މީހުން ކިޔާ އެއްޗަކަށް ނުބަލައި އަބަދުވެސް ހިނިތުންވެގެންހުރެ ޝުކުރުއަދާކުރާ މީހާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
މީހުން ކިޔާ އެއްޗަކަށް ނުބަލައި އަބަދުވެސް ހިނިތުންވެގެންހުރެ ޝުކުރުއަދާކުރާ މީހާގެ ވާހަކަ-

އަހުރެންގެ އެކުވެރިންގެ ތެރެއިން އެކަކީ ވަރަށް ރުޅިގަދަ މީހެކެވެ. އެކަމަކު އޭނާއަކީ ވަރަށް ރަނގަޅުވެސް މީހެކެވެ. މީހުންނަށް އެހީތެރިވެދޭ މީހެކެވެ. އޭނާގެ ރުޅި މަޑުކުރަން ދޭނެ ނަޞީޙަތެއް ބުނެދެއްވަފާނަންތޯ؟  

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައި އެވާ ލިޔުމަކީ ތިއަކަމަށް ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ  

ރުޅީގެ ވާހަކަ ދެއްކުން ގިނަކުރަން މިޖެހެނީ ރުޅިއަކީ އިންސާނާގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ ކަމުގައިވާތީއެވެ. ބައެއް މީހުން މުޅި ދުވަހު ރޯދައަށްހުރެ، ރޯދަވީއްލަން ކައިރިވެފައިވަނިކޮށްވެސް ރުޅިއައިސް ކުރެވޭ ކަމަކުން، ބުނެވޭ ބަހަކުން މުޅި ދުވަހު ކުރި މަސައްކަތުން ހިފިރޯދައިގެ ދުވަސްދިއައީއެވެ. ރުޅިއަކީ ރޯދައިގެ އެންމެ ބޮޑު ދުޝްމިން ކަމަށް މިބުނަނީ ގިނަ ބައަކަށް މިލަނޑުލިބޭތީއެވެ.  

މިކިޔައިދެނީ ވަރަށް ތަފާތު މީހެއްގެ ވާހަކައެވެ. މީގެކުރިން މިފަދަ މީހެއްގެ ޥާހަކަ އަޑުއެހިން ހެއްޔެވެ؟ އޭނާ ރުޅި އެރުވުމަށް ނުވަތަ ދެރަކޮށްލުމުގެ ގޮތުން އެއްވެސް މީހަކު ބަހެއް ބުނެފިނަމަ ނުވަތަ ކަމެއްކޮށްފިނަމަ އެމީހަކަށް ޝުކުރިއްޔާއެއް ހަދިޔާކުރެއެވެ. އަދި ޝުކުރިއްޔާ ހަދިޔާކުރަނީވެސް ހިނިތުންވުމާއިއެކުގައެވެ.  

އެހެންވެ އޭނާ އެގޮތަށް ކަންތައް ކުރަނީ ކީއްވެގެންތޯ އެއްދުވަހަކު މީހަކު ސުވާލުކުރުމުން ޖަވާބުގައި ކިޔައިދިނެވެ.  

"ރުޅިއަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެކެވެ. ރުޅި އައުމުން ޝައިޠާނާ އުފާވާނެއެވެ. ރުޅި ނައުމުން ޝައިޠާނާ ވަރަށް ދެރަވާނެއެވެ. ވީމާ އަހަރެން ބޭނުންވަނީ އަބަދުވެސް ޝައިޠާނާ މާޔޫސްކޮށްލައި ދެރަކޮށްލާފައި ބަހައްޓާށެވެ."  

ދެން އޮތީ މީހުން އަހަރެން ދެރަކޮށްލަން ދައްކާ ވާހަކައެވެ. މީހަކު އެއްޗެކޭ ކިޔުމަކީ އަހަރެންނާއި ކޮން ބެހޭ ކަމެއް ހެއްޔެވެ؟ އަހަރެން މޮޅުކޮށް ދެރަކުރަން އެމީހަކަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ އަހަރެން ކަންކަން ކުރަނީ ވަރަށް ވިސްނައިގެންނެވެ. ވީހައި ރަނގަޅަކަށެވެ. އަހަރެން ކުރާ އަމަލު މިނެކިރަން އެއްވެސް މީހަކީ ކާކު ހެއްޔެވެ؟ އަހަރެން ކުރާ ޢަމަލުތައް މަލާއިކަތުން ބަރާބަރަށް ލިޔުއްވަވަތެވެ. އަހަރެންގެ ޢަމަލުތައް މިނެ ކިރުއްވަވާނީ ﷲ ތަޢާލާއެވެ. 

މިވިސްނުމުގައި ހުންނާތީ މީހަކު ބުނާ އެފަދަ އެއްވެސް ބަހަކާއިމެދު އަހަރެން ނުވެސް ވިސްނަމެވެ. ވީމާ ސިކުނޑިއަށް އެއްވެސް ބުރަކަމެއް ނުލިބެއެވެ." 

މީސްތަކުންނޭވެ! މިމީހާފަދަ މީހަކަށްވާން މަސައްކަތްކުރާށެވެ! ހިފާ ރޯދަތަކުގެ ފައިދާ ލިބެންއޮތީ އެއިރުންނެވެ.

 

- ޢިބްރަތްތެރި ފިލާވަޅު / މިއަދުނޫސް

މިއަދު އޮންލައިން