ނަރަކައިގެ އަލިފާނަށް ބިރުވެތިވޭ!: ނިކަމެތިވީމާ ނޯކިރީކުރާ ކޮންމެ މީހަކާއިމެދު ނުބައިކޮށް ހީކުރަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ނަރަކައިގެ އަލިފާނަށް ބިރުވެތިވޭ!: ނިކަމެތިވީމާ ނޯކިރީކުރާ ކޮންމެ މީހަކާއިމެދު ނުބައިކޮށް ހީކުރަން ހެޔޮނުވާނެ!

އެއީ ތަނަވަސް ދެމަފިރިންނެވެ. ގޭގައި ގެންގުޅޭ ބޭރުކުއްޖާ ޗުއްޓީގައި ފުރުމުން ގެނައީ ދިވެހި ކުއްޖެކެވެ. ވަޒީފާއަދާކުރާތާ ހަފްތާއެއްވަރުވީތަނާ އެއްދުވަހު އެދުނީ އެދްވާންސަކަށެވެ. 5000 ރުފިޔާއަށެވެ. އެއީ ފިރިމީހާ ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލުގައި އޮތުމުން ގޭގެ ބިލްތައް ނުދެއްކިގެން ކަމަށް ބުނީމާ އަނބިމީހާ އިތުރު ސުވާލުތަކެއް ނުކޮށް އެފައިސާދިނެވެ. 

އެކަމަކު އެދުވަހަށްފަހަކު އެނާ މަސައްކަތްކުރާކަށް ނައުދެއެވެ. 4،5 ދުވަސްވުމުން ދެމަފިރިންނަށް އޭނާގެ ވާހަކަ ދެއްކެން ފެށުނެވެ. ފައިސާ ހޯދައިގެންފިލީކަމަށްބުނެވުނެވެ. އެވާހަކައިގައި ތިއްބާ ފެނުނީ އޭނާ އައިސް ގެއަށް ވަންތަނެވެ. ރޮމުން އެދުނީ މާފަށެވެ. "ތިއައީ އަޅުގަނޑަށް ވަރަށް ހެޔޮ ދެމަފިރިންނެވެ. ވެދިން އެހީތެރިކަން ދުވަހަކުވެސް ހަނދާނަކުން ނުފިލާނެއެވެ. މިގެއިން ފައިސާ ހިފައިގެންދިއަ ދުވަހުގެ ރޭ ފިރިމީހާ ނިޔާވީއެވެ. އެކަމުގެ ތެރޭގައި އުޅެނިކޮށް ފޯނުން ޗާޖްހުސްވީމާ އަދިވެސް ޗާޖެއް ނުކުރަމެވެ. އެއްވެސް މީހަކާ ވާހަކަދައްކާނެ ހިތްވަރުވެސް ނެތީމައެވެ. ނަމަވެސް ދަރިންނަށާއި މަންމައަށް ކާންބޯންދެވޭނީ ނޯކިރީކޮށްގެން ކަމަށްވާތީ މިއައީ މަސައްކަތްކުރާށެވެ!"  

އެހެން ބުނުމުން ދެމަފިރިން އޭނާއަށް ހެޔޮކޮށް ހިތިއެވެ. އަދި ފިރިމީހާ އިތުރު 5000 ރުފިޔާދީފައި ބުންޏެވެ. "މިވެސް ގެންދާށެވެ. ގޭތެރެ ހަމައަކަސް އަޅުވާލލާފައި 2،3 ދުވަސްފަހުން މަސައްކަތު އަންނާށެވެ!" އެހެން ބުނުމުން ދެމަފިރިންނަށް ހެޔޮދުޢާކުރަމުން އޭނާ ނުކުމެގެންދިއައީއެވެ.  

އޭނާ ދިއުމުން އަނބިމީހާ ސުވާލުކުރިއެވެ. "އަހުރެން އޭނާއަށް 5000 ރުފިޔާ ދިނީމާ އެކަންކުށްވެރިކޮށްފައި ތިބާ އޭނާ ނުވެސް އެދެނީސް ފައިސާ ތިއަދިނީ ކީއްވެގެން ހެއްޔެވެ؟" ޖަވާބުގައި ފިރިމީހާ ބުންޏެވެ. "ޙަޤީޤަތް ނެއނގިތިބެ އޭނާއަށް ކިޔުނު އެއްޗެއްސަށް ކައްފާރާއަކަށެވެ." 

ލޮބުވެތި އެކުވެރިންނޭވެ! ގޯސް މީހުން ގިނަވެދާނެއެވެ. ނަމަވެސް އެންމެންނާއިމެދު އެއްގޮތަކަށް ނުވިސްނާށެވެ. ޙަޤީޤަތް ނުބަލައި ހަމައެކަކަށްވެސް ނުބައި ބަސްތައް ނުބުނާށެވެ. މަދުފައިށާކޮޅެއްގެ މައްސަލައިގައި ނަރަކައަށް ނުވެއްޓޭށެވެ. ނަރަކައިގެ ހޫނުކަމަށް ބިރުވެތިވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން