ޢަލީ އިޙްޞާން ފިރާޤް
އަޅުގަނޑުމެންގެ ތެރެއިން ގިނަބައަކަށް ވިސްނެނީ ތިމާއަކީ ޝަހާދަތްކިޔައި، ނަމާދުކުރާ މީހަކުނަމަ ތިމާއަށް ދީނުގައި ޘާބިތުވެ ހުރެވޭނެ ކަމަށެވެ. ދީނުގައި ޘާބިތުވެ ހުރުމަކީ އެއަސްވުރެ މާބޮޑުކަމެކެވެ. އެކަން ޔަޤީންކުރަންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. މިގެނެސްދެނީވެސް އެއިގެ ތެރެއިން ސަބަބެކެވެ. ގިނަގިނައިން މިފަދަ ކަންކަން ހަނދުމަކޮށް މިދެނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެ ގިނައިން ވިދާޅުވާ ދުޢާ:
أمّ المؤمنين أمّ سلمة رضى اللّـه عنــها، އަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން ޢިލްމުވެރިކަމަށް އަރާ އިންނެވި ބޭކަނބަލެކެވެ. އެކަމަނާ ގެންދެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޢަމަލުފުޅުތަކާއި ބަސްފުޅުތައް ސިކުނޑިފުޅުގައި ޚަޒާނާ ކުރައްވަމުންނެވެ. އެކަމަނާގެ އަރިހުގައި އެކަލޭގެފާނު ހުންނަވަން ހަމަޖެހިފައިވާ ދުވަސްތަކުގައި އެކަލޭގެފާނު ކުރައްވާ ދުޢާފުޅުތަކަށް ދާންދެން އެކަމަނާވަނީ ދަސްފުޅު ކުރައްވައިފައެވެ. އެކަމަނާވަނީ ފަހުން އައި މީސްތަކުންތައް އެކަންތައްތައް ބަޔާންކޮށްދެއްވައިފައެވެ.
އެއްފަހަރަކު شهر بن حوشب އޭ ކިޔުނު ބޭކަލަކު أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އޭ މުއުމިނުތަކުންގެ މަންމާއެވެ. ކަމަނާގެ ގެކޮޅުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ހޭދަކުރައްވާ ވަގުތުތަކުގައި އެންމެ ގިނައިން ވިދާޅުވާ ދުޢާއަކީ ކޮބައިތޯއެވެ؟]
أمّ المؤمنين أمّ سلمة رضى اللّـه عنــها ވިދާޅުވިއެވެ. [ތިމަންކަމަނާގެ އަރިހުގައި ހުންނަވާ ވަގުތުތަކުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެ ގިނައިން ވިދާޅުވާ ދުޢާއަކީ
" يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ "
{އެބަހީ: އޭ ހިތްތައް އެފުށްމިފުށަށް އަނބުރުއްވާ ރަސްކަލާކޮ. އިބަރަސްކަލާނގެ ދީނުގައި މިއަޅާގެ ހިތް ސާބިތުކޮށް ދެއްވާންދޭވެ.] މި ދުޢާއެވެ.]
{جامع الترمذي، كتاب الدعوات عن رسول الله صلى الله عليه وسلم، ޙަދީޘް 3522}