ދެމަފިރިންގެ މައްސަލަތައް ޙަލުކުރެވޭނީ އެކަމަށް އެންމެ ރަނގަޅު ވަޤުތުގަ މަޝްވަރާކުރީމަ! އަނެކާ ފެންނައިރަށް ޝަކުވާތައް ގިނަކުރީމަ ދާނީ ގޯހުން ގޯހަށް!: ޝައިޚް މާޒިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ދެމަފިރިންގެ މައްސަލަތައް ޙަލުކުރެވޭނީ އެކަމަށް އެންމެ ރަނގަޅު ވަޤުތުގަ މަޝްވަރާކުރީމަ! އަނެކާ ފެންނައިރަށް ޝަކުވާތައް ގިނަކުރީމަ ދާނީ ގޯހުން ގޯހަށް!: ޝައިޚް މާޒިން

އަނެކާ ފެންނައިރަށް ޝަކުވާތައް ގިނަކުރާނަމަ ކަންކަން ދާނީ އިތުރަށް ގޯސްވަމުންނެވެ. މިއީ ބައެއް މީހުންނަށް ނުވިސްނޭ ކަމެކެވެ. އެހެންވެ މިގެނެސްދެނީ ޝައިޚް މާޒިން ދެއްވާފައިވާ ވަރަށް އަގުހރި ނަޞީޙަތުގެ ބަސްކޮޅެކެވެ.  

މީހަކު އޭނާގެ އަނބިމީހާގެ ގައިގާ ޖެހި މައްސަލައެއް ފުލުހުންނަށް ހުށަހެޅިއެވެ. އަދި ފުލުހުން އެ މަސަލަ ކޯޓަށް ހުށަހަޅައި ފަނޑިޔާރުގެ ކުރިމައްޗަށް ގެންދިއައެވެ. ޖެހި ސަބަބާއިމެދު ސުވާލުކުރުމުން އޭނާ ބުނީ ކެތްތެރިކަން ކޮޅުންލުމުން ޖެހުނީ ކަމަށެވެ. ކެތްތެރިކަން ކޮޅުންލީ ކީއްޔެވެގެންތޯ ސުވާލުކުރުމުން އޭނާ ކިޔައިދޭން ފެށިއެވެ.  

"ރޭގަނޑު މަސައްކަތް ނިންމާފައި ދެއަށް ދިއަ އިރަށް އަނބިމީހާ ޝަކުވާކުރަން ފެށީއެވެ. މިހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެގެން ކަމަށާއި ކާނެ އެއްޗެއް ދިނުމަށް އެދުމުން އެކަމަށްވެސް ސަމާލުކަން ނުދީ ހަމަ ޝަކުވާ ކުރަނީއެވެ. ދެން ނުކައި ނިދަން އޮށޯތުމުން ވެސް ހަމަ ޝަކުވާ ކުރަނީއެވެ. ތަންކޮޅެއް ބާރަށް ބަހެއް ބުނުމުން ހުއްޓާލާފައި އަނެއްކާވެސް ކޮންމެވެސް ކަމަކާއިމެދު ޝަކުވާކުރަން ފަށަނީއެވެ."  

ފަނޑިޔާރު ސުވާލުކުރިއެވެ. ދެންވީ ކިހިނަކުން ހެއްޔެވެ؟ އޭނާ ދެއްކީ ހަމަ އެއް ޒާތެއްގެ ވާހަކަތަކެކެވެ. އަނެއްކާވެސް ދެންވީ ކިހިނެއްތޯ ސުވާލުކުރުމުން އަނެއްކާވެސް ދެއްކީ ހަމަ އެއް ޒާތެއްގެ ވާހަކަތަކެކެވެ. ފަނޑިޔާރު ދެފަހަރަކު އިތުރަށް ސުވާލުކުރުމަށްފަހު ތަންކޮޅެއް ރުން ކުރު ގޮތަކަށް ބުންޏެވެ. "އަދިވެސް ޖެހި ސަބަބު ބުނެއެއް ނުދެމެއް ނޫންހެއްޔެވެ؟"  

ޖަވާބުގައި އެމީހާ ބުންޏެވެ. "ދެންވީގޮތް ތިއަ އެނގެނީ ނޫން ހެއްޔެވެ؟ 2، 3 ފަހަރު އަހަރެން ޖަވާބެއް ދޭއިރަށް ފަނޑިޔާރު މިހާރު ތިއައިނީ ރުންކުރުވެ ރަތަށް އަރައިފައެވެ. އަދި މިވީ އެންމެ  5 ވަރަކަށް މިނިޓެއްހައި އިރެވެ. އަހަރެން ކުރިކަމެއް ކުރީ މުޅި ރޭގަނޑު ހަތަރުދަމު އަނބިމީހާގެ ޝަކުވާތައް އަޑުއަހަން އޮތުމަށްފަހުގައެވެ. ވަރުބަލިވެ ނިދިއައުމުން ނިދަންވެސް ފުރުޞަތު ދިނުމުންނެވެ."  

މިއީ ވިސްނައިލުން ރަނގަޅު ހާދިސާއެކެވެ.

މީސްތަކުންނޭވެ. ވިސްނައިލުން ރަނގަޅުވާނެއެވެ. ކިތަންމެ ގިނައިން ޝަކުވާކުރި ނަމަވެސް އަނބިންގެ ގައިގައި ނުޖަހާށެވެ. އަންހެނުން އުފައްދަވާފައިވަނީ ވަރަށް ބަލިކަށި ބައެއްގެ ގޮތުގައެވެ. ވީމާ ބާރުގަދަ މީހުން އެމީހުންނަށްވުރެ ބަލިކަށި ބައަކަށް އަނިޔާކޮށްގެން ނުވާނެއެވެ. ހަމަ އެފަދައިން އަނބިންނަކީވެސް ފިރިންގެ ބޮލުގައި ކާޅުކޮށާހެން ކޮށައި ކާޅު އަބަދު "ކާންކާން" ގޮވާހެން އަޑުލައްވާ ބައަކަށް ވެގެންނުވާނެއެވެ. ޝަކުވާކުރަން ހުރިނަމަ އެކަން ވެސް ކުރަންވާނީ އެކަމަށް އެންމެ ރަނގަޅު ވަގުތުގައެވެ. ނޫން ނަމަ ގިނަ ފަހަރު ދިމާވާނެ ގޮތަކީ މައްސަލަ ހައްލުވުމުގެ ބަދަލުގައި މައްސަލަ އިތުރަށް ގޯސްވުމެވެ.  

އަނބިންނަށްވެސް ޙައްޤުތަކެއް ވެއެވެ. ފިރިންނަށްވެސް ޙައްޤުތަކެއް ވެއެވެ. ދެމީހުންވެސް އަނެކާގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ. މަޞްލަޙަތު ހިފެހެއްޓޭނީ އެއިރުންނެވެ.  

ފިރިހެނުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއް އެބައޮތެވެ. އެއީ ކިތަންމެ ކިތަންމެ ބޮޑުއަގުގައި ގަތް ފޮތެއް ނަމަވެސް ލައިބްރަރީގެ ހަރުގަނޑުގައި ބެހެއްޓުމުން އެންމެން ކިޔާނެކަން ޤަބޫލުކުރަންވާނެއެވެ. އެންމެން ފޮތް ގެންގުޅޭނީ އެއްވަރަކަށް އިޙްތިރާމްކޮށްގެނެއް ނޫނެވެ. ގަނޑެއް އިރުނު ނަމަވެސް ކަންބޮޑުނުވެ ފޮތުން އެމީހާ ހިފަން ބޭނުން ހިފާނެ މީހުން ތިބޭނެއެވެ. ވީމާ އެކަމާ ފަހުން ރުޅި އައިނަމަވެސް ކުރާނެ ކަމެއް ނުއޮންނާނެއެވެ. ފޮތުގެ ބޭރުން ކަވަރުލައި ރައްކައތެރިކުރަނީ އެ ސަބަބަށްޓަކައެވެ.  

އިސްލާމް ދީނުގައި އަނބިންނަކީ ކަވަރުލައި ރައްކައުތެރިކޮށްގެން ގެންގުޅެން ޖެހޭ ބައެކެވެ. އަނބިންނަކީ ލައިބްރަރީގައި އެންމެން ކިޔަން ބަހައްޓާ ފޮތަކަށް ނުހަދާށެވެ. އެއީ މުޖުތަމައުތެރެއަށް ނެރެ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލަން ޖެހޭ ބައެއް ނޫނެވެ. ރައްކައުތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް އެކަނި ނުފޮނުވާށެވެ. ވަޒީފާ އަދާކުރަން ނަމަވެސްމެއެވެ.

 

- އިމާމް މާޒިން ޢާދިލްގެ ދަރުސަކުން

މިއަދު އޮންލައިން