ޘުވައިބާ-: ރަސޫލް ޞޢޥ އަށް ފުރަތަމަ ކިރުފޮދު އެރުއްވެވި ކަމަނާގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 4މ 25ސ
ޘުވައިބާ-: ރަސޫލް ޞޢޥ އަށް ފުރަތަމަ ކިރުފޮދު އެރުއްވެވި ކަމަނާގެ ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް

 

ޘުވައިބާއަކީ، އަބޫލަހަބުގެ އަޅުއަންހެނެކެވެ. އަބޫލަހަބަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބެއެކެވެ. ޘުވައިބާވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ތުއްޕުޅުއިރު އެކަލޭގެފާނަށް ކިރުފޮދު އަރުވައިފައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު ޙަމްޒަތުގެފާނަށްވެސް ކިރުފޮދު އެރުވީ އެކަމަނާއެވެ. މީގެ އިތުރަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރަޖަމަތިވެރި ޞަޙާބީ އަބޫސަލަމަތުގެފާނަށްވެސް އެކަމަނާވަނީ ކިރުފޮދު އަރުވާފައެވެ. އަބޫސަލަމަތުގެފާނަކީ މުއުމިނުތަކުންގެ މައިކަނބަލުން އުއްމުސަލަމަތުގެފާނުގެ އަލަތު ފިރިކަލުންނެވެ.  

ޘުބައިބާއަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އެންމެ ފުރަތަމަ ކިރުފޮދު އެރުވި ފަރާތެވެ. ޙަލީމަތުގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެންދަވައިފުމަށް ދާންދެން އެކަމަނާ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ކިރުފޮދު އެރުވިއެވެ. އެކަމަނާ މާތް صلّى اللّـه عليه وسلّم ރަސޫލާއަށް ކިރުފޮދު އެރުވީ އެކަމަނާގެ ދަރިކަލުން މަސްރޫޙު އާއެކުގައެވެ. 

އަބޫލަހަބު މަރުވުމަށްފަހު އެއްފަހަރަކު އޭނާގެ ޢާއިލާގެ މީހަކަށް ހުވަފެނުގައި އަބޫލަހަބު ފެނުނެވެ. އޭރު އޭނާ ހުރީ ވަރަށް ހުތުރު ސިފައެއްގައެވެ. އެކަމާ ބެހޭ ގޮތުން އޭނާއާ ސުވާލުކުރުމުން އޭނާ ބުންޏެވެ. [އަހަރެން ކަލޭމެން ދޫކޮށް އައިފަހުން އަހަރެންގެ ނަފްސަށް އެއްވެސް އަރާމެއްނުލިބެއެވެ. އަހަރެންނަށް ބޯންވެސް ލިބެނީ މިވަރުގެ ކުޑަކުޑަ ފެން ފޮދެކެވެ. މިހެންބުނެ އޭނާގެ ބޮޑުވައި އިނގިއްޔާއި ދެން ހުރި އިނގިލިތަކާމެދުގައިވާ ހުސްތަންކޮޅު ދައްކައިލިއެވެ. އެވަރުގެ ފެންފޮދެއް ބޯން ލިބެނީވެސް ޘުވައިބާ މިނިވަންކުރިކަމުގެ ސަބަބުންނެވެ.]  

މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم، ޘުވައިބާއަށް ވަރަށް ކަމޭހިއްތަވާ ހެޔޮފުޅުކޮށް ހިއްތަވައެވެ. އެކަލޭގެފާނު މައްކާގައި ހުންނެވިއިރު އެކަމަނާއާ ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓެވިއެވެ. ޚާއްޞަ ގޮތްކޮޅެއް ބެހެއްޓެވިއެވެ. އުއްމުލްމުއުމިނީން ޚަދީޖަތުގެފާނުވެސް އެކަމަނާގެ ފިރިކަލުންގެ ކިރުމައިކަނބަލުންނަށް ނުހަނު ޤަދަރު ކުރައްވައެވެ. އެކަމަނާ އެއްފަހަރު ޘުވައިބާ، އަބޫލަހަބުގެ އަތުން ބައްލަވައިގެން މިނިވަންކުރެއްވުމަށް ޤަޞްދުކުރެއްވިއެވެ. ނަމަވެސް އަބޫލަހަބު އެކަމަށް އިޢުތިރާޟު ކުރިއެވެ. ނަމަވެސް ފަހުން އަބޫލަހަބުވަނީ ޘުވައިބާ މިނިވަންކޮށްފައެވެ.  

މާތް ނަބިއްޔާ صلّى اللّـه عليه وسلّم، މަދީނާއަށް ވަޑައިގެންނެވުމަށްފަހު [ނޭވާފުޅުވެސް ނުލައްވައި] އުޅުއްވީ އިސްލާމީ ދައުލަތުގެ ބިންގާ އެޅުއްވޭތޯއެވެ. އަނެއްކޮޅުން މުޝްރިކުންވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ ޞަޙާބީންނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށްފައެވެ. މިހާ އަވަދިނެތި އުޅުއްވަމުންވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ، ޘުވައިބާގެ މަތީން ހަނދުމަފުޅު ކުރައްވައެވެ. އެކަމަނާއަށް ބަރާބަރަށް ހަދިޔާ ފޮނުއްވައެވެ.  

ދުވަސްތައް ފާއިތުވަމުން ގޮސް ހިޖުރައިން ހަތްވަނަ އަހަރުގެތެރޭގައި، އެކަމަނާ އަވަހާރަވެއްޖަކަމުގެ ހިތާމަވެރި ޚަބަރު މާތް ނަބިއްޔާ صلّى اللّـه عليه وسلّم، އަށް ލިބިވަޑައިގެންނެވިއެވެ. އެ ޚަބަރު ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. [އެކަމަނާގެ ދަރިކަލުން މަސްރޫޙު ދުނިޔޭގައި އެބަހުރި ހެއްޔެވެ؟] ޞަޙާބީން ދެންނެވިއެވެ. [މަސްރޫޙުވަނީ އެކަމަނާގެ ކުރީން ނިޔާވެފައެވެ.]  

ޘުވައިބާވަނީ އެންމެފަހުގެ ނަބިއްޔާ صلّى اللّـه عليه وسلّم އަށް ކިރުދުއެރުވުމުގެ ޝަރަފު ޙާޞިލުކުރައްވައިފައެވެ. އުޙުދު ހަނގުރާމައިގައި ޝަހީދުވެވަޑައިގެންނެވުމުން ޝަރަފުވެރި މަޤާމު ޙާޞިލުކުރެއްވި އިސްލާމީ ލަޝްކަރު ފަޚުރުކަމުގައިވާ ޙަމްޒަތުގެފާނަށް ކިރޮފޮދު އެރުވުމުގެ މާތްކަން ހޯއްދަވައިފައެވެ. އިސްލާމްދީނުގެ އެންމެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެން ބަބުރުކަރައަށާއި ޔަޘްރިބަށް އެންމެކުރީކޮޅުގައި ހިޖްރަކުރެއްވުމުގެ [މެޑަލް] ޖައްސަވައި އުޙުދު ހަނގުރާމައިގައި ލިބިވަޑައިގެން ޒަޚަމެއްގެ ސަބަބުން ޝަހީދުވި އަބޫސަލަމަތުގެފާނަށްވެސް ކިރުފޮދު އެރުވުމުގެ އިމްތިޔާޒީ ޚާއްޞަކަން ހޯއްދަވައިފައެވެ.

 

މިއަދު އޮންލައިން