ރޭއަޅުކަންކުރަން ހޭލަން ބޭނުންވެގެން ނިދިނަމަވެސް ނުހޭލެވޭނަމަ ކުރެވޭނީ ކޮންކަމެއްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އާންމު ގޮތެއްގައި 2 ސަބަބެއް އޮންނަ ކަމަށެވެ. ފުރަތަމަ ސަބަބަކީ ލަހުން ނިދުމެވެ. ދެވަނަ ސަބަބަކީ ފާފަކުރެވުމެވެ. ތިރީގައިވާ ލިޔުމުން އިތުރަށް އެޙީތެރިކަން ލިބިލައްވާނެއެވެ. އިން ޝާ ﷲ
ކިތަންމެ ފަތިހަކު ނަމަވެސް ދަތުރުދިއުމަށް، ކުޅިވަރުކުޅުމަށް ފަދަ ކަންކަމަށް ހޭލަންވެއްޖެނަމަ ވަރަށް ފަސޭހައިން ހޭލެވެއެވެ. ގަޑީޖެހުމުގެ ކުރިންވެސް ހޭލެވެއެވެ. ހޭލައި ތައްޔާރުވެސް ވެއެވެ. ނަމަވެސް ރޭއަޅުކަމަށް ނުވަތަ ފަތިސްނަމާދަށް އޮންނަނީ ނުހޭލެވިފައެވެ. އެހެންކަމަށްވާނަމަ ވަރަށް ބޮޑު މައްސަލައެއް އެބައުޅޭ ނޫން ހެއްޔެވެ؟
ބައެއް މީހުންގެ ކަންބޮޑުވުމަކަށްވެފައި އޮންނަނީ އެމީހުންނަށް ދަމުނަމާދުކުރަންވެސް ފަތިސްނަމާދަށްވެސް ނުހޭލެވޭކަމެވެ. އެމީހުން ބުނަނީ ނިދަނީ ހޭލަން ބޭނުންވެގެން ތިބެ ކަމަށެވެ. އެހެނަސް ނުހޭލެވެނީ ކަމަށެވެ.
މިފަދަ ގޮތަކަށް މެދުވެރިވާނަމަ ފުރަތަމަކަމަކަށް ވެސް ފާފަކުރުމާއި ދުރުހެލިވާށެވެ! ތިބާއަށް ނުހޭލެވޭ ސަބަބަކީ ތިބާއަށް ކުރެވޭ ފާފަތައް ތިބާ ކަސްތޮޅު އެޅުވުން ކަމުގައިވެދާނެކަމަށްޓަކައެވެ. އެފަދައިން އެޅުވޭ ކަސްތޮޅަށް ޝައިޠޯނާގެ ކަސްތޮޅުވެސް ކިޔައެވެ.
ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤު ނުލިބުމަކީ ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެއްފަހަރަކު މީހަކު އިމާމް އަލްހަސަނުލް ބަޞަރީއާއި ސުވާލުކުރިއެވެ.
"ތިމަންމެނަށް ރޭ އަޅުކަން ކުރަން ނުހޭލެވެނީ ކީއްވެތޯއެވެ؟" ޖަވާބުގައި އިމާމް އަލްހަސަނުލް ބަޞަރީ ވިދާޅުވިއެވެ.
"قيدتكم ذنوبكم"
މާނައީ: "ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުން ހައްޔަރުކުރީއެވެ." (އެބަހީ: ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް ރޭ އަޅުކަންކުރުމުގެ ތައުފީޤް ނުލިބެނީއެވެ.)
﴿وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ﴾ [سورة الشورى 30]
މާނައީ: "ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެއިލާހު ގިނަފާފަތައް ޢަފޫ ކުރައްވަތެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން