ބައެއް މީހުން ސުވާލުކުރެއެވެ. މީސްތަކުން ދުނިޔެއަށް ފޮނުއްވެވުނީ އިމްތިޙާން ކުރައްވަވަންކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ މިސުވާލަށް ޖަވާބެއް ދެވޭތޯ ބަލައިލާނަމެވެ.
ނިކަން ބުނެބަލާށެވެ! ކޮންމެވެސް ކަމަކާއިހުރެ ކަންބޮޑުވާންނުޖެހޭ ހަމައެކަކު ދުނިޔޭގައި އެބަހުރި ހެއްޔެވެ؟ ދުނިޔޭގެ އެންމެންނަށް ގޮންޖަހައި ބުނަމެވެ. ކޮންމެވެސް ކަމަކާއިހުރެ ކަންބޮޑުވެގެން އުޅެން ނުޖެހޭ ހަމައެކަކުވެސް ދުނިޔޭގައި ނުހުންނާނެއެވެ. ކިތަންމެ ތަނަވަސް މީހަކު ނަމަވެސް ކިތަންމެ ރީތި މީހަކު ނަމަވެސްމެއެވެ. އަދި ކިތަންމެ ބައިވަރުތަކެއް ދެއްވަވާފައިވާ މީހަކުނަމަވެސްމެއެވެ.
ހަމައެއާއިއެކު ދުވަސްކޮޅަކު އުފަލުގައި އުޅެލެވޭ މީހަކު ހުރެދާނެއެވެ. ނަމަވެސް އެއީ ހަމަ ދާދި މަދު ދުވަސްކޮޅަކަށެވެ. ކުރުކުރު މުއްދަތަކަށެވެ. އިސާހިތަކު ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވާނެއެވެ. އަދި ކީއްހެއްޔެވެ؟ ދުވަސްކޮޅަކު އުފަލުގައި ލައްވަވަނީވެސް ހަމަ އިމްތިޙާން ކުރެއްވެވުމަށެވެ.
އަދިވެސް ވިސްނައިލާށެވެ! ދުނިޔޭގައި ތިބި އެންމެ ރީތި މީހުންގެ ތެރެއިން އެމީހާ ކައިވެނިކުރަން ބޭނުންވި މީހާ އާއި ކައިވެނިކުރެވިފައިވަނީ ކިތައް މީހުންނަށްކަން ނިކަން ބަލައިލަބަލާށެވެ! ވަރަށް ކެރިހުރެ ބުނަމެވެ. އެންމެ ރީތި މީހުންގެ ތެރެއިންވެސް އެމީހަކު ކައިވެނިކުރަން ބޭނުންވި މީހާއާއި ކައިވެނި ނުކުރެވުނު މީހުން ވަރަށް ގިނަވާނެއެވެ.
ހަމަ އެފަދައިން ދުނިޔޭގައި ތިބި އެންމެ ތަނަވަސް މީހުންނަށް ބަލާށެވެ! ފައިސާ ބަންޑެލިތަކެއްގެ މަތީގައި އިށީނދެ އޮށޯވެ ހެދިނަމަވެސް އެމީހަކު ބޭނުންވާ ހުރިހާ ކަމަކުން އެމީހަކު ބޭނުންވާ ވަރަށް ހިތްހަމަޖެހިގެން ހުރި ހަމައެކަކުވެސް ނުހުންނާނެއެވެ. އަބަދުވެސް އޮންނާނީ ސިކުނޑިއަށް ބާރުބޮޑުވާ ކޮންމެވެސް ކަމެއް ކުރިމަތިވެފައެވެ.
މިފަދަ ހުރިހާ ކަމަކުންވެސް އެނގިގެންދަނީ ދުނިޔޭގައި އެންމެންވެސް ލައްވަވަނީ ހަމަ އިމްތިޙާން ކުރެއްވެވުމަށް ކަމެވެ. ފާސްވެގެން ނޫނީ އާޚިރަތް ދުވަހު ސަލާމަތް ނުވެވޭނެ ކަމެވެ. ވީމާ ދުނިޔޭގައި ހުރެ ތިމާ ކުރާ ކޮންމެ ޢަމަލަކީވެސް އިމްތިޙާނުން ފާސްވާނެ ގޮތަށް ކުރާ ޢަމަލަކަށް ހަދަން މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން