އަނބިމީހާގެ މައްސަލަތައް ގިނަވެ އެކުގައި އުޅެވެން ނެތިގެން ޝަކުވާތަކެއްކުރި މީހަކާއި ސުވާލެއްކުރީމެވެ. އަނބިމިހާގެ ދީންވެރިކަންހުރީ ކިހިނަކުން ހެއްޔެވެ؟
ޖަވާބުގައި އޭނާ ބުނީ އެއީ ވަރަށް ތަޤްވާވެރި އަންހެނަކު ކަމަށެވެ. ދަމުނަމާދަށާއި ފަތިސްނަމާދަށް ހޭލައްވާކަމަށެވެ. ބަންގި ގޮވުމުގެ ކުރިން މިސްކިތަށްދާން ހަނދާންކޮށްދޭ ކަމަށެވެ. ކޮންމެ ދުވަހަކުވެސް ޤުރްއާނުން މިންވަރެއް ކިޔަވަން ބާރުއަޅާކަމަށެވެ. ފިލްމްބެލުން ފަދަ ކަންކަން ކުރަން ވަޤުތު ނަގައިނުލުމަށް ބާރުއަޅާކަމަށެވެ. އެއިގެ ބދަލުގައި ފައިދާހުރި ކަންކަމަށް ވަޤުތުހޭދަކުރަން ބުނާކަމަށެވެ.
ދެން އަހުރެން ސުވާލުކުރީ ލިބޭމިންވަރު މަދުވެ ކަންކަން ނުކުރެވިގެން ބޮލުގަ ކޮށާތޯއެވެ؟ އޭނާ ބުނީ އެފަދަ ޝަކުވާއެއް ނުކުރާކަމަށާއި ލިބޭ މިންވަރުން ފުއްދައިގެން އިންނަ ކަމަށެވެ. އަހުރެން ބުނީމެވެ. "ތިބާގެ އަނބިމީހާގެ ހުރި މައްސަލަތައް ކަމަށް ބުނެ ފާހަގަކުރި ހުރިހާ ކަމެއްގެމަތިން ހަނދާންނައްތައިލާށެވެ. ތިއައީ އެންމެ ހެޔޮލަފާ އަންތބެކެވެ. ފުރަތަމަކަމަކަށް އޭނާ މަސައްކަތްއެކުރަނީ ތިބާ ގޮވައިގެން ސުވަރުގެވަދެވޭތޯއެވެ. ދެވަނަކަމަކަށް ތިބާއަށް ލިބޭ މިންވަރަށް ޝުކުރުވެރިވެ އެބަ ކެތްތެރިވެއެވެ. ލިބޭވަރު މަދުވެގެން ޝަކުވާކޮށް ބޮލަށް އުނގުލެއް ނުކުރެއެވެ. އަހުރެންގެ ގާތަށް އަންނަ ގިނަފިރިންގެ ކަންބޮޑުވުމަކަށްވެފައި އޮންނަނީ އެމީހުންގެ އަނބިންގެ ކިބައިގައި ތިބާގެ އަނބިމީހާއާއި ދިމާއިދިކޮޅު ސިފަތައް ގިނަކަމެވެ.
ދެން ނިކަން ބުނެބަލާށެވެ! ތިއައުޅެނީ ދުނިޔެއާއި އާޚިރަތް ލިބިގަންނަން ތިބާއަށް ﷲ ތަޢާލާ ދެއްވެވި ރަނުގެ ފުރުޞަތު ނަގާލަން ހެއްޔެވެ؟ އެއްގޮތަކަށްވެސް އެގޮތަށް ކަންތައް ނުކުރާށެވެ. ތިބާގެ އަނބިމީހާއަކީ މިހާރު މަދުން ނޫނީ ނުލިބޭނެ އަގުބޮޑު ޖަވާހިރެކެވެ."
ދެން އަހުރެން އެދުނީ އަނބިމިހާގެ އުނިސިފަތަކަށް ނުވިސްނައި އޭނާގެ ހުރި ރަނގަޅު ސިފަތަކުގެ އަގުވަޒަންކޮށްގެން 3 މަސްދުވަހު އެކުގައި އުޅެފައި ދެމަފިރިން އެކުގައި އައިސް ބައްދަލުކުރުމަށެވެ. އޭނާ އަހުރެންގެ ބަސްޤަބޫލުކުރިއެވެ. ދެމަސްވެސް ނުވަނީސް ދެމަފިރިން އެކުގައި އައިސް އަހުރެންނަށް ޝުކުރުއަދާކުރިއެވެ. އުފާވެފައި ތިބިވަރުން އަނބިމީހާގެ އަތުން ތައްޔާރުކުރި ފޮނިކާއެއްޗެއްވެސް ގެނެސްދިނެވެ.
އެދެމަފިރިންނަށް ކުރެވުނު ކާމިޔާބު ތަޖުރިބާގެ ވާހަކަ އެންމެންނަށް ޙިއްޞާމިކުރީ މިކަންކަމަށް ވިސްނައި ޢަމަލުކުރުމުން އެންމެންނަށްވެސް ފައިދާކުރާނެތީއެވެ. ދިރިއުޅުން އުފާވެރިކުރެވޭނެތީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން