށް ޖާނާއި މާލުން ގުރުބާންވެއެވެ.
މި ފަދަ ބޮޑެތި ޤުރުބާނީތަކެއްވާ ބަޔަކަށް ހެޔޮކޮށް ހިތުމަކީ، ދުންޔަވީ ނަޒަރަކުން ވިސްނައިލިކަމުގައި ވިޔަސް ކޮންމެހެން ލާޒިމުކަމެއްކަމަށް އިންސާނީ ބުއްދި ޤަބޫލުކުރެއެވެ.
މުސްލިމް އަޚުންނޭވެ! އިސްލާމްދީނުގައި ވަނީ މައިންބަފައިންނަށް އޯގާތެރިވެ، އަޅައިލައި، ކިޔަމަންތެރިކަން އަދާކުރުމަށް އަމުރުކުރައްވައިފައެވެ. ކީރިތި ޤުރްއާނުގެ ހަތް ތަނެއްގައި ﷲ تَعَالَى މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވައިފައިވެއެވެ. އޭގެ ތެރެއިން ހަތަރު ތަނެއްގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް ކިޔަންމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންވެގެންވެއެވެ. މައިންބަފައިންނަށް ކަމޭހިތުމީ ނަބީބޭކަލުންނާއި ޞާލިހުންގެ ޚުލުޤުފުޅެވެ. އެއީ މުޞީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ޙާޞިލުކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއް ވެސް މެއެވެ. އެ ކަމުގެ ސަބަބުން ހިތަށް ހަމަޖެހުންލިބި، ދިރިއުޅުން ރަނގަޅުވެއެވެ. يـَحْيَى عَلَيْهِ السَّلَام ސިފަކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި އެކަލޭގެފާނުގެ މައިންބަފައިންނަށް ހެޔޮކޮށްހިއްތަވާ ބޭކަލަކުކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި، ޖައްބާރަކުކަމުގައި އެކަލޭގެފާނު ނުވެއެވެ." عِيْسَى عَلَيْهِ السَّلَامއާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި މިއަޅާގެ މަންމައަށް ހެޔޮކޮށް ހިތާމީހަކު ކަމުގައި ލެއްވިއެވެ. އަދި މިއަޅާޔަކީ އަބާއްޖަވެރި، ޖައްބާރަކު ކަމުގައި ނުލައްވަތެވެ." މައިންބަފައިންނަށް ހެޔޮކޮށްހިތާ މީހަކު ވާހުށީ ބާއްޖަވެރި ތަވާޟުޢުވެރި މީހަކަށެވެ. މައިންބަފައިންނަށް ކަމޭހިތުމަކީ ދީލަތިކަމުގެ ސިފައެކެވެ. އެއީ ފުރިހަމަކަމާއި މާތްކަމުގެ ދަލީލެކެވެ. އެއީ ސުވަރުގެއަށް ވާސިލުކޮށްދޭ މަގެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْوَالِدُ أَوْسَطُ أَبْوَابِ الْـجَنَّةِ، فَإِنْ شِئْتَ فَأَضِعْ ذَلِكَ الْبَابَ أَوِ احْفَظْهُ)[1] މާނައީ: "މަންމައާއި ބައްޕައަކީ ސުވަރުގޭގެ އެންމެ ރަނގަޅު ދޮރުކޮޅެވެ. (އެބަހީ: ބައްޕައަށް ކިޔަމަންގަތުމަކީ ސުވަރުގޭގެ އެންމެ މޮޅު ދޮރުކޮޅުން ވަދެވޭނޭ މަގެވެ.) ފަހެ އެ ދޮރުކޮޅު ނަގައިލުން ނުވަތަ އެއަށް ރައްކާތެރިވުން ވެސް ވަނީ ތިބާގެ އިޚުތިޔާރުގައެވެ."
މުސްލިމް އަޚުންނޭވެ! ﷲ تَعَالَىގެ ޙައްޤު އަދާކުރުމަށް އަމުރުކުރެއްވެވުމާ ވިދިގެން ދެން އަމުރު ކުރެއްވެވީ މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި ތިޔަބައިމީހުން، ހަމައެކަނި ﷲއަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ!" އަދި ވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ:"އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުން ކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެ މީހުންނަށް ޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީ ދުވަހު، އެ ދެ މީހުން މި އަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެ މީހުންނަށް رحمةލައްވައިފާނދޭވެ!"
މުސްލިމް އަޚުންނޭވެ! މައިންބަފައިންނަށް ކިޔަމަންތެރިވެ އިޙުތިރާމުކުރުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (رَغِمَ أَنْفُ، ثُـمَّ رَغِمَ أَنْفُ، ثُـمَّ رَغِمَ أَنْفُ) قِيْلَ: مَنْ يَا رَسُوْلَ اللهِ؟ قَالَ: (مَنْ أَدْرَكَ أَبَوَيْهِ عِنْدَ الْكِبَرِ أَحَدَهُمَا أَوْ كِلَيْهِمَا فَلَمْ يَدْخُلِ الْـجَنَّةَ)[2] މާނައީ: "ގެއްލި ހަލާކުވެއްޖެއެވެ! ގެއްލި ހަލާކުވެއްޖެއެވެ! ގެއްލި ހަލާކުވެއްޖެއެވެ!" އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! ކާކުތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މައިންބަފައިން ކުރެ އެކަކު ނުވަތަ ދެ މީހުން، މުސްކުޅި ޢުމުރުގައި އެ މީހަކާ ބައްދަލުވެ، (އެ ދެ މީހުންނަށް ޚިދުމަތްނުކޮށް އަޅައިލައި އޯގާތެރިނުވުމުގެ ސަބަބުން) ސުވަރުގެ ނުވަދެވުނު މީހާއެވެ." އެ ދެ މީހުންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެކެވެ. އެއީ ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ ކަމެކެވެ. ابْنُ مَسْعُوْد رَضِيَ اللهُ عَنْه ވިދާޅުވިއެވެ. މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލާ މެދު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައާ ސުވާލުދެންނެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (اَلصَّلَاةُ عَلَى وَقْتِهَا) މާނައީ: "ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ." ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. (ثُـمَّ بِرُّ الْوَالِدَيْنِ) "އެއަށް ފަހު މައިންބަފައިންނަށް ހެޔޮކޮށްހިތުމެވެ." ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. (اَلْـجِهَادُ فِيْ سَبِيْلِ اللَّهِ) "ﷲގެ މަގުގައި ޖިހާދުކުރުމެވެ."[3] ތިބާގެ މައިންބަފައިން އެދެނީ ތިބާއަކީ މާތް އަޚުލާޤެއްގެ ވެރިއަކަށްވެ، ހެޔޮ ކަމުގެ މަގުގައި ރިވެތި އަޚުލާޤާ އެކު ކުރިއަށްދިޔުމަށެވެ. ނުބައި ޢަމަލުތަކުންނާއި ނިކަމެތިވާ ފަދަ އެންމެހައި ކަމަކުން ދުރުހެލިވުމަށެވެ. މަގުފުރެދި ޖާހިލުކަމާއި ހަވާނަފުސަށް ހެއްލިނުދިއުމަށެވެ.
މުސްލިމް އަޚުންނޭވެ! އަހަރެމެންގެ މައިންބަފައިން އަހަރެމެންނަށްޓަކައި ގުރުބާންކުރަނީ އެ މީހުންގެ އަމިއްލަ އުފާތަކެވެ. އެ ދެ މީހުންގެ އުފާތައް ގުރުބާންކޮށްފައި ވެސް ދަރީން އުފަލުގައި ބޭތިއްބުމަށް ގަދައަޅައި މަސައްކަތްކުރެއެވެ. ދަރީންނަށްޓަކައި އެ ދެ މީހުންގެ ޙަޔާތް ގުރުބާންކުރެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށްހިތުމަށް) ތިމަންރަސްކަލާނގެ وصيةކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާ އެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރުތުނބުން ވީއްލުން ވަނީ، ދެ އަހަރުގައެވެ. (ތިމަންރަސްކަލާނގެ أمرކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكرކުރާށެވެ! އެނބުރި رجوعވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرةއަށެވެ." ޢަބްދުﷲ ބުނު ޢަމްރު ބުނުލްޢާޞް (رَضِيَ اللهُ عَنْهُمَا) ވިދާޅުވިއެވެ. (أَقْبَلَ رَجُلٌ إِلَى نَبِيِّ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: أُبَايِعُكَ عَلَى الْـهِجْرَةِ وَالْـجِهَادِ، أَبْتَغِي الْأَجْرَ مِنَ اللهِ) މާނައީ: "މީހަކު اللهގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ. اللهގެ ޙަޟުރަތުން ދަރުމައަށް އެދި، އެކަލާނގެ މަގުގައި ޖިހާދުކުރުމަށާއި ހިޖުރަކުރުމަށް އަޅުގަނޑު ކަލޭގެފާނަށް ބައިޢަތުހިފަމެވެ." އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (فَهَلْ مِنْ وَالِدَيْكَ أَحَدٌ حَيٌّ؟) "ތިބާގެ މައިންބަފައިން ކުރެ އެކަކު ވެސް ދުނިޔޭގައި އެބަހުރިހެއްޔެވެ؟" އޭނާ ދެންނެވިއެވެ. (نَعَمْ، بَلْ كِلَاهُمَا) "އާދޭހެވެ! އެ ދެ މީހުން ވެސް ދުނިޔޭގައި އެބަތިއްބެވެ." ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސުވާލުކުރެއްވިއެވެ. (فَتَبْتَغِي الْأَجْرَ مِنَ اللهِ؟) "ތިބާ اللهގެ ޙަޟުރަތުން ދަރުމައަށް އެދެމުހެއްޔެވެ؟" އޭނާ "އާދޭހެވެ." ދެންނެވުމުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (فَارْجِعْ إِلَى وَالِدَيْكَ فَأَحْسِنْ صُحْبَتَهُمَا) "ފަހެ ތިބާގެ މައިންބަފައިންގެ ގާތަށްގޮސް އެ ދެ މީހުންނަށް ހެޔޮކޮށްހިތާށެވެ." އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. (فَفِيْهِمَا فَجَاهِدْ)[4] "އެ ދެ މީހުންނަށް ހެޔޮކޮށްހިތުމުގައި ގަދައަޅައި މަސައްކަތްކުރާށެވެ!" ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މައިންބަފައިންނަށް ހެޔޮކޮށްހިތާ އެބައިމީހުންނަށް އޯގާތެރިވެ، އެބައިމީހުންގެ ޙައްޤުތައް އަދާކުރުމުގެ ސަބަބުން ސުވަރުގެ ލިބޭ ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ!
މުސްލިމް އަޚުންނޭވެ! އަހަރެމެންގެ ސަލަފުންވަނީ މައިންބަފައިންނަށް ހެޔޮކޮށްހިއްތެވުމުގައި ލާމަސީލު ނަމޫނާތަކެއް ދައްކަވައިފައެވެ. އެއް ފަހަރަކު ޔަމަނުގެ އަހުލުވެރިޔަކު، އޭނާގެ މަންމަ ބުރަކަށިމަތީ އުފުލައިގެން ޠަވާފުކުރަނިކޮށް، عَبْدُ الله بْنُ عُمَر رَضِيَ اللهُ عَنْهُمَاއަށް ފެނިވަޑައިގަތެވެ. އެ މީހާ އެކަލޭގެފާނަށް ދެންނެވިއެވެ. "އޭ اِبْنُ عُمَرއެވެ! އަޅުގަނޑަށް، އަޅުގަނޑުގެ މަންމަގެ ޙައްޤު އަދާކުރެވިއްޖެތޯއެވެ؟" ޖަވާބުގައި عَبْدُ الله بْنُ عُمَر رَضِيَ اللهُ عَنْهُمَا ވިދާޅުވިއެވެ. "ނޫނެކެވެ. އަދި ކީއްހެއްޔެވެ! ތިބާގެ މަންމަ ތިބާ ވިހެއުމަށްޓަކައި އުފުލި ވޭންތަކުގެތެރެއިން އެންމެ ވޭނެއްގެ ޙައްޤު ވެސް އަދައެއްނުކުރެވެއެވެ."[5]
މިއަދު އަހަރެމެންގެ ހާލަކީ ކޮބައިހެއްޔެވެ؟ މައިންބަފައިންނަށް ފައިސާފޮއްޗެއް ދެވުނީމާ، އެ ދެ މީހުންގެ ޙައްޤު އަދާކުރެވުނީކަމަށް، ބައެއް މީހުންނަށް ހީވާ ކަހަލައެވެ. އަދި ވެސް އަޑުއަހާށެވެ! أُوَيْسُ الْقَرْنِي رَحِمَهُ اللهއަށް މީސްތަކުންގެ ތެރޭގައި މަތިވެރި ދަރަޖައާއި ޝަރަފު ލިބިވަޑައިގަތީ ވެސް މަންމައަށް ހެޔޮކޮށްހިއްތެވުމުގެ ސަބަބުންނެވެ. އެ ކަލޭގެފާނަކީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދުވަސްވަރު އުޅުއްވި ބޭކަލެކެވެ. ނަމަވެސް އެ ކަލޭގެފާނުގެ މަންމައަށް ޚިދުމަތްކުރެއްވުމުގައި އުޅުއްވުމުގެ ސަބަބުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައާ ބައްދަލުވެ، ޞަޙާބީއަކަށްވެވަޑައިގަތުމުގެ މާތް ޝަރަފު ޙާޞިލުނުވެވުނެވެ. އެ ގުރުބާނީގެ ސަބަބުން الله تَعَالَى އެ ކަލޭގެފާނަކީ ދުޢާ އިޖާބަކުރައްވާ ބޭކަލެއްކަމުގައި ލެއްވިއެވެ." މި ފަދަ ހާދިސާތަކުން ޢިބުރަތްހާސިލުކޮށް، މައިންފަބައިންނަށް ހެޔޮކޮށްހިތާ ބަޔަކުކަމުގައި އަޅަމެންލައްވާނދޭވެ! އާމީން!