ގިނަ ބައަކު ދުލުން ހާމަކުރާނީ އޭނާއަކީ އޯގާތެރިއެއް ކަމެވެ. އޭނާގެ ހިތަކީ ރަޙުމާއި ކުލުނުން ފުރިފައިވާ ހިތެއް ކަމެވެ. ނަމަވެސް ޢަމަލުކުރަން ޖެހުމުން ދައްކަނީ އެއިގެ ދިމާ އިދިކޮޅެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ބަހާއި ޢަމަލު ސީދާކުރަން އެބަޖެހެއެވެ.
ގިނަ ބައަކު ވިސްނަނީ އެމީހާގެ ބާރު ދައްކައިލުމަށެވެ. މީސްތަކުންގެ މައްޗަށް ބާރުގަދަވެގަނެ އެމީހާއަކީ އެންމެ ބާރު ގަދަ މީހާކަން ދެއްކުމަށެވެ. އެފަދަ މީހުން އަބަދުވެސް ބޭނުންވާނީ އެހެން އެންމެން އެމީހަކަށް ސަޖިދަކުރަން ޖެހޭ ހާލަތުގައި ކަންކަން ބަހައްޓާށެވެ!
މިއީ މުސްލިމުންގެ ކިބައިގައި އެއްވެސް މިންވަރަކަށް ހުރެގެންވާނެ ސިފަތަކެއް ނޫނެވެ. މުސްލިމުން ވާން ޖެހޭނީ އެންމެ އޯގާތެރި، އެންމެ ރަޙްމްކުރާ މީހުންނަށެވެ.
އަނިޔާވެރިންގެ މައްޗަށް އޯގާތެރިން އަބަދުވެސް ކުރި ހޯދާކަން ދުނިޔޭގެ ކަންކޮޅުތކުގައި ބާއްވާ އިންތިޚާބުތކުން އެނގޭނެއެވެ. އިސްލާމީ ތާރީޚަށް ބެލި ނަމަވެސް އެންމެ މަތިވެރި މަޤާމެއް ހޯއްދަވާފައިވަނީ މީސްތަކުންނަށް އެންމެ ބޮޑަށް އޯގާތެރިވެލެއްވެވި ބޭކަލުންނެވެ. އެބޭކަލުންގެ ޤަދަރު އެވަރަށް އުފުލިގެން ދިއައީ ފައިސާގެ ގޮތުން އެއްވެސް ބުރަދަނެއް ނެތް ފަޤީރު ޙާލުކޮޅުގައެވެ. އަދި އެބޭކަލުން ވެވަޑައިގެންފައިވަނީ އެބޭކަލުންގެ އަތްޕުޅުގައި ހުރިނަމަ ހުރި ތަނަވަސްކަމެއްވެސް ﷲ ތަޢާލާގެ މަގުގައި ޤުރްބާން ކުރެއްވެވި ބޭފުޅުންނަށެވެ.
މީސްތަކުންގެ ތާއީދާއި ލޯބި ހޯދަން ބޭނުންނަމަ ރަޙުމާއި ކުލުނާއި ލޯބި އިސްކުރާށެވެ. ތިބާގެ މޫނު އުޖާލާކުރަން އެއަށްވުރެ ފުރިހަމަ ބޭހެއް ނުއުނގުޅޭނެއެވެ.
ވީމާ އަމިއްލަ ޢާއިލާއަށް ނަމަވެސް ބާރުވެރިވާން މަސައްކަތް ނުކުރާށެވެ! އެކަމުގެ ސަބަބުން ޢާއިލާގެ ތެރެއިންވެސް ކުރިމަތިވާނީ ނަފްރަތެވެ. ރުޅިވެރިކަމެވެ. އެއިގެ ބަދަލުގައި ހަމަ ކުރިން މިބުނި ފަދައިން ރަޙުމާއި ކުލުނާއި އޯގާތެރިކަމާއި ލޯބިދިނުން އިސްކުރާށެވެ! އޮޓޮމެޓިކުން އެމީހެއްގެ ޤަދަރު ޢާއިލާގައި އުފުލިގެންދާނެއެވެ. އިން ޝާ ﷲ.
އަދި ކީއްހެއްޔެވެ؟ އަމިއްލަ ޢާއިލާއަށް ނަމަވެސް އެހެން ބައެއްގެ މައްޗަށް ނަމަވެސް ޙައްޤު ނޫން ގޮތުގައި ބާރު ހިންގަން އުޅޭ މީހާ އެކަމުގެ ރަހަ ދެކޭނެއެވެ. ވަރަށް ހިތިކޮށެވެ. ވަރަށް ހިތާމަވެރިކޮށެވެ! މިކަންކަން ދުނިޔޭގެ ތާރީޚުން އެނގޭނެއެވެ.
މިފަދަ ކަންކަމުގައި އޮތް މައްސަލަ ވަރަށް ބޮޑެވެ. އަނބިމީހާގެމައްޗަށް ކަމަށްވިޔަސް އަދި އެހެންމީހަކަށް ނަމަވެސް ތިމާގެ ބާރާ މޮޅުކަން ދައްކަން އުޅޭނަމަ ހިމެނޭނީ ބޮޑާ ކިބުރުވެރިންގެ ތެރޭގައެވެ. އެއީ ސުވަރުގެ ނުވައްދަވާނެ ސިފައެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން