މިއީ ވަރަށް ގިނައިން ވާހަކަދެއްކޭ މައުޟޫއަކަށްވާތީ މިރޭ މިވާހަކަ ބުނެލާނީ ތަންކޮޅެއް ކުރުކޮށެވެ. ކިރިޔާ ފުދޭވަރަށެވެ. ދިގުކޮށް ކިޔައިދިނަސް ކުރުކޮށް ބުންޏަސް ފައިދާކުރާނީ ޢަމަލުކުރީމައެވެ.
ގިނަ ފިރިން އެމީހުންގެ ވަށައިގެންވާ އެންމެންގެ ވާހަކަތައް ކަނުލައި އަޑުއަހައެވެ. އެމީހުންނަށް ކަންބޮޑުވާ ކަމެއް ކުރިމަތިވެއްޖެނަމަ ކަންބޮޑުވެއެވެ. ދެރަވާނެ ކަމެއް މެދުވެރިވެއްޖެނަމަ ހިތާމައިގައި ބައިވެރިވެއެވެ. އެކަމަކު އޭނާގެ އެންމެ ގާތުގައި ހުންނަ އަނބިމީހާއާއިމެދު ކަންކަން ކުރަނީ ދިމާ އިދިކޮޅަށެވެ. އޭނާ ދައްކާވާހަކައަޑުއަހަން ބޭނުމެއް ނުވެއެވެ. އޭނާއަށް ކަންބޮޑުވާ ކަމެއް ކުރިމަތިވިޔަސް ލކަންބޮޑެއްވެސް ނުވެއެވެ. އޭނާއަށް ހިތާމަކުރަންޖެހޭ ޙާލަތެއް ކުރިމަތިވިޔަސް ދެރައެއްވެސް ނުވެއެވެ.
ގިނަ ފިރިހެނުން އެގޮތަށް ކަންތައްކުރަނީ އަނބިމީހާ ކަމަށްވީމާ އެކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދިންނަވެސް އެއީ މައްސަލައެއް ނޫންކަމަށް ދެކެގެންނެވެ. އެކަމަކު ބުނަންހެއްޔެވެ؟ ތިމާގެ ދިރިއުޅުމަށް އެންމެ ބޮޑަށް އަސަރުކުރާނީ އަނބިމީހާއާއިމެދު އެގޮތަށް ކަންކަން ކުރުމުންނެވެ.
އެގޮތަށް ކަންކަން ނުކުރާށެވެ! އަނބިމީހާ ތިމާއާއިމެދު އެގޮތަށް ކަންކަންކުރާ ދުވަހެއް އަތުވެއްޖެނަމަ ދިރިއުޅުން އެއޮތީ ހަލާކުވެފައެވެ. އަލުން ކަންކަން ރަނގަޅުކޮށް ދިރިއުޅުން އާރާސްތުކުރުންވާނީ ވަރަށް ބޮޑު ކަމަށެވެ. ގިނަފަހަރު އޮންނާނީ އެކަން ނުކުރެވި ދެމީހުން ވަކިވާންޖެހިފައެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން