ކައިވެންޏަށްފަހު ލޯބިދަމަހައްޓަން އަނބިމީހާ އާއި އެންމެ ބޮޑަށް ބޭނުންވާ ކަންތައް ދެމީހުންގެ ތަފާތުވާނެއެވެ. ދިރާސާތަކުން އެނގޭ ގޮތުގައި ފިރިމީހާ އެންމެ ބޮޑަށް ބޭނުންވާނީ އޭނާއަށް އިޙްތިރާމްކޮށް ޤަދަރު މަތިވެރިކުރުމެވެ. އަނބިމީހާ އެންމެ ބޮޑަށް ބޭނުންވާނީ އަބަދުވެސް ލޯތްބާއި އަޅައިލުން ލިބި އެކަންކަން އިތުރުވަމުން ދިއުމެވެ.
ހެޔޮލަފާ އަނބިން ކޮންމެ ޙާލެއްގައިވެސް ފިރިމީހާގެ ޢަބުރާއި ޢިއްޒަތް ނަގަހައްޓާނެއެވެ. ފިރިމީހާއަށް ޤަދަރުކުރާނެއެވެ. ފިރިމީހާއަށް ޤަދަރުކުރުމުގެ މާނައަކީ ކުރިމަތީގައި ކިޔަމަންތެރިވުން އެކަންޏެއް ނޫނެވެ. އެންމެ މުހިންމު ކަމަކީ ޢަބުރުވެރި އަންތބެއްގެ ގޮތުގައި އިނުމެވެ. އަނބިމީހާ އެގޮތުގައި އިންނަމަ ފިރިމީހާއަށް އޮތީ އަނބިމީހާދެކެ ލޯބިވުމާއި އަޅައިލުން އިތުރުކުރުމެވެ.
ދެން މިތަނުގައިވެސް ބަލައިލަންވީ އަނބިމީހާ ދެކެ ލޯބިވުމަކީ ކޮބައިތޯއެވެ. އަނބިމީހާދެކެ ލޯބިވާ ފިރިއަކު މަކަރެއް ނުހަދާނެއެވެ. އެއްވެސް ކަމެއް އޮޅުވައެއް ނުލާނެއެވެ. ޔެދުވެރިވާނެއެވެ. ބޭވަފާތެރިއެއް ނުވާނެއެވެ. އަދި އަނބިމީހާގެ ހިތުގައި ޖެހޭނެ ކަމެއްވެސް ނުކުރާނެއެވެ.
ގޮތްބަލަންވެސް ނިކަން މިގޮތުގައި ދެމީހުންވެސް ދިރިއުޅެބަލާށެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ލިބި އިތުރުވުން ނޫންކަމެއް ނުއޮންނާނެއެވެ. ޒުވާބުކޮށް ދެބަސްވާކަށް ނުޖެހޭނެއެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން