ދެމަފިރިންނަށް އެކުގައި ނިދަން ނުއޮށޯވެވޭ މައްސަލައަކީ އެންމެ ބޮޑު އެއް މައްސަލަކަމަށްވެފައިވާއިރު ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އެކަމަށް ހުރަސް އެޅޭ ބައަކުވެސް ތިބެއެވެ. އެހެންކަމުން މިގެނެސްދެނީ އެފަދަ މީހުންނަށް ފައިދާކުރާނެ ލިޔުމެކެވެ. ޢަމަލުކޮށް ނިކަން ތަފާތު ތަޖުރިބާކޮށްލަބަލާށެވެ!
ﷲ ތަޢާލާ ރޭގަނޑު ލައްވަވާފައިވަނީ ދިރިއުޅެން މަސައްކަތްކުރާކަށް ނޫނެވެ. އަވަހަށް ނިދައި އަވަހަށް ހޭލައި ރޭއަޅުކަންކުރުމަށެވެ. ފަތިސްނަމާދުން ދުވަސްފެށުމަށެވެ. ނަމަވެސް މިހާރު މިއޮތީ މަސައްކަތްކުރަން ދުވާލުގެ 24 ގަޑިއިރުވެސް މަދުވެފައެވެ. އިތުރު 24 ގަޑިއިރަށް ބޭނުންވެފައެވެ. އެހެންވެ ބައެއް ވަޒީފާތަކަކީ ރޭގަނޑުން ބައެއްގައި މަސައްކަތްކުރަންޖެހޭ ވަޒީފާތަކެކެވެ. އެނޫން ގޮތެއް ނެތިއްޖެނަމަ އެފަދަ ވަޒީފާއެއް އަދާނުކުރާކަށްވެސް ނުބުނަމެވެ.
ކޮންމެއަކަސް ވަޒީފާގެ ގޮތުން ބައިވެރިޔާއަށް ވަޤުތު ނުދެވޭނަމަ ގަދައަޅައި މަސައްކަތްކުރަންވީ ރޭގަނޑުގެ ބައެއްގައި ދެމަފިރިން އެކުގައި ރޭއަޅުކަންކުރުމަށެވެ. ފަތިސްނަމާދުގެ ވަޤުތު ޖެހުމުގެ ބައިގަޑިއިރުކުރިން ނަމަވެސް ދެމަފިރިން އެކުގައި ރޭއަޅުކަންކޮށްލާފައި ދެމީހުން ފަތިސްނަމާދުކުރާށެވެ. ފިރިމީހާ ދާންވާނީ ޖަމާޢަތަށް މިސްކިތަށެވެ.
ނަމާދުނިމުމުން އިންތަނުގައި އިނދެގެން ކޮންމެހެން ކިޔަންޖެހޭ ޛިކުރުތައް ކިޔާލާފައި ފައިބައިގެން އަވަހަށް ގެއަށް އައިސް ދެމަފިރިން އެކުގައި ޛިކުރުކުރަން ވަޤުތުކޮޅެއް ހޯދާށެވެ. އެކަންކުރެވޭނީ މިސްކިތުން ފައިބާތަނުން ނުވަތަ މަގުމަތިން ބައްދަލުވާ މީހުންނާއިއެކު ވަޤުތު ބޭކާރުނުކޮށް އަވަހަށް ގެއަށް އައިސްގެންނެވެ.
ދެމަފިރިން އެކުގައި ޛިކުރުކޮށްލުމަށްފަހު ދެމަފިރިންގެ ކަންކަމަށް މަޝްވަރާކޮށްލާށެވެ. ދުވަހުގެ ކަންކަން ރާވައިލާށެވެ. އަދި ދެންވެސް ކުރަންހުރި ކަންކަމަށް ޚިޔާލު ބަދަލުކޮށްލާށެވެ. އެކަންކުރުމަށްފަހު މަސައްކަތުދާނަމަ ރޭގަނޑުން ބައެއްގައި މަސައްކަތްކުރަން ޖެހުމުން ލިބުނު އުނިކަން ފޫބެއްދޭނެއެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ރަނގަޅު ގޮތުގައި ދެމިއޮންނާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން