ﷲ ތަޢާލާ ރޫމް ސޫރަތުގެ 17 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
فَسُبْحَانَ اللَّهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ ﴿١٧﴾وَلَهُ الْحَمْدُ فِي السَّمَاوَاتِ وَالْأَرْضِ وَعَشِيًّا وَحِينَ تُظْهِرُونَ ﴿١٨﴾ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَيُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ وَكَذَٰلِكَ تُخْرَجُونَ ﴿١٩﴾
މާނައީ: ފަހެ، ތިޔަބައިމީހުން ރޭގަނޑުގެ ތެރެޔަށް ވަންނަހިނދުގައްޔާއި، ފަތިހުގެ ތެރެޔަށް ތިޔަބައިމީހުން ވަންނަހިނދު، اللَّه އަށް تسبيح ކިޔައި ނަމާދުކުރާށެވެ! (17) އުޑުތަކާއި، ބިމުގައި އެންމެހާ تعريف އާއި ثناء މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި އަނދިރިވަމުން އަންނަ ވަގުތުގައްޔާއި، ތިޔަބައިމީހުން މެންދުރުގެ ތެރެއަށް ވަންނަހިނދުގައި (اللَّه އަށް ތިޔަބައިމީހުން تسبيح ކިޔައި ނަމާދުކުރާށެވެ!) (18) މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި އެކަލާނގެ ނެރުއްވަތެވެ. އަދި ދިރޭ ތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަތެވެ. އަދި ބިން މަރުވެ އޮތުމަށްފަހު އެ ބިން ދިރުއްވަތެވެ. އަދި ތިޔަބައިމީހުން (قيامة ދުވަހުން) ނެރުއްވާހުށީވެސް ހަމައެފަދައިންނެވެ. (19)
ތަސްބީޙްކިޔައި ނަމާދުކުރަން އެންގެވުމަށްފަހު ދެން ބަޔާންކުރައްވަވާފައިއެވަނީ ﷲ ތަޢާލާގެ ކުލަދުންވަންތަކަމެވެ. އެއްވެސް އިންސާނަކަށް ނުވަތަ ބައަކަށް ލިބިގެންނުވާ މަތިވެރިކަމާ ބާރުތައް ﷲ ތަޢާލާއަށް ލިބިވޮޑިގެންވާ ކަމެވެ.
ﷲ ތަޢާލާ އިންސާނުންނަށް ދެއްވަވާފައިވާ ޢިލްމުގެ ބޭނުންކޮށްގެން ފަސްގަނޑަށް ފެންޖަހައި ކާނާ އެޅުމުން ބިންގަނޑަށް ތާޒާކަން ލިބެއެވެ. ގަސްތައްވެސް ހެއްދެއެވެ. އެކަމަކު އެގަސްތަކުން ކާނާލިބި އެކަމުގެ ފައިދާކުރާނީ ﷲ ތަޢާލާ އިރާދަކުރެއްވެވުމުންނެވެ. އިރާދަކުރެއްވެވުމުންނެވެ.
ނިކަން ވިސްނައިލަބަލާށެވެ! ގޭގައި ގަހެއް ހައްދަން މަސައްކަތްކުރަނީއެވެ. އެންމެ ރަނގަޅު ފަހުގައެވެ. އެންމެ ފައިޑާހުރި ކާނާވެސް ގަހަށްދީގެންނެވެ. އަދި ބޭސްވެސް ޖަހައިގެންނެވެ. އެކަމަކު އެގަސް މަރުނުވަނީހެއްޔެވެ؟ މަދުން މޭވާއެޅުމަށް ނުވަތަ އެއްގޮތަކަށްވެސް މޭވާ ނުއެޅުމަށް މިންވަރުނުކުރައްވަވާ ހެއްޔެވެ؟
މިއަދު މީސްތަކުންގެ ޖާހިލުކަން ބޮޑުކަމުން މިފަދަ ކަންކަމަށް ނުވެސް ވިސްނަނީއެވެ. ގަހަސް ދެވުނު ބޭސް ކުށްވެރިކޮށްފައި ނިންމައިލެވެނީއެވެ. އެހެން ނުހަދާށެވެ! ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާގެ ރަހްމަތަށް ބޭނުންވާކަން ޤަބޫލުކޮށް ކިޔަމަންތެރިކަން އިތުރުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން