ލިޔުމަކުންވިޔަސް ރާހިބަލައިފިނަމަ އެކުރެވެނީ ވަރަށް ނުރައްކާތެރިކަމެއް! ހޮރޮސްކޯޕް ކިޔަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 3ސ
ލިޔުމަކުންވިޔަސް ރާހިބަލައިފިނަމަ އެކުރެވެނީ ވަރަށް ނުރައްކާތެރިކަމެއް! ހޮރޮސްކޯޕް ކިޔަން ހެޔޮނުވާނެ!

ރާހިބެލުމަކީ މީހެއްގެ ގާތަށް ގޮސްގެން އެކަނި ކުރެވޭ ކަމެއް ނޫނެވެ. ތިމާއަށް ވާންހުރި ގޮތް ލިޔެފައި ހުންނަ ލިޔުން ކިޔުމަކީވެސް ހަމަ ރާހިބެލުމެވެ. ހޮރޮސްކޯޕް ނުވަތަ އެނޫން ނަމެއް ކީނަމަވެސް ޙަރާމް ކަމެއް ވާނީ ހަމަ ޙަރާމްކަމަކަށެވެ. ކިޔާ ނަމަކުން ޙަރާމް ޙަލާލުގެ ޙުކުމަކަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ.  

ތަކުރާރުކޮށްލާނަމެވެ! އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ރާހިބެލިކަމަށްވާނީ ކޮންމެވެސް ސިހުރުވެރިއެއްގެ ގާތަށް ގޮސްގެން ކަމެއް އޮޅުންފިލުވުމުން ކަމަށެވެ. ނުވަތަ ރާހިބަލައިދޭ މީހެއްގެ ގާތަށް ގޮސްގެން ކަންކަން އޮޅުން ފިލުވުން ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެކެވެ. ފޮތަކުން ނޫހަކުން ނުވަތަ މަޖައްލާއަކުން އެފަދަ ލިޔުމެއް ކިޔުންވެސް ހިމެނޭނީ ހަމަ ރާހިބެލުމުގެ ތެރެއިންނެވެ.  

ޔަޤީންކޮށްލައްވަން ތިރީގައިވާ ލިޔުން ވިދާޅުވާށެވެ!   

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 

ރާހިބެލުމަކީ އިރު ހިނގާ ބާރަ ބުރުޖުން އެ މީހަކު އުފަންވީ ރާހި ހޯދައިގެން ނަސީބު ހުރި ނެތްގޮތް ބެލުމެވެ. މިއީ މި ޒަމާނުގައި ނުޖޫމީ ޢިލްމުގެ (އެބަހީ: ފަލަކީ ހިސާބުންނާއި ފަލަކީ ހާލަތްތައް ބިމުގައި ހިނގައި ހާދިސާތަކާއި ގުޅުވާ އެ ހާދިސާތަކުގެ މައްޗަށް ފަލަކީ ހާލަތްތަކުން ދަލީލު ދެއްކުމުގެ) ތެރޭގައި ހިމެނޭ، އެކަމަކާމެދު ގިނަ ބަޔަކު ޣާފިލުވެފައިވާ ކަމެކެވެ. 

އެކި ރަމްޒުތައް ދެވިފައިވާ މި ރާހިތަކަށް އެތަކެއް މަޖައްލާތަކެއްގެ ބައި ޞަފުހާ ނުވަތަ ޞަފުހާއެއް ޚާއްސަ ކުރެވިފައި ހުރެއެވެ. މިއިން ކޮންމެ ރަމްޒަކާއެކު އެ ރާހީގައި މިވެނި ކަންކަމެއް ވާނޭކަމަށް ބުނެއެވެ. އެ މީހަކު އުފަންވެފައިވަނީ މިވެނި ރާއްސެއްގައިކަމަށް ވާނަމަ ކުރިއަށް އޮތް މަހުގައި އެ މީހަކަށް އެވެނި މިވެނި ކަންކަމެއް ވާނޭ ކަމަށް މި އެއްޗެހީގައި ބުނެއެވެ. މިފަދައިން ތަރިތަކާއި އިރު ހިނގާ ބުރުޖުތަކުން ބިމުގައި ހިނގާ އަދި ކުރިއަށް އޮތްތަނުގައި ހިނގާނެ ހާދިސާތަކަށް ދަލީލު ދެއްކުމަކީ ނުޖޫމީ ޢިލްމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އެއީ ކަހީނުކަމުގެ ވައްތަރެކެވެ.  

އެހެންކަމުން މިފަދަ އެއްޗެހި ނޫސްތަކާއި މަޖައްލާތަކުގައި ހިމެނޭކަމީ އެ ނޫސްމަޖައްލާތަކުގައި ކާހިނަކުވުންފަދަ ކަމެކެވެ. ވީމާ، ޝިރުކާއި ޣައިބު އެނގޭކަމަށް ދަޢުވާކުރުމާއި ސިހުރުފަދަ ކަންކަމަށް އިންކާރުކުރާ ފަދައިން މިއަށް ވެސް އިންކާރުކުރުން ވާޖިބުވެގެންވެއެވެ. އަދި ހުރިހާ ދަރަޖައެއްގައި މި ކަންކަމަށް އިންކާރު ކުރަން ޖެހެއެވެ. ކޮންމެ މުސްލިމަކުވެސް މި ފަދަ ލިޔުންތައް ގެއަށް ވެއްދުމާއި، އެ ތަކެތި ބެލުމާއި ކިޔުމުން އެއްކިބާވާން ޖެހެއެވެ. އެހެނީ މިފަދަ ލިޔުންތައް ކިޔުން ވެގެންދާނީ އިންކާރު ކުރުމެއް ނެތި ކާހިނަކު ގާތަށް ދިއުންފަދަ ކަމެއް ކަމުގައެވެ. 

އެމީހަކު ނިސްބަތްވާ ރާހި އެނގި ހުރެ އޭގައިވާ އެއްޗެއް ކިޔައިފި މީހެއްގެ 40 ދުވަހުގެ ނަމާދު އެމީހެއްގެ ކިބައިން ޤަބޫލު ނުކުރެވޭނެއެވެ. އެހެނީ އެކަމަކީ ކާހިނަކާ ސުވާލުކުރުންފަދަ ކަމެކެވެ. 

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

‏«مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ، لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ لَيْلَةً» [‏رواه مسلم / كتاب: السلام / باب: تحريم الكهانة وإتيان الكهان / رقم:‏ 125- (2230)]

މާނައީ: "ޣައިބުގައިވާ އެއްޗެއް އެނގޭކަމަށް ދަޢުވާ ކުރާ މީހެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި މީހާގެ 40 ރޭގެ ނަމާދު އޭނާ ކިބައިން ޤަބޫލު ނުކުރެވޭނެއެވެ." 

އަދި އެ ރާހިތަކުގައިވާ ވާހަކަތައް ތެދުކޮށްފި މީހާ ހަމަކަށަވަރުން ކުފުރުވެއްޖެއެވެ. 

ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

«مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ فِيمَا يَقُولُ، فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ» [رواه الحاكم في المستدرك برقم 15 وصححه الألباني في صحيح الجامع الصغير برقم 5939]

މާނައީ: "ޣައިބުގައިވާ އެއްޗެއް އެނގޭކަމަށް ދަޢުވާކުރާ މީހެއްގެ ގާތަށް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް އޭނާ ދައްކާ ވާހަކަތައް ތެދު ކޮށްފި މީހާ ދަންނައެވެ. محمد صلى الله عليه وسلم ގެ މައްޗަށް ބާއްވާލެއްވުނު ތަކެއްޗަށް (އެބަހީ: ޤުރުއާނާއި ސުންނަތަށް) ހަމަކަށަވަރުން އެމީހަކު ކުފުރު ވެއްޖެއެވެ."  

މިތަކެތީގެ އަހުލުވެރިންނަކީ ތައުޙީދާއި ދުރު ބަޔެކެވެ. އަމިއްލަ ނަފްސު ފާފައިން ސަލާމަތް ކުރުމަށްޓަކައި މިފަދަ ތަކެއްޗަށް ހުރިހާ ދަރަޖައެއްގައި އިންކާރު ކުރަން ޖެހެއެވެ. އަދި މިފަދަ ލިޔުންތައް ހިމެނޭ ނޫސް މަޖައްލާތައް ގެއަށް ވެއްދުމުންވެސް އެއްކިބާވާން ޖެހެއެވެ. އެހެނީ އެއީ ކާހިނަކު ގެއަށް ވެއްދުންފަދަ ކަމެކެވެ. އަދި އެއީ ބޮޑުވެގެންވާ ފާފައެކެވެ. އެހެންކަމުން މިފަދަ ލިޔުންތަކަށް ފުރިހަމައަށް އިންކާރުކޮށް، ގެއަށް ވައްދާ ނޫސްމަޖައްލާތަކުގައި ހުންނަ މިފަދަ ލިޔުންތައް ނައްތާލައިގެން ނަމަވެސް އަޅުގަނޑުމެންގެ ގެތަކާއި މުޖުތަމަޢު މިތަކެތިން ރައްކާތެރި ކުރަން ޖެހެއެވެ. 

މިޒަމާނުގައި މިކަންމިވަނީ ނޫސްމަޖައްލާތަކަށްވުރެވެސް ޢާންމު ވެފައެވެ. އެގޮތުން ސޯޝަލް މީޑިއާއިންނާއި މިކަމަށް ޚާއްޞަކުރެވިފައިވާ ތަފާތު އެޕްލިކޭޝަންތަކުން ރާހި (Horoscope) ބެލުމަކީ މިއަދު ވަރަށް ފަސޭހައިން ކޮށްލެވޭ ކަމެކެވެ. އަދި ބައެއްމީހުން މިއީ މާބޮޑުކަމެއްކަމުގައި ނުދެކި މިފަދަ އެއްޗެހި ބަލާ އެހެން މީހުންނާ ހިއްސާކޮށް ހަދައެވެ. ނަމަވެސް ހޮރޮސްކޯޕް ބެލުމަށް ޚާއްޞަކުރެވިފައިވާ މިފަދަ ތަކެތީގެ ބޭނުން ކުރުމަކީވެސް ބޮޑުވެގެންވާ ފާފައެކެވެ. އެފަދަ އެޕްލިކޭޝަންތަކުން ހޮރޮސްކޯޕް ބަލާމީހާ، ޙަދީޘްގައިވާ ފަދައިން ކާހިނެއްގެ ގާތަށް ގޮސް ކަމަކާމެދު ސުވާލުކުރާމީހެއް ފަދައެވެ. އޭނާގެ 40 ދުވަހުގެ ނަމާދު ޤަބޫލު ނުކުރެވޭ ހުއްޓެވެ. އެހެންކަމުން މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވަނީ މިފަދަ ކަންކަމަށް އިންކާރުކޮށް އެކަންކަމުން ދުރުހެލިވުމެވެ. 

އިސްވެ ބަޔާން ކުރެވުނު ނުކުތާ ތަކަކީ އެކަމުގެ ގެއްލުން ބޮޑު، އެ ކަމާމެދު އިންކާރު ކުރެވޭލެއް މަދު، އެކަމަށް ސަމާލުކަން ދެވޭލެއް ކުޑަ މައްސަލަތަކެކެވެ. ވީމާ، މިފަދަ މައްސަލަތައް މީސްތަކުންނަށް ބަޔާން ކޮށްދީ އެންމެހާ މުސްލިމު އަޚުންނާއި އުޚްތުން މިކަންކަމުން ރައްކާތެރި ކުރެވޭތޯ މަސައްކަތް ކުރަން ޖެހެއެވެ. އަޅަމެންނަކީ ހަޤީޤީ ތައުޙީދުގެ އަހުލުވެރިން ކަމުގައި ވާނީ އޭރުންނެވެ.

_____________________

މަޞްދަރު: التمهيد لشرح كتاب التوحيد للشيخ صالح بن عبد العزيز آل الشيخ (ص: 348-349)

 

- ޝައިޚް ޙަސަން ޒިޔާންގެ ލިޔުއްވުމެއް

 

މިއަދު އޮންލައިން