ޙާލަތު މެދުވެރިވާ ގޮތަކުން ދުލުން ޛިކުރުތައް ކިޔަން އުނދަގޫވާ މީހުންވެސް ތިބެއެވެ. ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ބައްޔެއްގެ ސަބަބުން އުނދަގޫތަކެއް ނެތި ކުރާ ކަމެއްގެ ސަބަބުން ވަރުބަލިވެފައި އިންނައިރުވެސް ދުލުން ކިޔަންޖެހޭ ޛިކުރުތައް ހިތުން ކިޔަސް ފުދޭނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ.
ހިތުން އޮތީ ހަނދުމަކުރުމެވެ. އެއީވެސް ޛިކުރުކުރުމެވެ. އެހެންކަމާއިއެކުވެސް ދުލުން ކިޔަންޖެހޭ ޛިކުރުތައް ދުލުން ކިޔަން ސަމާލުކަންދޭންވާނެއެވެ. ދުލުން ޛިކުރުތައް ކިޔުމުގައިވެސް އެންމެ ފައިދާހުރި ގޮތަކީ ހިތްމައްޗަށް ގެންނަމުން ކިޔުމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ޤުރްއާން ކިޔެވުމާއި، ތަސްބީޙާއި، ތަޙްމީދާއި، ތަހްލީލާ، ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި، ނިދުމާއި ފާޚާނާއަށްވަންނަ ޛިކުރުތައްފަދަ ޛިކުރުތަކަކީ ދުލުން ކިޔުމަށް އައިސްފައިވާ ޛިކުރުތަކެވެ. މިފަދަ ޛިކުރުތަކުގައި ދޫ ޙަރަކާތްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެކެވެ. މިފަދަ ޛިކުރުތައް ކުރުމުން ލިބޭނެކަމަށް އައިސްފައިވާ ޘަވާބު ޙާޞިލުކުރެވޭނީ ދުލުން ކިޔައިގެންނެވެ.
މިފަދަ ޛިކުރުތަކާމެދު ވިސްނާ ފިކުރުކުރުމުން، ފިކުރުކުރުމާއި ތަދައްބުރުކުރުމުން ޘަވާބު ލިބުނުނަމަވެސް ދުލުންކިޔުމުން ލިބޭ ޚާއްޞަވެގެންވާ ޘަވާބެއް ޙާޞިލެއްނުކުރެވޭނެއެވެ.
އަދި ނަމާދުގެ ޛިކުރުތައް މީހެއްގެ ހިތުން އެ ޛިކުރުތައް ކިޔައިފިނަމަ އޭނާގެ ކިބައިން އެކަމެއް ޤަބޫލެއްނުކުރެވޭނެއެވެ. އެހެންކަމުން ދުލާއި، ދެ ތުންފަތް ޙަރަކާތްކުރަންޖެހޭނެއެވެ. އެހެނީ، އެ ޛިކުރުތަކަކީ ކިޔަންޖެހޭ ބަސްތަކެކެވެ. ދުލާއި ދެ ތުންފަތް ޙަރަކާތްކޮށްގެން މެނުވީ ކިޔަންޖެހޭ ބަސްތަކެއް ނުކިޔޭނެއެވެ.
- މަސްދަރު: ދިސަލަފިއްޔާ