ނިދީގެ ޙާލަތު އެކި މީހުންގެ ހުންނާނީ އެކި ގޮތަށެވެ. ނިދިފުރިހަމަވެގެން ހޭލެވި ފަތިސްނަމާދުކުރާ ބައަކު ތިބޭނެއެވެ. އަދި ނިދި ހަމަނުވަނީސް ގަދަކަމުން ތެދުވެ ފަތިސްނަމާދުކުރާ ބައަކުވެސް ތިބޭނެއެވެ. ވީމާ ފަތިސްނަމާދަށްފަހު ނިދަން އެމީހުންނަށް މަޖުބޫރުވެދާނެއެވެ.
ސުންނަތުގައި އޮތީ ފަތިސްނަމާދުކުރުމަށްފަހު އަޅުކަން ކުރުމުގައި އިނުމެވެ. މިސްކިތުގައި އިންނަން އުނދަގޫވާ މީހާ ގެއަށް ގޮސްވެސް ޤުރްޢާން ކިޔެވުން ޛިކުރުކުރުން ފަދަ އަޅުކަމެއް ކުރުން ކިތަންމެހައިވެސް ރަނގަޅެވެ. އަދި ފަތިސްނަމާދަށްފަހު ހެނދުނުގެ ޛިކުރުތައް ކިޔުމަކީ ވަރަށް ބޮޑަށް ސަމާލުކަންދީގެން ކުރަންޖެހޭނެ ކަމެކެވެ.
ހަމައެއާއިއެކު ފާހަގަކޮށްލަންޖެހޭ އެހެން ކަމެއްގެ ވާހަކަވެސް ބުނެލާނަމެވެ. ޖަމާޢަތުގައި ފަތިސްނަމާދުކޮށްގެން މިސްކިތުން ފައިބައިގެން އެކުވެރިންނާއިއެކު ހޮޓާތަކަށް ގޮސް އިނދެ ތިމާއާއި ނުބެހޭ ކަންކަމާއިބެހި، މީސްތަކުންގެ ވާހަކަދައްކައި، ޣީބަ ބުނެހެދުމަކީ ދޫކޮށްލަން ޖެހިފައިވާ ވަރަށް ނުބައި ޢާދައެކެވެ. އެއިރުން އެކުރެވޭ ކަމަކީ ފަތިހު ހޭލައި ބުރަ މަސައްކަތުން ހޯދި ޘަވާބުކޮޅު ބައަކަށް ހަދިޔާކުރެވެނީއެވެ.
ފަތިސްނަމާދު ފަހުން ނިދުމާއިމެދު ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله ގެ ބަސްފުޅު:
ފަތިސްނަމާދު ފަހުން ނިދުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ އެއީ ހިތްހަރުވާ ކަމެއް ހެއްޔެވެ؟ އަދި އެކަމަކީ މުންކަރާތެއްކަމުގައި ބެލެވޭނެ ހެއްޔެވެ؟ جزاكم الله خيراً.
ޖަވާބު: ފަތިސްނަމާދުގެ ފަހުން ނިދުމަކީ މައްސަލައެއްކަމުގައި އަޅުގަނޑުމެންނަށް އެނގިފައިނުވެއެވެ. ބައެއް މީހުންގެ މެދުގައި މަޝްހޫރުވެފައިވާގޮތުންނަމަ އެކަމަކީ އެހާ ރަނގަޅުކަމެއް ނޫނެވެ. އަދި އެކަމަކީ މިފަދަ އެފަދަ ކަމެއްކަމުގައި އެމީހުން ބުނެއެވެ. އެހެނަސް އެ ބުނުމަކީ އިތުބާރުހިފޭ ދަލީލެއް އޮތް ބުނުމެއް ނޫނެވެ.
ފަހެ ފަތިސް[ނަމާދުގެ ފަހުން ނިދުމަކީ މައްސަލައެއްނޫނެވެ. އަދި ޢަޞުރު[ނަމާދުގެ] ފަހުން ނިދުމަކީވެސް މައްސަލައެއްނޫނެވެ.
ނަމަވެސް އޭނާ ނަމާދުކުރިތަނުގައި [ޤުރުއާން] ކިޔެވުމަށާއި އިސްތިޣްފާރުކޮށް ތަސްބީޙަކިޔާ ތަހްލީލުކިޔުމާ މިފަދަކަންކަމުގައި، ފަތިސް[ނަމާދުގެ ފަހުން އިރުއަރައްޖައުމަށް ދާންދެން އިނުމަކީ އެންމެ މޮޅު އިތުރުވެގެންވާ ގޮތެވެ. އެއީ ނަބިއްޔާ -عليه الصلاة والسلام- ޢަމަލުކުރައްވާފައިވާ ގޮތެވެ.
މީހަކު އެކަންކުރުން ދޫކޮށް، ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކުރުން ނުވަތަ ނިދުމުން ނުވަތަ އެނޫންކަންކަމުގައި މަޝްޣޫލުވުމަކީ އެއީ މައްސަލައެއްނޫނެވެ.
جزاكم الله خيراً.
- ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله ( ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ)