ޢަލީ އިޙްޞާން ފިރާޤް
އެއްފަހަރަކު ليلى بنت أبي حثمة رضى اللّـه عنــها އެކަމަނާގެ ދަރިކަލުން عَبْدُ اللّه އަށް ގޮވައިލައްވައިފައި އެކަމަނާގެ އަރިހަށް ވަޑައިގެންނެވުމަށް ވިދާޅުވިއެވެ. އޭރު އެގެކޮޅުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ވެސް އިންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. [ދަރިފުޅު މިކޮޅަށް އައިސް ބަލާށެވެ. މަންމަ ދަރިފުޅަށް އެއްޗެއް ދޭންވެގެންނެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާކުރެ އެއްސެވިއެވެ. [ކަމަނާ އެދަރިކަލުންނަށް ދެއްވަން ތިޔަ އުޅުއްވަނީ ކޮންއެއްޗެއްތޯއެވެ؟]
އެކަމަނާ، މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ދެންނެވިއެވެ. [ކަދުރު ކޮޅެކެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ކަމަނާ އޭނާ އައުމުން އެއްޗެއް ނުދެއްވިނަމަ ކަމަނާ ވިދާޅުވި ބަސްފުޅު ލިޔެވޭހުށީ ދޮގެއްގެ ގޮތުގައެވެ.] { سنن أبي داود، كتاب الأدب، باب فِي التَّشْدِيدِ فِي الْكَذِبِ، ޙަދީޘް 4991}