ޔާ ﷲ! މިއަޅާ މިއަޅާގެ މަންމަގެ ބަނޑުގައި އޮތް ދުވަސްތަކުގައި މަންމައަށް އުފުލަންޖެހުނު ކޮންމެ ވޭނަކަށް މަންމައަށް ޘަވާބާއި ދަރުމަ ދެއްވަވާނދޭވެ! ވިހަން އެޅި ގަދަފަވޭންތަކަށްވެސްމެއެވެ!
ޔާ ﷲ! ވިހެއުމަށްފަހު މިއަޅާއަށްޓަކައި މަންމަ އުފުލި ބުރަތަކަށާއި މިއަޅާއަށްޓަކައި ނުނިދައި ހޭދަކުރި ކޮންމެ ރެއަކަށްޓަކައިވެސްމެއެވެ. އަދި މިއަޅާއަށްޓަކައި މިހައިތަނަށް އުފުލި ހުރިހާ ވޭންތަކަށާއި މިއަޅާއަށްޓަކައި ކޮށްދިން ދުޢާތަކަށްވެސްމެއެވެ.
މަންމަ ދުނިޔޭގައި އިންނަމަ!
ޔާ ﷲ! މިއަޅާގެ މަންމަގެ ހުރިހާ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ! އިނބަ ﷲ ގެ ރުހިވޮޑިގަތުން ލިބިގެންވާ ޙާލުގައި ނޫނީ އިނބަ ﷲ ގެ ޙަމްރަތަށް ނުގެންދަވާނދޭވެ! މަންމަގެ ފުރާނަހިއްޕަވަން ފައިބައިވަޑައިގަންނަވާ މަލާއިކަތުންނަކީ ރަޙްމަތުގެ މަލާއިކަތުން ކަމުގައި ލައްވަވާނދޭވެ! ސުަވރުގޭގެ ހުވަނދާއި ކަފުނުގައި އިނބަ ﷲ ގެ ޙަޟްރަތަށް އުފުއްލަވާ ފުރާނައެއް ކަމުގައި ލައްވަވާނދޭވެ!
ނިޔާވެފައިވާނަމަ!
ޔާ ﷲ! މިއަޅާގެ މަންމަގެ ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއެއްކަމުގައި ލައްވަވާނދޭވެ! ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮސްދެއްވަވާނދޭވެ! ޤިޔާމަތް ދުވަހު ހުރިހާ ފާފަތައް ފުއްސަވައިދެއްވަވައި ކަނައަތަށް ފަތްދެއްވަވައި ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވަވާ އަޅުންގެ ތެރޭގައި މިއަޅާގެ މަންމަ ލައްވަވާނދޭވެ! އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން