މުސްލިމަކަށް އެމީހަކާ ވަކިނުކުރެވޭނެ 4 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
މުސްލިމަކަށް އެމީހަކާ ވަކިނުކުރެވޭނެ 4 ކަމެއް!

މުސްލިމަކަށް އެމީހަކާ ވަކިނުކުރެވޭނެ 4 ކަމެއް ވެއެވެ. އެއީ ނަމާދުކުރުމާ ކިޔަމަންތެރިކަމާ ސާފުތާހިރުކަމާ ރިވެތިއަޚްލާޤެވެ.  

މުސްލިމުންގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބަކީ ފަރުޟު 5 ނަމާދު ޤާއިމުކުރުމެވެ. މިރޭވެސް ތަކުރާރުކޮށްލާނަމެވެ. ނަމާދު ޤާއިމުކުރުމަކީ އެމީހަކު ކުރާހިތްވާދުވަހަކު ކުރަން ބޭނުންވާ ޢަދަދަކަށް ކުރުމެއް ނޫނެވެ. ކޮންމެ ދުވަހަކު ކުރަންޖެހޭ 5 ނަމާދު ކުރުމުގައި ދެމިހުރުމެވެ. އަދި އެކަމުގެ އެންމެ މަތީ ދަރަޖައަކީ ފިރިހެނުން ޖަމާޢަތުގައި ކުރުމެވެ. ބަންގި ގޮވުމުން އަންހެނުންވެސް ނަމާދުކުރުމަށް އަވަސްވެގަތުމެވެ.

ނަމާދުކުރެވޭނީ ސާފުތާހިރުވެގެން ހުރެއެވެ. ވީމާ ފަރުޟު 5 ނަމާދުކުރާމީހަކު އަބަދުވެސް ހުންނާނީނީ ސާފުތާހިރުވެގެންނެވެ. ކޮންމެ ވަޤުތަކު ބަންގިގޮވި ނަމަވެސް ނަމާދަށް އެރޭ ޙާލަތުގައެވެ. ކުރާ މަސައްކަތެއްގެ ގޮތުން ލައިގެން ހުންނަން ޖެހޭ ފާރާމަކީ ނަމާދުކުރަން އެކަށީގެންވާ ފޭރާމަކަށް ނުވާނަމަ ބަންގިވުމުން ނަމާދަށް އެރޭނެ ފޭރާމެއް ގެންގުޅެންވާނެއެވެ.  

ދެން މިފާހަގަކުރީ ކިޔަމަންތެރިކަމެވެ. ފަރުޟު 5 ނަމާދަށް، ވަކިން ޚާއްޞަކޮށް ޖަމާޢަތުގައި ނަމާދުކުރުމަށް ރައްކައުތެރިވެ ޢަމަލުކުރެވޭނީ ﷲ ތަޢާލާއަށް ވަރަށް ކިޔަމަންތެރި އަޅުންނަށެވެ. ދެން މިފާހަގަކުރީ ރިވެތި އަޚްލާޤަށެވެ. ނަމާދުން އެންމެ ބޮޑަށް ދަސްކުރަންޖެހޭ އެއް ފިލާވަޅަކީ ރިވެތި އަޚްލާޤެވެ. ނަމާދުގައި ތިބޭ ފަދައިން ހުރިހާ ވަޤުތުތަކެއްގައިވެސް ރިވެތި އަޚްލާޤްގެމަތީގައި ނުތިބެވޭނަމަ އެއޮތީ ނަމާދުކުރުމުން އެމީހަކަށް ލިބެންޖެހޭ ފައިދާއިން ވަރަށް ބޮޑުބައެއް އުނިވެފައެވެ.  

މިޘާލަކަށް ބުނާނަމަ ނުހަނު ކިޔަމަންތެރިކަމާއިއެކު ހުއްޓިހުރެގެން ނަމާދުކޮށްފައި މިސްކިތުން ފައިބާ އޭނާގެ ދުލާއި ޢަމަލުތަކުން އެހެން މީހުންނަށް އުނދަގޫކުރެވޭނަމަ ނުވަތަ ގެއްލުން ދެވޭނަމަ އެމީހަކަށް އޭނާ ނަމާދުކުރިކަމުން ލިބުނު އެއްވެސް ފައިދާއެއް އޮތްކަމަކަށް ނުބެލެވޭނެއެވެ.  

ވީމާ ބުނެލަން އޮތީ ނަމާދުކުރުމާއި ކިޔަމަންތެރިކަމާއި ސާފުތާހިރުކަމާއި ރިވެތިއަޚްލާޤާއި މިއީ ވަކިކުރެވޭނެ ކަންކަމެއް ނޫންނެވެ. ވިސްނައި އެކަމަށް އެންމެންވެސް ސަމާލުކަން ދޭށެވެ. ދުޢާއަކީ އަހުރެމެން އެންމެ ކުރާ ނަމާދުތައް ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ނަމާދުކުރުމާއިބެހޭގޮތުން ޝައިޚް ޝަފީޢު ޢަބްދިﷲ ވިދާޅުވެފައިވާ ބަސްފުޅެއްވެސް ހިމްނައިލާނަމެވެ.  

އިސްލާމްދީނަކީ "ޑިސިޕްލިން"ގެ ދީނެވެ! 

"ޑިސިޕްލިން" އަކީ ތިބާ  ކޮންމެ ދުވަހަކު ކުރާން ޖެހޭ ފައިދާހުރި ރަނގަޅު ކަންކަން  ކުރުމުގައި ދާއިމުވެ ހުންނަ ހުރުމެވެ. އެ ކަންކަން ކުރާ ހިތްވިޔަސް ނުވިޔަސް ވެހެވެ. 

ދެން ފަރުޟު 5 ނަމާދަށް ނިކަން ވިސްނަވާށެވެ! 

ފަރުޟު 5 ނަމާދުގެ އެންމެ ބޮޑު މަޤްޞަދަކީ މާތް ﷲ މަތީން ހަނދުމަކުރުމެވެ. އެ އިލާހާ ކުއްތަންވުމެވެ. ތަޤްވާވެރިވުމެވެ. ޢުބޫދިއްޔަތު އޭގެ އެންމެ ފުރިހަމަ މާނައިގައި އަދާކުރުމެވެ. ހަމަ އެއާ އެކު، އޭގެ އިތުރުން ޖާނިބީ ވަރަށް ގިނަގުނަ ފައިދާތަކަކާއި ފިލާވަޅުތަކެއް ވެސް ފަރުޟު 5 ނަމާދައިން މުސްލިމުންނަށް ދަސްކޮށްދެއެވެ. އޭގެ ތެރޭގައި "ޑިސިޕްލިން" އަކީ އެއް ފިލާވަޅެވެ.

- ޝައިޚް ޝަފީޢު ޢަބްދިﷲ

މިއަދު އޮންލައިން