މާތް ﷲ ތަނަވަސްކަން ދެއްވެވުމުން ދުނިޔޭގައި ތިމާއަށް އުފަލުގައި އުޅެވުނީމައި އެނިމުނީކަމަށް ހީކުރެވޭ މީހުންނަށް ނުއެނގޭކަމަކީ ދުނިޔޭގެ ޙަޔާތުގެ ކުރުކަމެވެ. އުޚުރަވީ ޙަޔާތުގެ ދިގުކަމެވެ. މަރުވުމުން ދުނިޔެއިން ލިބޭނެ ޛައްރެއްގެ މިންވަރުވެސް ނެތްކަމެވެ. އެއްވެސް މިންވަރެއް ލިބޭނީ ތިމާއާއިއެކުގައި ކައްވަޅަށް ގެންދެވުނުނަމަ ކަމެވެ.
މިއަދުގެ ޢާންމު ޙާލަތަށް ބަލައިފިނަމަ ނިކަމެތި ފަޤީރުންގެ ޙާލު ބަލަނީ މަދުމީހެކެވެ. ތަނަވަސްކަމުގެ އަހުލުވެރިންގެ ގިނަބައަކު ވަނީ އެކަމުގައި ވަރަށް ބޮޑަށް އިހްމާލްވެފައެވެ. ސިޔާސީ ގިނަބައަކު ވަނީ އެކަމުގައި އިންތިހާއަށް ފޭލްވެފައެވެ. އެމީހުންގެ އަމިއްލަ ބޭނުމެއް ޖެހުމުން ނޫނީ ނިކަމެތިންނަކީ ދުނިޔޭގައި ތިބޭ ބައެއްކަންވެސް އެމީހުންނަށް އެނގޭ ކަމަކަށްވެސް ނުވެއެވެ.
ނިކަން ވިސްނައިލަބަލާށެވެ. ވަކި އިރަކު ނޫނެވެ. މީސްތަކުންގެ ޙާލު އަބަދުވެސް ބައްލަވައިވޮޑިގަތުމުގެ އިތުރުން ހަމަކޮންމެ ރެއަކު އެންމެ ތިރީއުޑަށް ﷲ ތަޢާލާ ތަޖައްލީވެވޮޑީގަންނަވައެވެ. ﷲ ތަޢާލާގެ އަޅުތަކުންގެ ތެރެއިން ކަންކަމަށް ދަތިވެފައިތީ، ކަންކަމަށް ބޭނުންވެގެން ތިބި މީހުންނާއި ފާފަފުއްސެވުން އެދިގެން ތިބީ ކޮންބައަކުތޯ ސުވާލުކުރައްވަވަތެވެ. އަދި އެވަރުންވެސް ފުއްދަވައިލައްވަވަނީއެއް ނޫނެވެ. އެއަޅާ އެދިދަންނަވަނީ ކޮންކަމަކަށްތޯވެސް ސުވާލުކުރައްވަވަތެވެ.
It was narrated from Abu Hurayrah (may Allah be pleased with him) that the Messenger of Allah (blessings and peace of Allah be upon him) said:
“Our Lord, may He be blessed and exalted, comes down to the lowest heaven every night when the last third of the night is left, and He says: ‘Who will call upon Me, that I may answer him? Who will ask of Me, that I may give him? Who will ask Me for forgiveness, that I may forgive him?’”
Narrated by al-Bukhaari (1145) and Muslim (758).
މީސްތަކުން އެދޭ ކަންކަން ފުއްދަވައިދެއްވަވަން ﷲ ތައާލާ އެންމެ ތިރީ އުޑަށް ހަމަކޮންމެ ރެއަކު ތަޖައްލީވެވޮޑިގެން މީސްތަކުންނާއި ކޮންމެ ރެއަކު ސުވާލުކުރަވަވާއިރު ﷲ ތަޢާލާ ދުނިޔޭގައި މަތީ ދަރަޖަ އާއި ތަނަވަސްކަން ދެއްވެވި މީހުން ފަޤީރުންގެ އަޑުނުއަހާ ފިލައިތިބެން ހެޔޮވެދާނެ ހެއްޔެވެ؟ ކަމަކަށް އެދިގެން ދިއުމުން ބައްދަލުނުވާތަނުގައި ފަޤީރުންގެ ކިބައިން އަބަދުވެސް އަޑުއިވެނީ އެމީހުން ފޮނުވާ އާދޭހުގެ މެސެޖުތަކަށް ޖަވާބުނުލިބޭކަމުގެ ޝަކުވާއެވެ.
ވީމާ ﷲ ތަޢާލާ ނުވަތަ ތަނަވަސްކަން ނުވަތަ މަތީ ދަރަޖަ ދެއްވެވުމުން އެމީހުންނަށް އެ ޤަބޫލުކުރެވެނީ އެމީހުން މިތިބީ ﷲ ތަޢާލާއަށްވުރެވެސް މާމަތީގައިކަމަށްވާނަމަ އެއީ އެމީހަކު ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭނެ ކަމެކެވެ.
މީސްތަކުންނޭވެ! މިއީ ކުދިކުދި އަދި އާދައިގެ ކަންކަމެއް ނޫނެވެ. ޤިޔާމަތް ދުވަހު އެންމެ ބޮޑެތި މައްސަލަތައް ކަމުގައިވެގެންދާނެ ކަންކަމެވެ. ވީމާ ބިރުވެތިވެ ދުނިޔޭގައި އުޅޭއިރު ނިކަމެތިންގެ ޙާލުބަލައި ކަންކަމު އެދޭ ނިކަމެތިންނަށް އެހީތެރިވެދޭ މީހަކު ކަމުގައިވާށެވެ! އެއިރުން އެމީހަކަށް ދެދުނިޔޭގައިވެސް އެހީތެރިވެވޮޑިގަންނަވނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން