ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވުމުން ކަންބޮޑުވާ ގިނަ ބައަކު އުޅެއެވެ. އެމީހުންގެ ފަރާތުން ތަފާތު ސުވާލުތައް ލިބެއެވެ. ވީމާ ވިސްނާލުން މުހިންމު ކަންކަން ފާހަގަކޮށްލާނަމެވެ.
އަހުރެން ފުރަތަމަ ކުޑަކުޑަ މިޘާލަކުން ފަށާނަމެވެ! ކުރީ ޒަމާނުގައި އެތައް މަސްދުވަހަކުން ކުރެވުނު ދަތުރުތައް މިއަދު އެންމެ ގަޑީ ދެގަޑިއިރުން ފްލައިޓުގައި އެބަ ކުރެވެއެވެ. އެކަމަކު ފްލައިޓް ދަތުރަށް ފަށާއިރަށް އޮންނަނީ ދަތުރުނުނިމިގެން ލަސްވެފައެވެ.
އެއީ ފްލައިޓް ނުދުވާތީ ހެއްޔެވެ؟ ދުވާ ސްޕީޑް ލަސްވެގެން ހެއްޔެވެ؟ އެހެންވަނީއެއް ނޫނެވެ. މީހާގެ ހިތް އަވަސްވަނީއެވެ. އިރުކޮޅަކުވެސް ކެތްކޮށްލަން އުނދަގޫވަނީއެވެ. އިރުކޮޅަކުވެސް ކެތްތެރިވެލަން ޖެހިއްޖެނަމަ ހީވަނީ އެކަމެއް ނުވީހެންނެވެ.
ދުޢާކުރުމުގައިވެސް މެދުވެރިވަނީ އެފަދަ ގޮތެކެވެ. ގިނަ ބައެއްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވެފައި އޮންނަނީ އެމީހަކު ކުރާ ދުޢާ އިޖާބަ ކުރެއްވެވުން ލަސްވުމެވެ. މިހެން މިކަން މެދުވެރިވަމުން މިދަނީ ދުޢާ އިޖާބަ ކުރެއްވެވުން މިހާރު އިތުރަށް ލަސްވާތީއެއް ނޫނެވެ. ޖެހިގެން މިއުޅޭ ކަމަކީ މިސްތަކުންގެ ހިތުގެ ސްޕީޑް އަވަސްވަނީއެވެ.
ކޮންމެ ޒަމާނެއްގައިވެސް އެދޭ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވަތެވެ! ބައެއް ކަންކަން ވަގުތުންނެވެ. އަނެއްބައި ކަންކަން ތަންކޮޅެއް ފަހުންނެވެ. އަނެއްބައި ކަންކަން އެއަށްވުރެވެސް ފަހުންނެވެ. އަދި ކުރާ ދުޢާގެ ތެރެއިން ބައެއް ދުޢާ އާޚިރަތް ދުވަހުވެސް އިޖާބަކޮށްދެއްވަވާނެތެވެ!
ވީމާ ދުޢާ އިޖާބަ ކުރެއްވެވުން ލަސްވެގެން ކަންބޮޑުވެ މާޔޫސްވުމެއް ނެތެވެ! ﷲ ތަޢާލާއީ އެކަލާނގެ އަޅުތަކުން ކުރާ ކޮންމެ ދުޢާއެއް ވެސް އައްސަވައި ވޮޑިގެންވާ އިލާހްއެވެ. އަދި ކިއެއްތަ! މީސްތަކުން ހިތަށް އަރުވާ ކަންކަންވެސް ދެނެވޮޑިގެންވާ އިލާހްއެވެ.
މީސްތަކުން އެދޭ ކަންކަން ހަނދާން ނެތުމާއި ފަރުވާ ކުޑަކުރުމަކީ އިންސާނުން ކުރާ ކަންކަމެވެ. މީސްތަކުން އެދޭ ކަންކަން އެމީހަކަށް އެކަމުން އެންމެ ފައިދާ ކުރާނެ ވަގުތުގައި ﷲ ތަޢާލާ އެމީހަކަށް ހިނންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ އަބަދުވެސް ބުނަމުން އަންނަ ފަދައިން މީސްތަކުންނަށް އެކަން ނުއެނގެނީއެވެ. އެމީހަކަށް އެކަމެއް ޙާޞިލުވުން އެންމެ ރަނގަޅު ވަގުތު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
މިކަމުގެ މިސާލު އެންމެ ފުރިހަމައަށް ފެނިގެންދާނެ އެއް ކަމަކީ ކައިވެންޏެވެ! މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކަށް ބަލައިފިނަމަ އެންމެ އުފާވެރި ޒަވާޖީ ޙަޔާތެއް ލިބިފައިވަނީ އެމީހާ ފުރަތަމަ ކައިވެނިކުރަން ބޭނުންވި މީހާ އާއި ކައިވެނި ކުރެވުމުން ކަމަށް ބުނެވޭކަށް ނެތެވެ. އަލަތު ކައިވެނި އުފާވެރިކަން މަތީގައި ދެމެހެއްޓިފައިވަނީ ވަރަށް މަދުންނެވެ. ވަރިވާން ނުޖެހުމާއި އުފާވެރިކަމާއިއެކު ޙަޔާތް ވޭތިކުރަން ލިބުމަކީ ވަރަށް ތަފާތު ދެ ކަމެކެވެ.
ވީމާ އެއްވެސް ކަމެއްގައި ތިމާ އެދޭ ގޮތަށް، އެދޭ ވަގުތު ކަންކަން ވެގެން ނުދިއުމަކީ ތިމާގެ ދުޢާ ޢިޖާބަ ނުކުރެއްވެވުން ކަމަށް ނުދެކޭށެވެ! އެފަދަ ޙާލަތުގައި ލަސްވަނީ ތިމާއަށް އެކަމުގައި އޮތް ފައިދާ ބޮޑުވުމުންކަން ޔަޤީންކުރާށެވެ! ﷲ ތަޢާލާއަށް ވަކީލުކުރުން ގިނަކުރާށެވެ! ވަކީލުކުރުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވެގެންދާ ކަމެކެވެ. ހަމައެއާއިއެކު ދުޢާ ޢިޖާބަ ނުކުރެއްވެވި ކަމަށް ޤަބޫލުކުރެވުމަކީ ޢިޖާބަ ނުކުރައްވަވާނެ ސަބަބެއް ކަމަށް ޢިލްމްވެރިން ބަޔާން ކުރައްވަވައެވެ. އެއީ ﷲ ތަޢާލާގެ ރަހްމަތުން އުންމީދު ކަނޑައިލީތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން