ދިރިއުޅުމުގަ ކާމިޔާބު ހޯދާފައިވާ އެންމެންހެން ކުރިއަރައިގޮސްފައިވަނީ ހެޔޮލަފާ އަނބިންގެ ބަސް ޤަބޫލުކުރުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދިރިއުޅުމުގަ ކާމިޔާބު ހޯދާފައިވާ އެންމެންހެން ކުރިއަރައިގޮސްފައިވަނީ ހެޔޮލަފާ އަނބިންގެ ބަސް ޤަބޫލުކުރުމުން!

އަހުރެން މިދައްކަނީ ފިރިންގެ ވާހަކައެވެ.

ދިރިއުޅުމުގަ ކާމިޔާބު ހޯދާފައިވާ އެންމެންހެން ކުރިއަރައިގޮސްފައިވަނީ ހެޔޮލަފާ އަނބިންގެ ބަސް ޤަބޫލުކުރުމުންނެވެ. މިއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ.   

ބަސްޤަބޫލުކުރަންވީ އެބަސްބުނަނީ އަންހެނެއްކަން ނުވަތަ ފިރިހެނެއްކަން ބަލއިގެނެއް ނޫނެވެ. ބަސްބުނާ މީހާގެ ތަޤްވާވެރިކަމަށާއި އޭނާ ބުނާ ބަހުގެ ބުރަދަނަށް ބަލައިގެންނެވެ. ވީމާ އަނބިމީހާ ހެޔޮ ބަހެއް ބުނުމުން އޭނާއަކީ އަންހެނަކަށްވީތީ އަޅާނުލައިދޫކޮށްނުލާށެވެ!  

އަންހެނުންގެ ހަށިގަނޑުގެ ބާރު ފިރިހެނުންނަށްވުރެ ދެރަވުމަކީ އެކަނބަލުންގެ ވިސްނުމުގެ ބާރުވެސް ކުޑަވާނެ ކަމަށް ބަލަން އޮތް ސަބަބެއް ނޫނެވެ. ހަށިގަނޑުގެ ބާރުގަދަމިން ދެފެންވަރެއްގައި ލައްވަވާފައިވަނީ ދިރިއުޅުމުގައި ދެމީހުން އަދާކުރަންޖެހޭ ދައުރު ތަފާތުވުމުންނެވެ.  

އަންހެނުން ވަނީ ފިރިހެނުންނަށް އުނގަންނައިދީފައެވެ. ރަސޫލް ﷺ ސުވަރުގެވަޑައިގަތުމުން ދީނުގެ އެތައްކަމެއް ޞަޙާބީންނަށް އޮޅުންފިލުއްވަވައި ދެއްވެވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވެވީ މިއުންމަތުގެ މައިކަނބަލުންގެތެރެއިން ޢާއިޝަތުގެފާނެވެ.  

ރަސޫލް ﷺ އަށް ކަންކަން ބޮޑުފުޅުވެލައްވަވާ ހިނދު އެކިއެކި އަނބިއަނބިކަބަލުން ދެއްވެވި ލަފާފުޅާ އިރުޝާދުފުޅުތައް އެކަލޭގެފާނު ޤަބޫލުފުޅު ކުރެއްވެވިއެވެ. އަދި އެބޭކަނބަލުން ދެއްވެވި އިރުޝާދުފުޅުތަކަށް އަމަލުފުޅު ކުރެއްވެވުމުން ބޮޑެތި އެތައް މައްސަލަތަކެއް ޙައްލުވެގެން ދިއަކަން ސިޔަރަތުން ސާބިތުވެއެވެ.  

އެތައް ބޭކަނބަލުން ޙަދީޘް ރިވާކުރެއްވެވިއެވެ. އެ ޙަދީޘްފުޅުތަކަށް މުސްލިމުން މިއަދުވެސް މިގެންދަނީ ޢަމަލުކުރަމުންނެވެ.  

ވިޔަފާރިކުރުމުގެ ޙައްޤު އަންހެނުންނަށް ލިބިގެންވެއެވެ. މިއުންމަތުގެ މައިކަނބަލުންގެތެރެއިން ޚަދީޖަތުގެފާނަކީ ވިޔަފާރިކުރެއްވުމުގައި އެންމެ އަރައި އިންނެވި ބޭކަނބަލެކެވެ. ކުޅަދާނަވިޔަފާރިވެރިއެކެވެ.

މިބަޔާންކޮށްލީ ވަރަށް ކުޑަ މިންވަރެކެވެ. އެހެނަސް ވިސްނައިފި މީހަކަށް ވަރަށް ބޮޑު ޢިބްރަތަކަށްފުދޭނެއެވެ. އިން ޝާ ﷲ މިބަޔާންކުރެވުނު ކަންކަމުގެ ޢިލްމުވެރިން ވަނީ އެތައް ބައިވަރު ބޮޑެތި ފޮތްތައްވެސް ލިޔުއްވައިފައެވެ.  

ވީމާ އިސްލާމް ދީނުގައި އަންހެނުންނަށް އެއްވެސް މަޤާމެއް، ދަރަޖައެއް ނެތްކަމަށް ބައަކު ބުނިނަމަވެސް އެއީ ބޮޑު ދޮގެކެވެ! އޮޅުވައިލުމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން