ގިނަ ބައަކަށް އެންމެ ބޮޑަށް އިހުމާލުވެވޭ ކަންކަމުގެ ތެރޭގަ ދުނިޔޭގަ ހުރެގެން ލިބެވެން އޮތް މިބޮޑު މަތިވެރިކަން ހިމެނޭކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ގިނަ ބައަކަށް އެންމެ ބޮޑަށް އިހުމާލުވެވޭ ކަންކަމުގެ ތެރޭގަ ދުނިޔޭގަ ހުރެގެން ލިބެވެން އޮތް މިބޮޑު މަތިވެރިކަން ހިމެނޭކަން އެނގޭހެއްޔެވެ؟

ބަލިމީހުންނަށް ޒިޔާރަތްކުރުމީ އަޚާއަށްޓަކާ އަދާކުރަންޖެހޭ ޙައްޤެކެވެ. އަދި މަތިވެރި އަޅުކަމެއްވެސްމެއެވެ.  އެކަން ނުކުރުމުން ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެ ކަމެއްވެސްމެއެވެ. ހަމައެއާއިއެކު މިޙަދީޘްފުޅަށް ވިސްނައިލާށެވެ!  

عن ثوبان، رضي الله عنه، عن النبي صلى الله عليه وسلم الله عليه وسلم الله عليه وسلم ، قال‏:‏ ‏"‏إن المسلم إذا عاد أخاه المسلم لم يزل في خرفة الجنة حتي يرجع‏"‏ قيل‏:‏ يا رسول الله وما خرفة الجنة‏؟‏ قال‏:‏ ‏"‏جناها” ‏(‏‏(‏رواه مسلم‏)‏‏)‏‏.‏ 

Thauban (May Allah be pleased with him) reported: 

The Prophet (ﷺ) said, "He who visits his brother in Faith, will remain engaged in picking the fresh fruits from the garden of Jannah till he returns."

[Muslim].  

"ކަށަވަރުންވެސް މުސްލިމަކު، ބަލިހާލުގައިވާ އޭނާގެ އަޚާއަށް ޒިޔާރަތްކޮށްފިނަމަ، އޭނާ އެނބުރި ދަންދެން އެވަނީ ސުވަރުގޭގެ މޭވާ ލިބިގަތުމުގައެވެ." 

ދުނިޔޭގައި ހުއްޓައި ﷲ ތަޢާލާ ދެއްވަވާ މިފަދަ މަތިވެރި ނިޢުމަތެއް ލިބިނުގަނެ ދޫކޮށްލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ޙަދީޘްފުޅަށް ޢަމަލުކުރާށެވެ. ފޯނުން ޙާލުބެލުމުގެ ބަދަލުގައި ބަލިމީހުންނަށް ޒިޔާރަތްކުރާށެވެ. ބަލިމީހުންނަށް ޒިޔާރަތްކޮށް ޙާލުބަލަންވީ ކޮންމެހެން ޢާއިލާގެ މީހެއް ނުވަތަ ގާތް އެކުވެރިއެއް ކަމަށް ވެގެނެއް ނޫނެވެ. އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެކެވެ. އަދި އެކަމާއިމެދު ޤިޔާމަތް ދުވަހު ﷲ ތަޢާލާ ސުވާލުކުރައްވަވާނެ ޢަމަލެއްވެސްމެއެވެ.

ހިތާމައަކީ އަމިއްލަ ޢާއިލާގެ މީހުން ބަލިވެއުޅޭއިރުވެސް ޒިޔާރަތްކޮށް ޙާލުބަލައި ނުލެވޭކަމެވެ. އެހެން ނުހަދާށެވެ! ވަޤުތު ހޯދައިގެން އެހެން ކަންކަން ކުރާފަދައިން އެމީހުންނަށް ޒިޔާތްކުރާށެވެ! ތިމާއަކީވެސް ކޮންމެ ވަޤުތެއްގައިވެސް ބަލިޙާލެއްގައި އޮންނަން ޖެހިދާނެ މީހެއްކަން ވިސްނާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން