ގިނަބައަކަށް ހުސްއަތާ ދުނިޔެދޫކުރަންޖެހެނީ ކީއްވެގެންކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ގިނަބައަކަށް ހުސްއަތާ ދުނިޔެދޫކުރަންޖެހެނީ ކީއްވެގެންކަން އެނގޭތަ؟

ތިމާއަށްމިވެނި ކަމެއް ޙާޞިލުކުރެވުމުން އިތުރަށް އަޅުކަން ކުރުމުގެ ވިސްނުމަކީ ވަރަށް ނުބައި ވިސްނުމެކެވެ. އެހެނީ އެއްވެސް އިންސާނެއްގެ ހިތަކީ ފުރޭނެއެއްޗެއް ނޫނެވެ. އެއްކަމެއް ޙާޞިލުކުރެވޭ އިރަށް އެއަށްވުރެ ބޮޑު އެހެންކަމަކަށް އެދެވުމަކީ އިންސާނީ ޠަބީޢަތެވެ.  

ނިކަން ބުނެބަލާށެވެ! ހެނދުނުންސުރެ ހަވީރުވާއިރު މިލިއަނުން ޑޮލަރު ލިބުނު ނަމަވެސް ހިތް ފުރޭ މީހަކު މިއަދު އެބަހުރި ހެއްޔެވެ؟ ނުފުރޭ ތަނުގައި އެންމެ ކުޑަމިނުން ފުދިއްޖެ ކަމަށް ދެކޭ ނުވަތަ ޤަބޫލުކުރާ ހަމައެކަކުވެސް އެބަހުރި ހެއްޔެވެ؟ ވީމާ މިކަމުން އެނގެނީ އެއްވެސް މީހެއްގެ ހިތް ނުފުރޭނެ ކަމާއި އިތުރަށް ކުރަންހުރި މަސައްކަތް ހުސް ނުވާނެ ކަމެވެ.  

މީސްތަކުންނޭވެ! ވިސްނާށެވެ! ކުރާ މަސައްކަތުން ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމުގައި ވެވިއްޖެ ނަމަ އެމީހަކަށް އެވަނީ ކިތަންމެހައިވެސް ގިނަ ފައިސާ ލިބިފައެވެ. ނަމަވެސް އެ މުއްސަނދި ބިލިއަނަރު ވެސް މަރުވާނެއެވެ. ކައްވަޅުގެ ސުވާލުތައްވެސް ކުރިމަތިވާނެއެވެ. ޤިޔާމަތް ދުވަހު ހިސާބު ވެސް ބައްލަވާނެއެވެ.  

މީޒާނުގައި އެމީހާގެ އަމަލުތައް ކިރިގެންދާ ވަގުތު އެމީހާއަކީ ދުނިޔޭގެ އެންމެ ބޮޑު ބިލިއަނަރު ކަމުގައިވީތީ ތިލަފަތުގައި ހެޔޮކަމުގެ ކޮޅަށް ޒައްރެއްގެ މިންވަރުވެސް ބަރެއް ނުވާނެއެވެ. ސުވަރުގެ ވަދެވޭނީ ތައުބާވެ ހެޔޮ އަމަލުކޮށްފައިވާ ނަމައެވެ.  

ތައުބާވެ ﷲ ތައާލާގެ މަގަށް ރުޖޫޢަވާން ބޭނުންވާ މީހާ އެކަން މާދަމާއަށް ފަސް ނުކުރާށެވެ! މިއަދުކުރާށެވެ! ތައުބާވުމަކީ ވަކި ދުވަހެއް ބަލައިގެން ކުރަން އޮތް ކަމެއް ނޫނެވެ. ވީހައި އަވަހަކަށް ކުރަން ޖެހޭ ކަމެކެވެ. މަރު އައިސް ބައްދަލުކުރާނީ ކޮން ވަގުތަކުކަން ހަމަ އެކަކަށްވެސް ނުއެނގޭނެތީއެވެ. ބޭނުންވާ ވަކިކަމެއް ޙާޞިލުވުމުން ކުރާ މަސައްކަތް މަދުކޮށް ހެޔޮ އަމަލުކުރުން ގިނަކުރަން މަޑުކޮށްގެން ތިބޭނަމަ ގާތީ ހުސްއަތާ ދުނިޔެއިން ނުކުންނަން ޖެހުމާއިއެވެ. އެފަދަ މީހުންގެ ތެރެއިން ނުވުމަށް މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން