އަންހެނުންނަށް އިސްލާމްދީނުގަ ދީފައިވާ މަތިވެރި މަޤާމު އެހެން އެއްވެސް ދީނެއްގަ ދީފައެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
އަންހެނުންނަށް އިސްލާމްދީނުގަ ދީފައިވާ މަތިވެރި މަޤާމު އެހެން އެއްވެސް ދީނެއްގަ ދީފައެއް ނެތް!

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންނަށް އިސްލާމްދީނުގައި ދެއްވަވާފައިވާ މަތިވެރިކަން އެހެން އެއްވެސް ދީނަކުން ދީފައެއް ނުވެއެވެ. ވީމާ ތިއަކަނަބަލުންނަށް ޙައްޤު މަޤާމުގައި ދެމިތިއްބަވާށެވެ. އަމިއްލައަށް އެމަޤާމު ދޫކޮށްނުލާށެވެ!  

ވަޒީފާގައި ކުރިއަރައިދިއުމަށް މަސައްކަތްކުރަންވީ ހިތްވަރުންނެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމުންނެވެ. ތިއަކަނބަލުންގެ ފައިދާ ނާޖާއިޒުގޮތުގައި ހިފަން ފުރުޞަތުނުދޭށެވެ. ﷲ ތަޢާލާގެ ރުހިވޮޑޮގަތުން ލިބުމުން އޮންނާނީ ފުދިއިތުރުވެފައެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

"އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ މީހުންނާއި ޖަމާޢަތްތައް ވަރަށް ގިނައެވެ. ޙައްޤުތަކުގެ ނަމުގައި ބުނެދޭ ކަންތައްތަކުގެ ތެރެއިން ފައިދާއެއް ކުރަނީ އިސްލާމް ދީނުގެ ވާހަކަ ނުދައްކައި ނަމަވެސް ބަޔާންކުރާ އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ޙައްޤުތަކުގެ ވާހަކައިންނެވެ. ޒަމާނާއި މުޖުތަމަޢުއާއި ގުޅުވައިގެން ދައްކާ ވާހަކަތަކަށް ޢަމަލުކޮށްފިނަމަ ލިބެނީ ގެއްލުމެވެ. އިތުރު އަނިޔާއެވެ.  

އެހެންކަމަށްވާއިރު، އަދި އެކަން އެމީހުންނަށްވެސް އެނގޭއިރު އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ޙައްޤުތަކުގެ ވާހަކަތައް، އަޞްލާއި އެއްގޮތަށް ބަޔާންކުރަން އެމީހުން ފަސްޖެހެނީ ކީއްވެގެންތޯ؟"  

މިއީ ކިޔުންތެރިއަކު ކޮށްފައިވާ ސުވާލެކެވެ. ޖަވާބުގައި ބުނަން ޖެހެނީ ބައަކު ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް ދެއްކި ނަމަވެސް އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ މަތިވެރި މަޤާމު އެނގޭވަރަކަށް މީސްތަކުން އިސްލާމް ދީނަށް ލެނބެމުން އަންނަކަމަށެވެ. އެކަން ޔަޤީންވަނީ ދުނިޔޭގެ ނިޞްބަތުންބެލިނަމަވެސް އެންމެ ގިނަ އަންހެނުން އިސްލާމްވަމުން އަންނަނީ އިސްލާމް ދީނުގަ އަންހެނުންނަށް ދީފައިވާ މަޤާމަށްވުރެ މަތިވެރި މަޤާމެއް އެހެން ދީނެއްގައި އެކަނބަލުންނަށް ދީފައި ނެތްކަން އެނގުމުން ކަމަށްވާތީއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވުމުން އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

އަންހެނުންގެ ދުވަސް ފާހަގަކުރަން ބޮޑު ޕެނެލް ޑިސްކަޝަނެއް ބޭއްވި ބައަކު ދިން ދަޢުވަތަކާއި ގުޅިގެން "ތިއަ ޕެނެލްގައި ދީނީ އެއްވެސް ޢލްމުވެރިއަކު ބައިވެރިކުރައްވަންތޯ؟" ސުވާލުކުރުމުން ބުނީ ބައިވެރިނުކުރާ ކަމަށެވެ.  

އުފެދޭ ސުވާލަކީ އިސްލާމް ދީނުގެ މަގުން ކަންކަންކޮށްގެން ނޫނީ އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ކުރިއެރުމެއް ލިބިދާނެތޯއެވެ؟ ޙައްޤުތައް ހޯދައިދޭން ނުކުމެ އުޅޭ ޖަމިއްޔާތައް އިސްލާމް ދީނާއި މިހައި ދުރުވެގެން މިއުޅެނީ ކީއްވެގެންތޯއެވެ؟  

އަންހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް ކުރިއެރުން ލިބޭނެ ހުރިހާ މަގުތަކެއް ތަނަވަސްވާން އޮތީ އިސްލާމް ދީނުގެ ތެރެއިންނެވެ. އެކަން އެންމެ ބޮޑަށް އެނގިގެންދަނީ ހަމައެކަނި ޙައްޤުތަކުގައި ހިފައިގެން ތިބި ދުނިޔޭގެ އެންމެ ފުންނާބު އުސް ޤައުމުތަކުންނެވެ. ޙަޤީޤަތަށް ބަލައިފިނަމަ އަންހެނުން އެންމެ ނިކަމެތި ޙާލުގައި ތިބީ އެ ޤައުމުތަކުގައެވެ.  

އަންހެނުންނަށް އެންމެ މަތީ ޤަދަރާއި ޙިމާޔަތާއި ރައްކައުތެރިކަން ދީފައިވާ ދީނަކީ އިސްލާމް ދީނެވެ. އެއީ މުޅި ދުނިޔެވެސް އެއްބަސްވާ ޙަޤީޤަތެކެވެ. އެއްބަސްވި ނަމަވެސް މިނިވަންކަމުގެ ނަމުގައި ޤަބޫލުނުކުރަން ބައަކު ތިބުމަކީ އިސްލާމް ދީނުގެ މައްސަލައެއް ނޫނެވެ. އަމިއްލަ އެދުން ބޮޑު އެބައެއްގެ މައްސަލައެކެވެ. އެމީހުން ކުރާ ވަކާލާތުތަކުން ބައަކު މަގުފުރެދެމުންދަނީއެވެ. މަގުފުރެދެމުންދާ މީހުންނަށް އެއްވެސް މޮޅެއް ލިބޭނަމަ އަންހެނުންނަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތައް ކުރިމަތިވެފައެއް ނުވާނެއެވެ.  

ރާއްޖެއަށް ބަލައިފިނަމަ އަންހެނުންނަށް ވަނީ ދުނިޔޭގެ ނިޞްބަތުން ބެލިނަމަވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އަންހެނަކަށްވީތީ ނުކުރެވޭ މަސައްކަތެއް ނެތެވެ. އަދާނުކުރެވޭ މަޤާމެއް ނެތެވެ. ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ އެއްވެސް ޙައްޤެއް ލިބުމަށް އެއްވެސް ހުރަހެއް ނެތެވެ.  

އަންހެނުންވެސް ފިރިހެނުންވެސް ކުރިއަރައިދާނީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތް ޤަބޫލުކޮށް ޢަމަލުކުރުމުންނެވެ. އަމިއްލައަށް އިތުރު ގޮތްތައް ހަދަން އުޅެގެން ލިބޭނީ ނިކަމެތިކަމެވެ. އެހެނީ އަންހެނުންވެސް ފިރިހެނުންވެސް އުފެއްދެވީ ﷲ ތަޢާލާއެވެ. މީސްތަކުންނަށް އެންމެ ފައިދާހުރި ގޮތް ދެނެވޮޑިގެންވަނީވެސް ﷲ އެވެ. އެންމެހައި މީސްތަކުންނީ އެކަލާނގެ އަޅުންނެވެ! ވީމާ އޮންނާނެ ހަމައެކަނި ގޮތަކީ ބޯލަނބައި ކިޔަމަންވުމެވެ.

ހުރިހާވެސް މައްސަލައަކީ ﷲ ތަޢާލާގެ އެންގެވުންތައް ދޫކޮށްލައި ޙައްޤުތައް ހޯދައިދިނުމުގެ ނަމުގައި އަންހެނުން ނިކަމެތިކުރަމުން ގެންދާތީއެވެ. ވީމާ އޮތް ހަމައެކަނި ޙައްލަކީ ޙަޤީޤަތް ޤަބޫލުކުރުމެވެ. ލޮބުވެތި ކަނބަލުންނަށް އޮތީ ޤުރްއާނާއި ސުންނަތުގައި ތިއަ ލޮބުވެތި ކަނބަލުންނަށް ދެއްވަވާފައިވާ މަތިވެރި މަޤާމް ދަސްކުރުމެވެ. އެއިރުން ތިއަ ކަނބަލުންގެ ބޮލަށް ޖަހަން އުޅޭ ޗިޕެއް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން