ﷲ ތަޢާލާގެ ޙަޟްރަތުން އެދެން ފަސްނުޖެހޭށެވެ! އިޚްލާޞްތެރިކަމާއެކު އެދުނީމަ އެދުނު ވަރަށްވުރެ މާގިނައިން ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ﷲ ތަޢާލާގެ ޙަޟްރަތުން އެދެން ފަސްނުޖެހޭށެވެ! އިޚްލާޞްތެރިކަމާއެކު އެދުނީމަ އެދުނު ވަރަށްވުރެ މާގިނައިން ދެއްވަވާނެ! އިން ޝާ ﷲ

ފާފަކުރެވިފައިވާނަމަ އެއީއަކީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާގެ ރަހްމަތްފުޅުން ތިމާ ބޭރުކުރައްވަވާފައިވާކަމަށް ޤަބޫލުކުރަން އޮތް ސަބަބެއް ނޫނެވެ. ﷲ ތަޢާލާއީ މީސްތަކުންނަށް އެހީތެރިވެވޮޑިގަތުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ. ކުރެވިފައިވާ ފާފަތައް ކިތަންމެ ގިނަ ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން އެއޮތީ ހުރިހާ ކަމެއް ޙައްލުވެފައެވެ. އިން ޝާ ﷲ  

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ކަމެއް ދިމާވުމުން ފުރަތަމަވެސް ކަންބޮޑުވެވެނީ އެއީ ކުރެވިފައިވާ ފާފައެއްގެ ސަބަބުން ކުރިމަތިވިކަމެއް ކަމަށެވެ. އެހެންވެސް އެކަން މެދުވެރިވެދާނެއެވެ! ނަމަވެސް މުސްލިމުންނަށް އޮތީ ކަންބޮޑުވުމެއް ނޫނެވެ.

ކުރެވިފައިވާ ފާފަ ބޮޑުކަމުން ބިރުގަތުމެއް ނެތެވެ. އަދި ގިނަވެގެންވެސް ބިރުގަތުމެއް ނެތެވެ. އަދި މާޔޫސްވުމެއްނެތެވެ. ހަމައެކަނި ކުރަން އޮތީ އެންމެ ކަމެކެވެ. އެއީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމެވެ. ތައުބާވުމަށްފަހު ކޮންމެ ކަމަކަށްނަމަވެސް އެދޭށެވެ. ފުއްދަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

މީސްތަކުންނަށް އެހީތެރިވެވޮޑިގަންނަވާނެކަން އެއީ ﷲ ތަޢާލާގެ ވަޢުދުފުޅެކެވެ.  

"--- އަދި، އެކަލާނގެ ތިއަބައިމީހުންނަށް ޢަފޫ ކުރެއްވެވިއެވެ. ﷲ އީ، މުއްމިންތަކުންގެ މައްޗަށް ފަޟްލްވަންތަވެރި ރަސްކަލާނގެއެވެ." ( އާލްއިމްރާން- 152) 

މިއާޔަތުން އެނގިގެން މިދަނީ ފާފަފުއްސަވައިދެއްވެވުން އެދި ދެންނެވުމުން ނުވަތަ ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެވެ. އަދި އަހަރެމެން އެދޭ ކަންކަން ހިންމަވައިދެއްވަވާނެ ކަމެވެ.  

މިއާޔަތުން އެނގިގެން މިދަނީ މުއްމިނުންނަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގަންނަވާނެކަމެވެ. މަދަދު ފޯރުއްވަވާނެ ކަމެވެ. ﷲ ތަޢަލާގެ ރަޙްމަތްފުޅު ލިބެމުންދާނެކަމެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅު ވަނީ އެއްވެސް އިމެއް ނެތި ފެތުރިގެންނެވެ. އެހެންކަމުން އަހަރެމެންނަށް ޙައްޤު މިންވަރަށްވުރެ މާބޮޑަށް އިތުރަށް ﷲ ތަޢާލާގެ ދީލަތި އެހީތެރިކަން އަހަރެމެންނަށް އަބަދުވެސް މިދަނީ ލިބެމުންނެވެ. ކަމަކަށް އެދި އަހަރެމެން ﷲ ތަޢާލާއަށް ދެންނެވުމުން އަބަދުވެސް މާ ބޮޑުތަން އިތުރަށް ދެއްވަވަމުން ގެންދަވާކަން އެއީ މުއްމިނުންނަށް ދީލަތިވެވޮޑިގަތުމުގައި ﷲ ތަޢާލާގެ އެއްވެސް އިމެއް ނެތްކަމުގެ ހެތްކެކެވެ.  

ނިންމާލަމުން ވެސް ބުނެލަން ބޭނުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުން އެދެން ފަސްނުޖެހޭށެވެ! އިޚްލާޞްތެރިކަމާއެކު އެދުނީމަ އެދުނު ވަރަށްވުރެ މާގިނައިން ދެއްވަވާނެތެވެ! އިން ޝާ ﷲ 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން