ޔޫސުފްގެފާނުގެ އަޚުން އެކަލޭގެފާނު އެބޮޑުވަޅަށް ވައްޓައިލީ އެވަޅުން ދުވަހަކުވެސް ސަލާމަތްވެވަޑައިނުގެންނެވޭނެކަމަށް ބަލައިގެންނެވެ. ވަޅުގައި އޮންނަވައި އަވަހާރަވާނެކަމަށް ބަލައިގެންނެވެ. ވީމާ އެއީ އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ.
އެހެނެއްކަމަކު މިޞްރުގެ ރަސްކަމުގައި ހުންނަވައިގެން އަޚުންނަށް ވިދާލުވި ބަސްފުޅު ހަނދުމަކުރާށެވެ. އެއީ ޝައިޠޯނާގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށެވެ. ސަބަބަކީ އަޚުންނަށް އެކަން ކުރެއްވެވުނީ ޝައިޠޯނާ އެކަމަށް ވަސްވާސްދިނުމުން ކަމަށްވާތީއެވެ.
ކޮންމެ މީހަކަށްވެސް ނުބައި ކަންކަން ކުރެވޭނީ ޝައިޠޯނާ ވަސްވާސްދިނުމުންނެވެ. އެވަސްވާސް ޤަބޫލުކުރެވިގެންނެވެ. އެހެންމީހުން ދެކެ ރުޅި އައިސް އަނިޔާވެރިވެވެނީވެސް އަދި ގެއްލުން ދެވެނީވެސް ޝައިޠޯނާ އެކަމަށް ވަސްވާސްދޭތީއެވެ. އެކަމަށް ވިސްނައި ކުރަން އޮތްކަމަކީ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުންނަން ގަދައަޅައި މަސައްކަތްކުރުމެވެ.
ދެން އޮތީ މީހަކު ރުޅިއައިސްގެން ތިބާއާއި ކުރިމަތިލުމެވެ. ނުވަތަ ދެރައެއް ދިނުމެވެ. އެޙާލަތުގައި އޭނާއަށް ބުނާށެވެ! "މިއީ ޝައިޠޯނާގެ ސަބަބުން ކުރިމަތިވި ކަމެކެވެ." އެއިރުން އަނެކާއަކީ އެއްވެސް ވަރަކަށް އީމާންތެރިކަން ހުރި މީހަކު ނަމަ އޭނާ ވިސްނައި ބިރުވެތިވާނެއެވެ. މައްސަލަ ޙައްލުކުރަންވެސް ބޮޑުތަނުން ފަސޭހަވެގެންދާނެއެވެ.
އެއިގެ ބަދަލުގައި "ކަލޭގެ ނުބައިކަމުން" ނުވަތަ "ތިއުޅެނީ ޝައިޠޯނާގެ ބަހަށް ހެއްލިގެން" ކަމަށް ފަދަ ބަސްތައް ބުނުމުން އެމީހަކުގެ ރުޅިވެރިކަމާ ޙަސަދަވެރިކަންވާނީ އިތުރެވެ. ހަމަ އެއާއެކު އޭނާއަށް ދީލަތިކަމާއިއެކު މާފުކުރާށެވެ! ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚުންނަށް މާފުކުރެއްވެވި ފަދައިންނެވެ. އެއިރުން ﷲ ތަޢާލާ ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން