މައްޔިތާގެ ގައިގަހުރި ގަހަނާތައް ވަގަށް ނެގި މީހަކަށް ދުނިޔޭގަވެސް ފައިދާއެއް ނުކޮށް އާޚިރަތަށްދާންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
މައްޔިތާގެ ގައިގަހުރި ގަހަނާތައް ވަގަށް ނެގި މީހަކަށް ދުނިޔޭގަވެސް ފައިދާއެއް ނުކޮށް އާޚިރަތަށްދާންޖެހުނު ގޮތުގެ ވާހަކަ-

ފާފަކުރެވޭ ގިނަ މީހުންނަށް އެމީހުންގެ މަރާއިމެދު ވިސްނައެއް ނުލެވެއެވެ. ފާފަކުރެވޭ ވަޤުތަކީ އެމީހާގެ ފުރާނަ ހިއްޕަވައިފާނެ ވަޤުތަށް ވެދާނެ ކަމާއިމެދު ވިސްނައެއް ނުލެވެއެވެ. މިގެނެސްދެނީ އެފަދަ މީހުންނަށް ޢިބްރަތަކަށްވާނެ ޙާދިށާއެއްގެ ވާހަކައެވެ.  

އެއްވެސް މީހަކަށް އެމީހާގެ ފުރާނަ ހިއްޕަވާނެ ވަޤުތެއް ނުއެނގޭނެއެވެ. އެކަމަށް ސަމާލުވެ ބިރުވެތި ނުވެވިއްޖެނަމަ އެމީހަކު ހިމެނިގެންދާނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. ކޮންމެ މީހަކަށްވެސް ކައްވަޅުން ތެދުވަން ޖެހޭނީ އެމީހަކު އެންމެ ފަހުން ކުޅަ ޢަމަލެއްގެ މަތީގައެވެ. އެއީ ފާފައެއް ކަމުގައި ވެއްޖެނަމަ އެމީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟  

އޭނާއަކީ ހިނަވާގެއެއްގައި މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހެކެވެ. ނަމާދުކޮށް އުޅޭ ވެސް މީހެކެވެ. ނަމަވެސް އެއްދުވަހަކު އޭނާއަށް އިމުން ބޭރުވެވުނެވެ.  

އެކްސިޑެންޓެއްގައި މަރުވެގެން ހިނަވަން ގެނެވުނު އަންހެނެކެވެ. އެނާގެ ކަރުގައި އޮތީ އަގުބޮޑު ހާރެކެވެ. އިނގިލިތަކުގައި އަގުބޮޑު އަނގޮޓިތައް އަޅާފައި ހުއްޓެވެ. އަތްފައިގައި އަގުބޮޑު ކެވެލިތައް އަޅާފައި ހުއްޓެވެ.  

އޭނާގެ ހިތުގައި އެތަކެއްޗަށް ޝައުޤުވެރިކަން އުފެދުނެވެ. ހުރިހާ އެއްޗެއް ނައްޓުވައި ޖީބުތަކަށް އަޅައިލިއެވެ. ވިއްކާލުމުން ލިބޭނެ ފައިސާތަކުގެ ދަހިވެތިކަމުގައެވެ. ބޮޑު ތަނަވަސްކަމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.  

އެވަގުތުކޮޅުވީ އޭނާގެ ޙަޔާތުގެ އެންމެ ފަހު ވަގުތުކޮޅަށެވެ. އަގުބޮޑު ގަހަނާތަކުން ޖީބުތައް ފުރައިލިވަގުތުވީ އޭނާއަށް ދުނިޔެ ދޫކުރަން ޖެހުނު ވަގުތަށެވެ. ކުއްލިއަކަށް މެއަށް ތަދެއް އަރާފައި މަރުވީއެވެ. ފާފަކުރެވުނީއެވެ. ކުރިފާފައިން ތިމާއަށް ދުނިޔެމތީގައިވެސް ކުރި ފައިދާއެއް ނެތި ދުނިޔެ ދޫކުރަންޖެހުނީއެވެ. މިއަށްވުރެ ބޮޑު ހިތާމައެއް ލިބޭނީ ކާކަށް ހެއްޔެވެ؟  

މީސްތަކުންނޭވެ! މުޅި ޢުމުރު އޭނާހޭދަކުރީ ރަނގަޅު ގޮތުގައެވެ. ނަމަވެސް ޝައިޠޯނާގެ ބަހަށް ހެއްލެވުނީއެވެ. އޭނާގެ ހިތުގައި އީމާންކަން ކުޑަވީއެވެ. ﷲ ތަޢާލާއަށް ބިރުވެތިކަން ކުޑަވީއެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ފަހުވަގުތު ޝައިޠޯނާ އޭނާ އަތުލައިގަތީއެވެ. ޝައިޠޯނާގެ އަޅަކަށް ހެދީއެވެ.  

އެއްވެސް މީހަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ދެއްވަވާނެ ރަޙްމަތެއް ނުއެނގޭނެއެވެ. ނަމަވެސް ފެންނަން އޮތީ އެންމެފަހު ވަގުތު ވައްކަންކުރިކަމެވެ. ވަގެއްގެ ގޮތުގައި މަރުވެދިއަކަމެވެ. ހަމަޔަޤީނުންވެސް އެއީ ރަނގަޅު ނިމުމެއް ކަމަކަށް ނުބުނެވޭނެއެވެ.  

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އިސްލާމް ދީނުގައި، އީމާންކަން މަތީގައި ޘާބިތުކޮށް ދެއްވަވައި އެކަލާނގެ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުގެންދެވުން އެދި ދުޢާކުރަންވީ މިފަދަ ސަބަބުތަކަށްޓަކައެވެ. އީމާންކަންމަތީގައި ސާބިތުވެ ހުންނަން ގަދައަޅައި މަސައްކަތްކުރަންވީ ވެސް ހަމަ މިފަދަ ދެރަގޮތެއް މެދުވެރިވެދާނެކަމަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން