ފަހުޒަމާނުގައި މުސްލިމުންގެ ޢަދަދު އިންތިހާއަށް އިތުރުވެގެންދާނެ ޒަމާނެއް އަންނާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. މިއަދު ފެންނަމުން މިދަނީ އެޙަދީޘްފުޅުގެ ތެދުކަމެވެ.
ދުނިޔޭގެ މިހާރުގެ އާބާދީއަށް ބަލައިފިނަމަ 7 ބިލިއަން މީހުންގެ ތެރެއިން 2 ބިލިއަނަވުރެ
ގިނައީ މުސްލިމުންނެވެ. އިސްލާމް ދީނުގައި ތިބީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅައެއްބައެވެ. އެހެންކަމާއިއެކުގައިވެސް މުޝްރިކުން އިންތިހާއަށް ކަންބޮޑުވެގެން މިއުޅެނީ ކީއްވެގެންހެއްޔެވެ؟
ޖަވާބު ވަރަށް ސާފެވެ! މުސްލިމުންގެ ތެރެއިން ދީން ދޫކޮށް ކާފިރުވަނީ މަދުމީހެކެވެ. ގިނަ ބައަކު އަންނަނީ އެމީހުން ތިބި ދީން ދޫކޮށް އިސްލާމްވަމުންނެވެ. މިހާރުގެ ނިޞްބަތަށް ބަލައިފިނަމަ 2030 ނިމޭއިރު ދުނިޔޭގެ އާބާދީގެ 40 އިންސައްތައަކީ މުސްލިމުންކަމުގައިވާނެ ކަމަށް އޮތީ ބެލެވިފައެވެ.
މިއީ މުސްލިމުން ކުރާ ލަފައެއް ނޫނެވެ. އެމީހުން ކުރާ ދިރާސާތަކުން ފެންނަ ގޮތް ކަމަށް އެމީހުން ބުނާ ބުނުމެވެ.
ދުނިޔޭގެ ކަންކޮޅުތަކަށް ވިސްނައިލާށެވެ! ބަލައިލި ކޮންމެ ދިމާއަކުން މިއަދު ފެންނާނީ ދާދިއެއްކަމެކެވެ. މުސްލިމުން އިސްލާމް ދީނުން ބޭރުކުރުމަށްޓަކައި ކާފިރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ތަނެވެ. އެކަމަށްޓަކައި ބޮޑެތި ހޭދަތައް ކުރަމުން ގެންދާތަނެވެ. މިއީ މިކަންކަން މިގޮތަށް މެދުވެރިވާނެކަން ޤުރްއާނުން އެނގެންހުރި ކަންކަމެވެ. ދުޢާއަކީ މުސްލިމުންގެ ގޮތުގައި ދާއިމަށް ދެމިތިބުމުގެ ތައުފީޤް ﷲ ތަޢާލާ ދެއްވެވުމެވެ.
﴿فسينفقونها ثم تكون عليهم حسرة ثم يغلبون﴾
"ދެންފަހެ އެއުރެން ހޭދަކުރާނެތެވެ. އަދި އެކަން އެއުރެންގެ މައްޗައްވާ ބޮޑު ގެއްލުމެއްކަމުގައި ވާނެތެވެ. ދެން އެއުރެން ބަލިކުރައްވާނެތެވެ."
إِنَّ الَّذِينَ كَفَرُوا يُنفِقُونَ أَمْوَالَهُمْ لِيَصُدُّوا عَن سَبِيلِ اللَّهِ ۚ فَسَيُنفِقُونَهَا ثُمَّ تَكُونُ عَلَيْهِمْ حَسْرَةً ثُمَّ يُغْلَبُونَ ۗ وَالَّذِينَ كَفَرُوا إِلَىٰ جَهَنَّمَ يُحْشَرُونَ
"ހަމަކަށަވަރުން، ކާފިރުވިވި މީހުން، ﷲގެ މަގުން މީސްތަކުން ދުރުކުރުމަށް، އެއުރެންގެ މުދާތައް ހޭދަކުރެތެވެ. ފަހެ، އެއުރެން އެތަކެތި ހޭދަކުރަމުން ގެންދާނެތެވެ. ދެން އެ މުދާތައް، އެއުރެންގެ މައްޗަށް ހުރި ހިތާމަޔަކަށް ވެގެންދާނެތެވެ. ދެން އެއުރެން ބަލިކުރައްވާނެތެވެ. އަދި ކާފިރްވިމީހުން ނަރަކައަށް ޖަމާކުރައްވާނެތެވެ." (އަލް އަންފާލް: 36)
މިއަދު ތަފާތު ބަހަނާތައް ދެއްކި ނަމަވެސް ކަންކަން ވަމުން އަންނަގޮތް ލޯތަކަށް ފެނެއެވެ. ނުކުންނަ ނަތީޖާވެސް ފެނެއެވެ. އެދުވަހުން ކަންކަން ވާނެ ގޮތްވެސް މިއޮތީ ފެންނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން