މީހަކު އިޚްލާޞްތެރިކަމާއިއެކު ތައުބާ ވެއްޖެ ނަމަ އެކަމަށް އުފާކޮށް މަރުޙަބާ ކިޔައި އެމީހަކު ބަލައިގަންނާށެވެ. އެމީހަކަށް ފުރުޞަތު ދޭށެވެ. އެމީހަކީވެސް ހަމަ އެހެން މީހުން ފަދަ ޤާބިލު މީހަކުކަން ދައްކައިދިނުމަށް މަގުފަހިކޮށްދޭށެވެ.
އެއްވެސް މީހެއްގެ އަގު އަންގައިދެނީ އެމީހަކު ފެންނަ ސިފައަކުން ނޫނެވެ. މުޖުތަމައުގައި އެމީހާގެ ޤަދަރު މަތިވުމަކުންވެސް ނޫނެވެ. އަދި އެމީހާގެ މާޒީއަކުން ވެސް ނޫނެވެ. މީސްތަކުންގެ އަގު ނިޞްބަތްވާނީ ﷲ ތަޢާލާ އެމީހަކާއިމެދު ބައްލަވައިވޮޑިގެންވާ ގޮތަކުންނެވެ. ބައްލަވައި ވޮޑިގެންވާ ހައިޞިއްޔަތަކުންނެވެ. އެއީ އަހަރެމެންނަށް އެނގޭނެ ކަންކަމެއް ނޫނެވެ.
މާޒީގައި ވަރަށް ގިނަ ފާފަތައް ކުރެވިފައިވާ މީހުންވެސް އިޞްލާޙްވެ ތައުބާވުމަށްފަހު އެމީހުންނަކީ އެންމެ ހެޔޮލަފާ މީހުންކަން ވަނީ ދައްކައިދީފައެވެ. ވީމާ މީހެއްގެ ގޯސް މާޒީއެއް އޮތް ނަމަވެސް ތައުބާވެ އިޚްލާޞްތެރިކަން ދައްކައިދީފިނަމަ އެމީހަކު ބާކީކޮށް ނުލާށެވެ!
ފާފަކުރެވޭ ކޮންމެ މީހަކު ބާކީކުރަންވެއްޖެނަމަ ދީނުގައި ހުރެވޭނީ ކާކަށްހެއްޔެވެ؟ ހަމައެކަކަށްވެސް ނުހުރެވޭނެއެވެ. އެންމެން ފޭލްވާނެއެވެ. ބައެއް މީހުންނަށް ކުރެވޭ ފާފަތައް ނުއެނގެނީ އެކަންކަން ﷲ ތަޢާލާ ދުނިޔޭގައި ސިއްރުކޮށް ދެއްވަވާތީއެވެ. އެއިގެ މާނައަކީ އޭނާއަކީ އެއްވެސް ފާފައެއް ނުކުރާ މީހަކަށްވުމެއް ނޫނެވެ.
އެންމެ ރަނގަޅު ގޮތަކީ ކުރިން ގިނަ ފާފަތަކެއް ކުރެވުމަށްފަހު އިޞްލާޙްވެ ތައުބާވާ މީހުންނަށް ބޮޑަށް އިހްތިރާމްކުރުމެވެ. ސަބަބަކީ އޭނާއަށް ތައުބާވުމުގެ ވިސްނުން އެލިބުނީ ﷲ ތަޢާލާ ދެއްވެވުމުން ކަމުގައިވާތީއެވެ. އެވިސްނުން އެދެއްވެވީ އޭނާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށް ވުމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން