ޛިކުރުކުރެވޭ ގޮތްތައް އެބަހުއްޓެވެ. ދުލުން، ހިތުން އަދި ދުލާއި ހިތުންވެސް ޛިކުރުކުރެވެއެވެ. މީގެ ތެރެއިން އެންމެ ފައިދާ ބޮޑީ ހިތާއި ދުލުން އެކުގައި ޛިކުރުމެވެ. އެއީ ހިތްމައްޗަށް ގެންނަމުން ދުލުން ޛިކުރުތައް ކިޔުމެވެ. އެކަންކުރަން އެންމެ ފަސޭހަވާނީ މާނަ ދަސްކޮށް ހިތުގައި ހަރުލެއްވުމުންނެވެ.
ކޮންމެ މީހަކުވެސް ޛިކުރުކުރާނީ އެކަމުން ޘަވާބާއި އަދި ލިބެންހުރި ފައިދާތައްވެސް ލިބިގަތުމަށެވެ. ނަމަވެސް ޢަމަލުކުރެވޭ ގޮތަކުން ޘަވާބުވެސް އަދި ފައިދާއެއްވެސް ނުކުރުން އޮތީ ދާދިގާތުގައެވެ. އެހެންވެއްޖެނަމަ ޛިކުރުކުރިނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
ޛިކުރުކުރުމާއިމެދު ދެނެގަންނާށެވެ!
ޚުޝޫޢަތްތެރިކަމާއެކު ޛިކުރުކުރާމީހަކީ: އެ ޛިކުރުކުރުމުގައި އެމީހެއްގެ ހިތާއި، ދުލާއި، ހަށިގަނޑު ބައިވެރިކުރާމީހެކެވެ. އޭނާގެ ދުލުން ޛިކުރުތައް ކިޔަމުންދާއިރު، އޭނާގެ ހިތް މަޑުމޮޅިވެ، އޭނާގެ ގުނަންތައް ޚުޝޫޢަތްތެރިވާނެއެވެ.
ޛިކުރުކުރުމާމެދު ޣާފިލުވުމުގެ ތެރޭގައި: ޛިކުރުތަކުގެ މާނަތަކާމެދުގައި ޣާފިލުވުން ހިމެނެއެވެ. ޚާއްޞަގޮތެއްގައި ދުވާލާއި ރޭގަނޑުގެ ޛިކުރުތަކެވެ. މި ޛިކުރުތަކުގައި އީމާންކަމުގެ ކަންކަމާއި، ޢަޤީދާގެ އަޞްލުތަކާއި، ޖަލާލުވަންތަ ﷲގެ މަތިވެރިވަންތަކަން ބަޔާންކުރުން ހިމެނިގެންވެއެވެ. އަދި މި ޛިކުރުތަކުގައި އީމާންކަމާއި، ޔަޤީންކަމާއި، އެމީހެއްގެ ހިތް ﷲ ތަޢާލާއާ ގުޅިފައިވާ ގުޅުން ހަރުދަނާކޮށްދޭނެއެވެ. މިފަދަ ޣާފިލުކަމަކީ ﷲ ތަޢާލާގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައި ވާ ޝާއިޠާނާގެ މަގުތަކުގެ ތެރެއިންވާ މަގެކެވެ.
ފަހެ، މިފަދަ މީހެއްގެ މައްޗަށް ވަނީ ޛިކުރުތަކުގެ މާނަތައް އުނގެނި، އެ ޛިކުރުތަކާމެދު ވިސްނާ ފިކުރުކުރުމެވެ. އެއީ؛ އުއްމީދުކުރެވޭ ފައިދާތައް އެ ޛިކުރުތަކުން ލިބިގަތުމަށެވެ. އަދި މުސްލިމް އަޅެއްގެ ނަފުސަށް އެ ޛިކުރުތަކުން އެންމެ ބޮޑު އަސަރުތަކެއް ކުރުވުމަށެވެ.
- މަސްދަރު: ދިސަލަފިއްޔާ