އައްނުޢުމާން ބިން ބަޝީރު ރޢ އުފަންވެވަޑައިގަތުމާއެކު ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލް ޞޢޥ ދެއްވެވި!

ކިޔުމަށް ހޭދަވާނީ 5މ 31ސ
އައްނުޢުމާން ބިން ބަޝީރު ރޢ އުފަންވެވަޑައިގަތުމާއެކު ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލް ޞޢޥ ދެއްވެވި!

ޢަލީ އިޙްޞާން ފިރާޤް

 

އައްނުޢުމާން ބިން ބަޝީރު ރަޟިޔަﷲ ޢަންހު މާތް ރަސޫލާ صلّى اللّـه عليه وسلّم  މަދީނާއަށް ހިޖްރަ ކުރެއްވިތާ ކުރީކޮޅު މަދީނާގެ އަންޞާރުންގެ ގަދަރުވެރި އާއިލާއެއްގެ ތެރެއަށް ކުއްޖަކު އުފަންވިއެވެ. އެ ކުއްޖާގެ މަންމަ އަލަށް އުފަންވި ކުއްޖާ ގޮވައިގެން މާތް ރަސޫލާގެ އަރިހަށް ވަޑައިގެންނެވިއެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަތްޕުޅަށް އެ ތުއްތު ކުއްޖާ ދެއްވިއެވެ. މާތް ރަސޫލާ ކުއްޖާ އުރުވަޑުވައިފައި ތަޙްނީކު ކުރެއްވިއެވެ. އަދި އެކުއްޖާއަކީ ރަނގަޅު ދިރިއުޅުމެއް އުޅެ، ޝަހީދެއްގެ ގޮތުގައި މަރުވެ، ސުވަރުގެ ވަންނާނެ ކުއްޖެއްކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. 

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު،

ވޮލޮޔުމް 5، ޞަފްޙާ 760} 

 ނަބަވީ ދޫފުޅުން އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެންނެވި މިދެންނެވި ބަރަކާތްތެރި ކުއްޖަކީ އައްނުޢުމާން ބިން ބަޝީރު ރަޟިޔަﷲ ޢަންހު އެވެ. އިބްނު ސަޢުދު ބަޔާން ކުރައްވާ ގޮތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم  މަދީނާއަށް ހިޖްރަކުރެއްވުމަށްފަހު އަންޞާރުންގެ ތެރެއަށް އެންމެ ފުރަތަމަ އުފަންވި ކުއްޖަކީ އައްނުޢުމާން ބިން ބަޝީރު ރަޟިޔަﷲ ޢަންހު އެވެ. 

އައްނުޢުމާން ބިން ބަޝީރު ރަޟިޔަﷲ ޢަންހު އަށް މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހުގައި ހޭދަކުރެއްވިފައިވަނީ ގާތް ގަނޑަކަށް އަށްވަރަކަށް އަހަރެވެ. އެކަލޭގެފާނުގެ ތުއްޕުޅުއިރުގެ ހަނދާންތައް އައުކުރައްވަމުން ވިދާޅުވެފައިވެއެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ، އަހަރެންނަށް ދެ މޭބިސްކަދުރު ކޯޅި ދެއްވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. [މީގެ ތެރެއިން އެއްކޯޅި ކާލާށެވެ. އަނެއްކޯޅި މަންމައަށް ގެންގޮސްދޭށެވެ.] ނަމަވެސް ތިމަން އެ ދެ މޭބިސްކަދުރު ކޯޅިވެސް ކާލީއެވެ. އޭގެފަހުން މާތް ރަސޫލާ صلّى اللّـه عليه وسلّم  އެތަކެއްޗާ ބެހޭ ގޮތުން ސުވާލުކުރުމުން ތިމަން ތިމަން އެ ދެ މޭބިސްކަދުރު ކޯޅިވެސް ކާލީކަމުގައި ދެންނެވީމެވެ. އެހެން ދެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم  ތިމަންގެ ކަންފަތުގައި ހިއްޕެވިއެވެ.

{އިބްނު ޢަބްދިލްބައްރު، އިސްތިޢާބު، ވޮލިޔުމް 4، ޞަފްޙާ 61} 

މާތް ރަސޫލާ صلّى اللّـه عليه وسلّم ، އެކަލޭގެފާނުގެ ކަންފަތްޕުޅުގައި ހިއްޕެވީ އެއްގޮތަކަށްވެސް އަނިޔާ ކުރެއްވުމުގެ ގޮތަކުން ނޫނެވެ. ނަމަވެސް އޯގާތެރިކަމާއެކު އިސްލާހުކުރެއްވުމުގެ ގޮތުންނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ސީރަތު ބަލައިފި މީހަކަށް އެކަލޭގެފާނަކީ އެއްގޮތަކަށްވެސް އަނިޔާވެރިކަމަށް ތަރްހީބު ދެއްވި ފަރާތެއް ނޫކަން އެނގޭނެއެވެ. 

ޢުމަރުގެފާނުގެ ޚިލާފަތުގައި ނުވަތަ ޢުޘްމާނުގެފާނުގެ ޚިލާފަތުގައި އައްނުޢުމާން ބިން ބަޝީރު ރަޟިޔަﷲ ޢަންހުއަށް ޒަކާތް ނެންގެވުމުގެ މަސައްކަތްޕުޅު ހަވާލު ކުރެއްވިއެވެ. ހިޖްރައިން 53 ވަނަ އަހަރުގައި ދިމިޝްޤުގެ ޤަޟީގެ މަގާމާ ހަވާލުވެވަޑައިގެންނެވިއެވެ. އެއަށްފަހު ޔަމަނުގެ ގަވަރުނަރުކަންވެސް ކުރެއްވިއެވެ. އޭގެފަހުން ކޫފާގެ ގަވަރުނަރުކަން 9 މަސްދުވަސްވަންދެން ކުރެއްވިއެވެ. އަމީރު މުޢާވިޔަތުގެފާނުގެ ދަރިކަލުން ޔަޒީދުގެ ވެރިކަމުގެ ދުވަސްވަރު އެކަލޭގެފާނު ކޫފާގެ ގަވަރުނަރުކަމުން ދުރުކުރެވުނެވެ. ދެން ޝާމުކަރައަށް ވަޑައިގެން ޙިމްޞުގެ ގަވަރުނަރުކަން ކުރެއްވިއެވެ. އެކަލޭގެފާނު ޝަހީދުވަންދެންވެސް ހުންނެވީ އެ މަގާމުގައެވެ. 

އައްނުޢުމާން ބިން ބަޝީރު ރަޟިޔަﷲ ޢަންހު ޙިމްޞުގެ ގަވަރުނަރުކަމުގައި ހުންނެވި ދުވަސްވަރު، މީހަކު އެކަލޭގެފާނުގެ އަރިހަށް އައިސް އޭނާގެ މާލީހާލަތުގެ ދަތިކަން ބަޔާންކުރިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [މިވަގުތު އަޅުގަނޑުގެ އަތުގައި ކަލެއަށް ދޭނެ އެއްވެސް އެއްޗެއް ނެތެވެ. ނަމަވެސް ޔަމަނުގެ މީހުންވަނީ ޙިމްޞުގެ މީހުންނަށް 20000 ދީނާރު ފޮނުވާފައެވެ. ކަލޭބޭނުން ނަމަ ޙިމްޞުގެ މީހުން ކައިރި އަހައިގެން އެހީ ލިބޭތޯ ބެލިދާނެއެވެ.] 

އެމީހާ އާނއެކޭ ދެންނެވުމުން އައްނުޢުމާން ބިން ބަޝީރު ރަޟިޔަﷲ ޢަންހު ތެދުވެވަޑައިގެން މިސްކިތުގެ މިންބަރަށް އަރާވަވަޑައިގެން މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ އަޚަކަށްވަނީ ދަތިކަމެއް ކުރިމަތިވެފައެވެ. ތިޔަބައިމީހުންގެ އެހީތެރިކަމަށް ބޭނުންވެފައެވެ.] މީސްތަކުން ޖަވާބު ދިނެއެވެ. [ކޮންމެ މީހެއްގެ މަތިން އޭނާއަށް އެއް ދީނާރު ދެއްވާށެވެ.] 

އައްނުޢުމާން ބިން ބަޝީރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [ނޫނެކެވެ. އޭގެ ބަދަލުގައި ކޮންމެ ދެމީހަކު އެއްވެގެން އޭނާއަށް އެއްދީނާރު ދޭށެވެ.] މީސްތަކުން ދެންނެވިއެވެ. [އަޅުގަނޑުމެން އުފަލާއެކު ގަބޫލުކުރަމެވެ.]  އައްނުޢުމާން ބިން ބަޝީރު ވިދާޅުވިއެވެ. [ބައިތުލްމާތުލް ތިޔަބައިމީހުންގެ ހަމަ ކޮންމެ މީހަކަށްވެސް ފައިސާ ނެގޭނެއެވެ. ނަމަވެސް ތިޔަބައިމީހުން ހުއްދަ ދެއްވައިފިނަމަ ތިމަންކަލޭގެފާނު އެންމެ ފުރަތަމަ އެހީތެރިކަން މި ނިކަމެތި މީހާއަށް ދޭންކަމަށެވެ.] މީސްތަކުން އެކަމާ އެއްބަސްވުމުން އައްނުޢުމާން ބިން ބަޝީރު ބައިތުލްމާލުން 10000 ދީނާރު ނަންގަވައި އެމީހާއަށް ދެއްވިއެވެ.

{އިބްނު ޢަބްދިލްބައްރު، އިސްތިޢާބު، ވޮލިޔުމް 4، ޞަފްޙާ 62} 

ޙުސައިންގެފާނު ޝަހީދުވުމަށްފަހު އިބްނު ޒުބައިރު ޙިޖާޒުކަރައިގައި ޚަލީފާކަން އިއުލާން ކުރެއްވިއެވެ. އައްނުޢުމާން ބިން ބަޝީރު ރަޟިޔަﷲ ޢަންހު ވެސް އިބްނު ޒުބައިރަށް ބައިއަތު ހިއްޕެވިއެވެ. ނަމަވެސް ޙިމްޞުގެ އަހުލުވެރިން އެކަމާ ނުރުހުން ފާޅުކުރިއެވެ. ބަޣާވާތް ކުރަންފެށިއެވެ. އެހެންކަމުން އެކަލޭގެފާނު ގަސްތުކުރެއްވީ ޙިމްޞުދޫކުރައްވާ ވަޑައިންގަންނަވާށެވެ. އެކަލޭގެފާނު ޝަހީދުކުރެވުނީ ޙިމްޞު ދޫކުރައްވަވާ ވަޑައިގެން މަގުމަތީގައެވެ. މި ހާދިސާ ހިނގައިފައިވަނީ ހިޖްރައިން 64 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. ނުވަތަ 65 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

އައްނުޢުމާން ބިން ބަޝީރު ރަޟިޔަﷲ ޢަންހު އަކީ ވަރަށް ޢިލްމުވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުން 114 ޙަދީޘް ރިވާވެގެންވެއެވެ. އޭގެ ތެރެއިން ފަސް ޙަދީޘެއްވަނީ ބުޚާރީ އާއި މުސްލިމު އިއްތިފާޤުން ރިވާކުރައްވައިފައެވެ. މީގެ އިތުރަށް ހަތަރު ހަދީޘް މުސްލިމު، އެއް ޙަދީޘް ބުޚާރީ ރިވާކުރައްވައިފައެވެ.

{އިމާމް ޛަހަބީ، ސިޔަރު ޢައުލާމުއް ނުބަލާއު، ވޮލިޔުމް 4، ޞަފްޙާ 494}

މިއަދު އޮންލައިން