ގިނަ ބައެއްގެ ދިރއުޅުން ހަލާކުވެ، ބަނގުރޫޓުވެ، ޢާއިލާތައް ރޫޅި، ދަރިން ނިކަމެތިވަމުން މިދާ އެންމެ ބޮޑު ސަބަބަކީ ޒިނޭކުރުން ޢާންމުވުމެވެ. ޒިނޭކުރުމާއި ފާޙިޝް ޢަމަލުތައް ހިންގުމަކީ ކައްވަޅުން ފެށިގެން އަލިފާނުން ޢަޖާބުދެއްވަވާ އެންމެ ބޮޑު ފާފައަކަށްވާއިރުވެސް ބިރުވެތި ނުވެވޭތީއެވެ.
"ޒިނޭ އާއި ގާތްވެސް ނުވުމަށް" އަންގަވާފައި އޮތުމުގެ އިތުރަށް އެއީ " އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ." ވަޙީބަސްފުޅުގައި އޮތްއިރުވެސް ގިނަ ބައަކަށް ވިސްނައިވެސް ނުލެވެނީއެވެ. ވިސްނާ މީހަކަށް މިހުރީ ހާދަބޮޑު، ގަދަފަދަ އިންޒާރުތަކެވެ.
ތިމާ މެންނަކީ ﷲ ތަޢާލާއަށް އީމާންވެ، ޤުރްއާން ޤަބޫލުކުރާ އަދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަން ޤަބޫލުކުރާ ބައަކު ކަމަށް ބުނާ ބައެއް މީހުން އެބަ ބުނެއެވެ. ޒިނޭ ނުކުރަން ޤުރްއާނުގައި އެބަ އޮތް ހެއްޔެވެ؟ ނިކަން ދައްކައިބަލާށެވެ!
އެފަދަ ބަސްތައް ބުނާ މީހުންނަށް މިއާޔަތްވެސް ހަމަ ނުވެސް ފެންނަނީ ހެއްޔެވެ؟
"އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ." (އަލްއިސްރާ: 32)
ދެން ނިކަން ބުނެބަލާށެވެ! އެކަމަކާއި ކައިރި ނުވެ އެކަމެއް ކުރާނީ ކިހިނަކުން ހެއްޔެވެ؟ ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ ޒިނޭ އާއި ކައިރިވެސް ނުވުމަށެވެ. ޒިނޭ އާއި ކައިރިނުވެ ޒިނޭކުރާނީ ކިހިނަކުން ހެއްޔެވެ؟
އަދި މިއާޔަތްވެސް ބަލާށެވެ!
"ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާ ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށްވުރެ، އެ ދެކަމުގެ ފާފަވެރިކަން މާބޮޑެވެ. އަދި އެއުރެން ހޭދަކުރަންވީ ކޮންއެއްޗެއްތޯ ކަލޭގެފާނާ އެއުރެން ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ހޭދަކުރަންވީ) އިތުރުވީ އެއްޗެކެވެ. އެފަދައިން ތިޔަބައިމީހުންނަށް ﷲ، (އެކަލާނގެ) ޙުކުމްތައް ބަޔާން ކޮށްދެއްވަނީ، ތިޔަބައިމީހުން ފިކުރު ކުޅައުމަށްޓަކައެވެ." (އަލް ބަޤަރާ: 219)
މީސްތަކުންނޭވެ! ﷲ ތަޢާލާ ވަނީ މީސްތަކުންނަށް ޙަރާމް ކުރެއްވެވި ކަންކަން ވަރަށް ފުރިހަމައަށް ބަޔާންކުރައްވަވައިފައެވެ. ވީމާ ޤުރްއާނުގައި މިވެނިކަމެއް ނުކުރަން ބަޔާން ކުރައްވަވާފައި ނެތްކަމަށް ނުބުނާށެވެ!
ބައެއް މީހުން ފަކުރުވެރިވެލާފައި އެބަބުނެއެވެ. "އަހަރެން އެހެން އުޅެފައި ދޭތެރެއަކުން މަދު ވައިންކޮޅެއް ބޯލަމެވެ." ބަލަ ތިއަ ފަކުރުވެރިވަނީ ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަމެއް ކޮށްފައި ހެއްޔެވެ؟ އަޢޫޛްބިﷲ .
މިއަދު ބަހަނާތައް ދެއްކިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ޖެހޭނީ ކުށަށް އިޢްތިރާފްވާށެވެ! ކޮންމެ މީހަކުވެސް ނަރަކައަށް ވަންނާނީ އެމީހާ ކުރި ކުށްތަކަށް އިޢްތިރާފްވާ ޙާލުގައެވެ.
- މުފްތީ މެންކުގެ ދަރުސަކުން