ކޮންމެ މީހަކީ ދީނުގައިވާ ހުރިހާ އަޅުކަން އެންމެ ފުރިހަމައަށް ކުރެވޭނެ މީހެއް ނޫނެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަހުރެމެންނަށް އޮތީ ފާނުކުރަން މަސައްކަތްކުރުމާއި ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމެވެ. ހަމައެއާއިއެކު ކުރެވުނުހައި ގިނައިން އަޅުކަންކުރަން މަސައްކަތްކުރުމެވެ. އަދި އެކަމުގައި އިޚްލާޞްތެރިވުމެވެ.
އަހުރެމެންނަށް އޮތް އެންމެ ބޮޑު އުފަލަކީ ﷲ ތަޢާލާގެ ރަޙްމަތެވެ. ރަޙްމަތުގެ ބޮޑުކަމެވެ. ޚާއްޞަކޮށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ލައްވަވާނެ ރަހްމަތުގެ ބޮޑުކަމެވެ. ނިކަންވިސްނައިލަބަލާށެވެ! ދުނިޔެ ފެށުނީންސުރެ ނިމެންދެން ދުނިޔޭގައި އުޅޭނެ މީހުންގެ ޢަދަދަށެވެ. މިހައިތަނަށް ދުނިޔޭގައި އުޅުނު މީހުންނަށް ލެއްވެވި ރަހްމަތުގެ ބޮޑުކަމާއި ދުނިޔެ ނިމެންދެން އުޅޭނެ މީހުންނަށް ލައްވަވާނެ ރަޙްމަތުގެ ބޮޑުކަމެވެ. އެކަމަކު މިހުރިހާ ރަހްމަތަކީވެސް ހަމަ އެންމެ އިންސައްތައެކެވެ. އަނެއް 99 އިންސައްތަ ލައްވަވާނީ ޤިޔާމަތްދުވަހުންނެވެ.
ވީމާ ހަމައެކަކުވެސް ﷲ ތަޢާލާގެ ރަޙްމަތާއިމެދު މާޔޫސްނުވާށެވެ! ކިޔަމަންތެރިވާށެވެ. ވީހާ ގިނައިން އަޅުކަންކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. އެއިރުން ހަމައެކަކުވެސް ބާކީނުކުރައްވަވާނެތެވެ.
ވީމާ ކަމެއް ދިމާވާއިރަށް ތިމަންނާއަށް ﷲ ތަޢާލާގެ ރަޙްމަތް ހުސްވީކަމަށް ހީވެސް ނުކުރާށެވެ. އެއީ ހުސްވާން އޮތް ކަމެއް ނޫނެވެ. އެކަން ޔަޤީންކުރާ މީހަކަށް ދެރަވެ ހިތާމަކުރާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން