މަރްޔަމް ސާޖިދާ
އިންސާނާގެ ރީތިކަމަކީ ހަމައެކަނި އޭނާގެ ބޭރުފުށުގެ ސޫރައެއް ނޫނެވެ. އެހެނަސް އެއީ އޭނާގެ ނަފްސުގެ ތެރެއިން ފާޅުވާ މާތް ސިފަތަކެވެ.
މިގޮތުން އިންސާނާގެ ޝަޚުޞިއްޔަތު ޒީނަތްތެރިކޮށްދޭ އެންމެ އަގުބޮޑު ގަހަނާއަކީ 'ލަދުވެތިކަން' ކަމާމެދަކު ޝައްކެއް ނެތެވެ. މިއީ ހަމައެކަނި އަންހެނުންނަށް ޚާއްޞަ ސިފައެއް ނޫނެވެ. ނަމަވެސް، މިއީ އީމާންކަމުގެ ފުރިހަމަކަމާއި، އިންސާނާގެ އަބުރާއި ޢިއްޒަތުގެ ރައްކާތެރިކަމާ ގުޅިފައިވާ މަތިވެރި އައްޑަނައެކެވެ.
ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ."ލަދުވެތިކަމަކީ އީމާންކަމުގެ ގޮފިތަކުގެ ތެރެއިން ގޮތްޕެކެވެ." (ޞަޙީޙުލް ބުޚާރީ އަދި މުސްލިމް).
އަންހެނާގެ ލަދުވެތިކަމަކީ ހަމައެކަނި ހެދުންއެޅުމާއި ހަމައިން ނިންމާލެވޭނެ ކަމެއް ނޫނެވެ. ނަމެވެސް އަންހެނާގެ ކޮންމެ ކަމެއްގައި ލަދުވެތިކަމުގެ މާތް ސިފަ ހުރުން މުހިންމެވެ. ހިނގާބިނގާވެ އުޅޭ ގޮތާއި، މީހުނާއި މުޢާމަލާތްކުރުމާއި ހަމައެހެންމެ ދިރިއުޅުގެ ކޮންމެ ކަމެއްގައި ލަދުވެތިކަމުގެ މާތް ސިފައިން ޒީނާތްތެރިވާން ޖެހެއެވެ.
މޫސާގެފާނުގެ އަރިހަށް ހިނގާފައިދިޔަ އަންހެން ކަމަނާ ސިފަކުރައްވަވައި މާތް ﷲ ސޫރަތުލް ޤަޞަޞް ގައި ވަޙީ ކުރައްވާފައިވެއެވެ. "ފަހެ، އެ ދެ އަންހެނުންކުރެ އެކަކު ލަދުރަކިގޮތެއްގައި ހިނގާފައި އެކަލޭގެފާނުގެ އަރިހަށްއައިސް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބައްޕާ ކަލޭގެފާނަށް އެބަގޮވައިލައްވައެވެ. (އެއީ) ކަލޭގެފާނު ތިމަންމެންނަށް ފެން ދެއްވިކަމުގެ މައްޗަށް އުޖޫރައެއް ދެއްވުމަށްޓަކައެވެ. ފަހެ، އެކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާގެ އަރިހަށް) ވަޑައިގެން އެކަލޭގެފާނުގެ ވާހަކަ ކިޔައިދެއްވި ހިނދު، އެކަލޭގެފާނު (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާ) ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! އަނިޔާވެރިވީ މީހުންގެ ކިބައިން ކަލޭގެފާނު ސަލާމަތް ވެވަޑައިގެންފީމުއެވެ. (25) "
މި އާޔަތުގައި ﷲ ތަޢާލާ ޚާއްޞަގޮތެއްގައި އެކަމަނާގެ ހިނގުން ސިފަކޮށްދެއްވާފައިވަނީ، ލަދުވެތިކަން އެކުލެވޭ ހިނގުމެއްގެ ގޮތުގައެވެ.އެކަމަނާގެ ހިނގުމުގައިވަނީ ލަދުވެތިކަމާއި މަޑުމައިތިރިކަމެވެ. އެއްވެސް ޙާލެއްގައި މީހުންގެ ބެލުންތައް އަމާޒުވާނޭފަދައިން ސަމާލުކަން ހުއްޓޭނެ ފަދައިން ހިނގާފައި އެކަމަނާ ވަޑައިގަތީއެއް ނޫނެވެ.
ނަމަވެސް ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައިން ލަދުވެތިކަމުގެ މާތް ސިފަ ނެތެމުންދާކަމެވެ.ޚާއްޞަކޮށް މީސްމީޑިއާގެ މަންސަތަކުގައި، މިއަދު އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަނީ އެންމެ އެކަށިގެންވާގޮތެއްގައެއް ނޫނެވެ. ބައެއް މީހުނަށް ހީވެފައި އޮންނަގޮތުގައި ލަދުވެތިކަމަކީ ތިމާ ކުރިއަށް ދިއުމަށް އޮންނަ ހުރަހެކެވެ. ނަމަވެސް ޙަޤީޤަތަކީ ލަދުވެތިކަމުގެ މާތް ސިފައިން ތިމާގެ އަގު އިތުރަށް އަރައިގެންދާ ކަމެވެ.
ލަދުވެތިކަމަކީ، އަހަރަމެންގެ ޢިއްޒަތާއި ޤަދަރު މަތިވެރިކޮށްދީ، އަމިއްލަ ނަފްސުގެ ރައްކާތެރިކަމާއި، މުޖުތަމަޢުގެ އިޙްތިރާމް ހޯދައިދޭ މަތިވެރި ސިފައެކެވެ. ލަދުވެތިކަމުގެ މާތް ސިފައިން ޖަރީވެފައިވާ އުޚްތާއަކީ "ރަން ތާޖެއްގެ" ވެރިއެއްކަމާއިމެދު ޝައްކެތްނެތެވެ. ދުޢާ އަކީ އަޅަމެންނަކީ ލަދުވެތިކަމާއި، ރިވެތި އަޚްލާޤުގެ މާތް ސިފަތަކުން ޖަރީވެފައިވާ މުޖުތަމައެއް ކަމުގައި މެއްވުމެވެ.