އިމާމް ނަމާދުފަށާފައިވާތީ ވީހާއަވަހަކަށް ޖަމާއަތާ ގުޅެން ބޭނުންވިނަމަވެސް ވުޟޫ ފުރިހަމަކުރަން ސަމާލުކަންދޭށެވެ! ޖަމާޢަތުން ލިބުނު މިންވަރެއް ލިބިގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
އިމާމް ނަމާދުފަށާފައިވާތީ ވީހާއަވަހަކަށް ޖަމާއަތާ ގުޅެން ބޭނުންވިނަމަވެސް ވުޟޫ ފުރިހަމަކުރަން ސަމާލުކަންދޭށެވެ! ޖަމާޢަތުން ލިބުނު މިންވަރެއް ލިބިގަންނާށެވެ!

ބޭންކް ބަންދުކުރަނީއެވެ. ޗެކަކަށް ފައިސާ ނަގަން ކޮންމެހެންވެސް އެބަޖެހެއެވެ. އެހެންވެ ކިތަން އަވަސްއަރުވާލާފައި ދިއަނަމަވެސް ފައިސާ ނަގަން އޮތް ޗެކްނުލައި ގޮސްގެން ފައިސާ ލިބޭނެ ހެއްޔެވެ؟

ނަމާދަށް ވުޟޫކުރުމުގައިވެސް އޮތީ ހަމަ މިފަދަ ގޮތެކެވެ. ކިތަންމެ އަވަހަށް މިސްކިތަށް އަރައި ޖަމާއަތާއި ގުޅެން ބޭނުންވިޔަސް ކުރާ ނަމާދު ޞައްޙަވާނީ ފުރިހަމަ ގޮތުގައި ވުޟޫކޮށްގެން މިސްކިތަށް އެރުމުންނެވެ. ނޫންނަމަ މެދުވެރިވާނީ ޗެކް ނުލައި ބޭންކަށް ދިއުމުން ދިމާވާނެ ފަދަ ގޮތެކެވެ. އެކަންވާނީ ކުރެވޭ ބޭކާރު ކަމަކަށެވެ.

ކިތަންމެ އަވަސްއަރުވާލައިގެން ވުޟޫކުރިނަމަވެސް ވުޟޫކުރާއިރު ގުނަވަންތަކުގައި ފެންޖެއްސުމަކީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. ނަމަވެސް މިހާރަކަށް އައިސް ބައެއް މީހުން އަވަސް އަރުވާލައިގެން ވުޟޫކުރާއިރު އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވި ވުޟޫކުރެވޭތަން އެބަ ފެނެއެވެ. އެގޮތަށް ކަންތައް ނުކުރާށެވެ! ނަމާދު ޞައްޙަވުން ވަނީ ވުޟޫ ޞައްޙަވުމާއި ގުޅި ލާމެހިފައެވެ. ވުޟޫ ޞައްޙަ ނުވެ ނަމާދު ޞައްޙަ ނުވާނެތީއެވެ.  

Narrated 'Abdullah bin 'Amr:

Once the Prophet remained behind us in a journey. He joined us while we were performing ablution for the prayer which was over-due. We were just passing wet hands over our feet (and not washing them properly) so the Prophet addressed us in a loud voice and said twice or thrice: "Save your heels from the fire."  

މިޙަދީޘްފުޅަށް ބަލައިފިނަމަ ޞަޙާބީން ވުޟޫ ކުރައްވަން ތިއްބަވަނިކޮށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސަލައްމަ ވިދިވިދިގެން 3 ފަހަރު އެވަނީ ބާރު އަޑުފުޅުން އެބޭކަލުންގެ ފުންނާބުތައް ނަރަކައިން ސަލާމަތްކުރެއްވެވުމަށް ޙަދީޘްފުޅުކުރައްވަވައިފައެވެ.  

މިއީ ޤަޟާއަށް ކުރައްވަން ޖެހިވަޑައިގެންނެވި ނަމާދަކަށްވެފައި އެޙާލަތުގައި ޞަޙާބީން އަވަސްކުރައްވަވާނެއިރުވެސް، މިފަދަ ޙާލަތެއްގައި މިމޭރުމުން ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުން ފުންނާބާއި އަދި އެހެން ގުނަވަންތަކުގައިވެސް ފެންޖެއްސުމުގެ މުހިންމުކަން އެނގިގެންދެއެވެ. "ފުންނާބުތައް ނަރަކައިން ސަލާމަތްކުރަން" ހަދީޘްފުޅު ކުރެއްވެވުމަކީ އެހެން ގުނަވަންތަކުގައި ފުރިހަމައަށް ފެން ނުޖައްސައި ފަރުވާ ކުޑަކުރަން ހުއްދަލިބޭނެ ކަމެއް ނޫނެވެ. އެހެނީ ވުޟޫކުރާއިރު ގުނަވަންތަކުގައި ފުރިހަމައަށް ފެންނުޖައްސައި ވުޟޫކޮށްގެން އެ ވުޟޫ ޞައްޙައެއް ނުވާނެއެވެ.  

ހަމައެއާއިއެކު ނުހަނު ފުރިހަމައަށް ވުޟޫ ކުރައްވަވައި އަދި ހަމަ އެހައިމެ ފުރިހަމައަށް ނަމާދުވެސް ކުރެއްވެވުމަށްފަހު ޙަދީޘްފުޅު ކުރައްވަވާފައިވަނީ "ތިމަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ  މިކުރެއްވެވި ގޮތަށް ވުޟޫކޮށް އަދި ނަމާދުވެސް ކުރުމަށް" ކަމުގައިވާތީއެވެ.  

ވީމާ އިމާމާ ނަމާދު ފަށަން އުޅޭތީ ނުވަތަ ނަމާދުކުރަމުންދާތީ ކިތަންމެ އަވަހަށް ޖަމާޢަތުގައި ބައިވެރިވާން ބޭނުންވި ނަމަވެސް ވުޟޫ އެންމެ ފުރިހަމަ ގޮތުގައި ކުރަން ޚާއްޞަ ސަމާލުކަމެއް ދޭށެވެ. ގުނަވަންތަކުގައި ފުރިހަމައަށް ފެން ޖައްސައިގެން ވުޟޫކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން