އެއީ ކައިވެނިކޮށްގެން ފިރިމީހާގެ ގެދޮރުގައި ދިރިއުޅެމުން އަންނަ އަންހެނެކެވެ. ސޯޝަލް މީޑިއާގެ ސޯޝަލްކަމުގެ ތެރެއިން ބައްދަލުވި ފިރިހެނަކުދެކެ ލޯބިވެ ސިއްރުން ބައްދަލުކޮށް ގުޅުން ބާއްވަމުން ގެންދާތާ 3 އަހަރުފަހުން ލޯބިވެރިޔާއާއި ސުވާލުކުރިއެވެ. "ކޮންމެވެސް ދުވަހަކުން ފިރިމީހާއަށް މިކަން އެނގި އަހުރެންނާއި ވަކިވާނެއެވެ. އެއިރުން ތިބާ އަހުރެންނާއި ކައިވެނިކުރާނަން ހެއްޔެވެ؟"
ޖަވާބުގައި އޭނާ ބުންޏެވެ. "ތިބާ ބޭނުންވާނަމަ މާދަމާރޭވެސް ބައްދަލުކުރެވިދާނެއެވެ. އެކަމަކު ދުވަހަކުވެސް ކައިވެންޏެއް ނުކުރާނަމެވެ. ތިބާގެ ފިރިމީހާ ފަދަ ރަނގަޅު ފިރިއަކަށް ތިއަގޮތަށް ބޭވަފާތެރިވި އަންހެނަކު އަހުރެން ކަހަލަ މީހަކަށް ވަފާތެރިވާނެކަމަށް އުންމީދުކުރުންވެސް ވާނީ ކުރެވޭ މޮޔަކަމަކަށް ނޫންހެއްޔެވެ؟"
އެހިސާބުން ކެއުން ހުއްޓާލާފައި ތެދުވެގެން އަންހެންމީހާ ދިއައީ ގެއަށެވެ. ކުރެވުނު ބޮޑުކުށް ވިސްނި ހިތާމަކުރަމުންނެވެ. ލޯބިވެރިޔާ ދެކެ ރުޅިއައުދެވޭކަށްވެސް ނެތެވެ. އޭނާ އެބުނީ ހަމަތެދަށެވެ. އަމިއްލަ ދިރިއުޅުމާއިމެދު ވިސްނާ ކޮންމެ މީހަކުވެސް ބުނާނެ ގޮތަށެވެ.
ލޮބުވެތި ކަނބަލުންނޭވެ! މީހަކުދެކެ ލޯބިވުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އެކަމަކު ރަނގަޅު ދިރިއުޅުމެއް އުޅުމަކީ ބޮޑެތި ޤުރުބާނީތަކެއްވާންޖެހޭ ކަމެކެވެ. އަންތބަކު ގޮވައިގެން ލޯބިން ދިރިއުޅޭ ފިރިން މަދުވަމުން އަންނާތީ ކަންބޮޑުވެ ވާހަކަދެއްކުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ ލޯބިން ތިމާ ގެންގުޅޭ ބައިވެރިއަކު ލިބުމުން އޭނާއާއިއެކު ރަނގަޅަށް ދިރިއުޅެން މަސައްކަތްކުރުމުންނެވެ. ނޫންނަމަ ކުރަންޖެހޭނީ މިފަދަ ހިތި ތަޖުރިބާތަކެވެ.
- ނިއަދުނޫހުގެ ކިޔުންތެރިއެއް