އެއީ ދެފަހަރިންނެވެ. އެކަކީ އަނބިމީހާގެ ކޮއްކޮއެވެ. އަނެކަކީ ފިރިމިހާގެ ކޮއްކޮއެވެ. ފިރިމީހާގެ ކޮއްކޮގެ އެއްވެސް ކުށަކާ ނުލައި އަނބިމީހާގެ ކޮއްކޮ އޭނާއަށް އަތްއިސްކުރީއެވެ. އަތްއިސްކުރުމުން އަނެކާވެސް އަތްއިސްކުރީއެވެ. ދެމީހުންގެ މައްސަލަ ހޫނުވީ ވަޤުތު އަނބިމީހާޢައިސް ފަހަރީގެ ވާހަކަ އަޑުއަހައިލުމެއްވެސްނެތި ފަހަރިއަށް އަތްއިސްކުރީއެވެ. ފަހަރިވެސް އަތްއިސްކުރީއެވެ. ފިރިމީހާއަށް ގެއަށް އާދެވުނީ މިކަންތައްގަނޑުގެ ތެރެއަށެވެ.
ފިރިމީހާ ފުރަތަމަ އަޑުއެހީ ފަހަރީގެ ވާހަކައެވެ. ދެން ކޮއްކޮގެ ވާހަކައެވެ. ދެން އަނބިމީހާގެ ވާހަކައެވެ. އަނބިމީހާ ބޭނުންވީ ފަހަރި ވަޤުތުން ގެއިން ނެރެލާށެވެ! ފިރިމީހާ ބުނީ ގެއިން ނުކުންނަން ޖެހޭނީ ދެކޮއްކޮ އެކުގައި ކަމަށެވެ. އަދި ބޮޑަށް ކުށްވެރިވަނީވެސް ފަހަރިކަމަށާއި އެއީ އިސްވެ އަތް އިސްކުރުމުން ކަމަށެވެ.
ދެން އަނބިމީހާ އާއި ސުވާލުކުރީ މިޙާލަތުގައި ފިރިމީހާ ފަހަރިގެ ގައިގަ ޖެހުމަކީ ކޮންކަހަލަ ކަމެއްތޯއެވެ. އަނބިމީހާ ބުނީ އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެހިސާބުން ފިރިމީހާ ސުވާލުކުރީ އެހެންކަމަށްވާއިރު ތިބާ އަހުރެންގެ ކޮއްކޮގެ ގައިގަ ޖެހުން ހުއްދަވީ ކޮންގޮތަކުންތޯއެވެ. އަނބިމީހާއަށް ޖެހުނީ ދެރަވެ އިސްދަށަށް ޖަހާށެވެ.
ފިރިމީހާ ބުނީ މައްސަލަ ފެށުނީ ފަހަރި ކުށެއްކުރުމުން ނަމަވެސް މިހާރު 3 މީހުންނަށްވެސް ތިއަވަނީ ކުށެއް ކުރެވިފައިކަމަށާއި ހަމަ މިހާރު އެކެއް އަނެކާގެ ކިބައިން މާފަށް އެދުމަށެވެ. އަދި އެއިގެ އިތުރުން ދެން މިފަދަ ކަމެއް އެކަކުވެސް ނުކުރާނެ ކަމަށް ވަޢުދުވާންވެސް ވާނެއެވެ.
"ލޯބިވާ އަނބިމީހާއެވެ! ވިސްނާށެވެ! ދެފަހަރިންނަކީ ދެމީހުންގެވެސް ކޮއްކޮއިން ކަމަށް ދެމީހުންވެސް ނުދެކި ގޭގެ މަޞްލަޙަތެއް ނުހިފެހެއްޓޭނެއެވެ. މަޞްލަޙަތު ނުހިފެޖެއްޓޭ ގެއެއްގައި ހަމަޖެހުމެއް ނުއޮންނާނެއެވެ. ވީމާ ދެން މިބާވަތުގެ ކުށެއް އަނބިމީހާ ކޮށްފިނަމަ އަހަރެން އިޚްތިޔާރުކުރާނީ ދެމީހުން ވަކިވުމަށެވެ. ތިބާއަށް ތިބާގެ ކޮއްކޮ މުހިންމުވާ ފަދައިން އަހުރެންނަށް އަހުރެންގެ ކޮއްކޮވެސް މުހިންމުވާތީއެވެ."
އެއިގެ ފަހުން އެގެއަކު އެބާވަތުގެ އެއްވެސް ކަމެއް ނުހިނގައެވެ. އުޅުނީ އެންމެން ގުޅިގެން އެކުވެރިކަންމަތީގައެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. އަޅުގަނޑު ބުނާނީ އެފިރިމީހާ އެކުރިގޮތަށް ޢަދުލުވެރިކަމާއެކު ޢަމަލުކުރާނަމަ އެގެއެއްގައި ދެބަސްވުމެއް ފިތުނައެއް ނުއޮންނާނެއެވެ. ކަންކަން ގޯސްވަނީ ޢަދުލުވެރި ނުވެވޭތީއެވެ.
- -މިއަދުނޫހުގެ ކިޔުންތެރިއެއް